އަލްފާޟިލް އިބްރާހީމް ޝިޢުރީ
ގ. ގޯލްޑަންހައުސް

އިބްރާހީމް ޝިޢުރީއަކީ، ޓޭބަލް ޓެނިހުގައި ނަން މަޝްހޫރު ކުޅުންތެރިއެކެވެ. ކޯޗެކެވެ. ޚާއްޞަކޮށް، ކުޅިވަރުގެ ޢާއިލާއަށް ޝިޢުރީއޭ ބުނުމުން އިތުރު ތަޢާރުފަކަށް ބޭނުމެއްނުވާނެއެވެ. ޝިއުރީއަކީ، ޤައުމީ ކުޅިވަރުގައި ހޯދި އެންމެ ޝަރަފުވެރި ކާމިޔާބީގެ އެއް ޙިއްޞާދާރެވެ. ދެގޮތެއްނުވެ، ޓޭބަލްޓެނިހުގެ އިތުރުން، ޤައުމީ ކުޅިވަރަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ނަމޫނާ ކުޅިވަރު ޝަޚްޞިއްޔަތެކެވެ.

މެލޭޝިޔާއާއި، އިނގިރޭސިވިލާތުންވެސް ޝިޢުރީ، މަތީ ތަޢުލީމު ހާސިލު ކުރައްވާފައިވާއިރު، ޝިޢުރީގެ ޢާންމު ދިރިއުޅުއްވުމުގައި ވަގުތު ހޭދަކުރައްވަނީ، އަމިއްލަފުޅު މަސައްކަތުގައެވެ. އެއަރޕޯޓުތައް ތަރައްޤީ ކުރުމާއި، ޕްލޭނިންގގެ އެކިއެކި މަސައްކަތްތަކުގައެވެ. އަމިއްލަފުޅު މަސައްކަތުގައި ޝިޢުރީ އުޅުއްވި ކަމުގައިވިޔަސް، ޓޭބަލްޓެނިހަށް ދެއްވާ ސަމާލުކަމާއި އަހަންމިއްޔަތުކަމަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

ޓޭބަލްޓެނިސް އެސޯސިއޭޝަންގެ އެކްސްކޯގައިވެސް ޝިޢުރީ ހިމެނިވަޑައިގަންނަވައެވެ. އޭނާއަކީ މިހާރު ކާމިޔާބު ކޯޗެކެވެ. ޚާއްޞަކޮށް، ޓީޓީ އިން ރާއްޖެއަށް ގެނައި ފުރަތަމަ ތާރީޚީ ރަން މެޑެލްވެސް އަޅުވައިލި ނަމޫނާ ކޯޗެކެވެ.

ޝިޢުރީ، ޓީޓީ ކުޅުއްވަން ފެށްޓެވީ 1995 ވަނަ އަހަރުއެވެ. އޭރުވެސް ޝިޢުރީއަކީ، ރާއްޖޭގެ ޓީޓީގައި އެންމެ ކާމިޔާބު ކުޅުންތެރިޔާއެވެ. 2001 ވަނަ އަހަރުން ފެށިގެން ޤައުމީ ޓީޓީ ޗެމްޕިއަންކަންވެސް ޖެހިޖެހިގެން ފަސްއަހަރު ހޯއްދެވިއިރު، އިންޓަރސްކޫލް މުބާރާތްތަކުގައި އޭރު ޝިޢުރީއާ އަރައިހަމަކުރެވުނު ހަމަ އެއް ކުޅުންތެރިޔަކުވެސް ނެތެވެ.

ޓޭބަލްޓެނިސްގެ ރޮނގުން އެއްވަނަ މަގާމު ހާސިލު ކުރެއްވުމުގެ އިތުރުން، ޝިޢުރީއަކީ ޤައުމު ފަޚްރުވެރިވާފަދަ ކާމިޔާބީތަކެއް ހާސިލުކޮށްދެއްވާފައިވާ ބޭފުޅެކެވެ. 2011 ވަނަ އަހަރު ސީޝެލްސްގައި އަދި 2015 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ކުޅުންތެރިއެއްގެ ގޮތުގައި ޝިޢުރީ ވަޑައިގެންނެވިއިރު، އޭނާ ވަނީ އެތައް ޕްލެޓްފޯމެއްގައި ޤައުމު ތަމްސީލުކޮށްދެއްވާފައެވެ. ޚާއްޞަކޮށް، ޝިޢުރީއަށް ލިބިވަޑައިގެންނެވި އެންމެބޮޑު އެއް ޝަރަފަކީ، އުމުރުން އެންމެ 13 އަހަރުގައި ރާއްޖެ ތަމްސީލު ކުރައްވައި ތާރީޚީ ރެކޯޑެއްވެސް ހޯއްދަވާފައިވުމެވެ.

ޝިޢުރީއަކީ، މިހާތަނަށް ބައިނަލްއަޤްވާމީ މުބާރާތެއްގައި ރާއްޖެ ތަމްސީލުކުރި އެންމެ ހަގު ފިރިހެން ޓީޓީ ކުޅުންތެރިޔާއެވެ. އޭރު ޝިޢުރީގެ އުމުރަކީ 13 އަހަރެވެ. އަދި އުމުރުން އެންމެ 16 އަހަރުގައި ޒުވާނުންގެ ޤައުމީ އިނާމު އޭނާއަށް ވަނީ ލިބިވަޑައިގެންފައެވެ.

މަތީ ތަޢުލީމު ހާސިލު ކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމާ ހަމަޔަށް، ޝިޢުރީއަކީ، ޤައުމީ ޓީޓީ ޗެމްޕިއަނެވެ. ތަޢުލީމު ހާސިލުކުރެއްވިއިރު ދުވަސްކޮޅަކަށް މެދުކެނޑުނު ކަމުގައިވިޔަސް، ކިޔެވުމުގެ ތެރެއިންވެސް ހެޑްލައިންތަކުން އޭނާ ޖާގަ ހޯއްދެވިއެވެ. މުޅިން ތަފާތު ކަމަކުންނެވެ. ދުނިޔޭގެ ރެކޯޑު ފޮތުންނާއި، މެލޭޝިޔާގެ ބުކް އޮފް ރެކޯޑްސް އިން ޝިޢުރީ ޖާގަ ހޯއްދެވީ، މިނީ ކާރެއްގެ ތެރެއަށް އެއްފަހަރާ އެންމެގިނަ މީހުން އެރުމުގެ ރެކޯޑުގައި ހިމެނިގެންނެވެ. ކިޔަވަމުންދިޔަ ކޮލެޖުގެ 21 ދަރިވަރުން ހެދި އެ ރެކޯޑު، މުޅި މެލޭޝިޔާގައިވެސް މަޝްހޫރުކަން ހޯދިއެވެ.

މި ސަރަޙައްދުގެ މުބާރާތަކުންވެސް ޓީޓީ ޓީމަކުން ގެނައި ފުރަތަމަ ރަން މެޑެލްގެ މޭސްތިރިޔަކީ، އިބްރާހީމް ޝިޢުރީއެވެ. ފާޠިމަތު ދީމާގެ ކޯޗެއްގެ ގޮތުގައި ޝިޢުރީ ހުންނަވައި، އިންޑިއާގައި އޮތް ސައުތު އޭޝިއަން ހޯޕްސް މުބާރާތުން ރާއްޖެއަށް ރަން މެޑެލް ގެނެސްދެއްވިއިރު، މިއަހަރު ބޭއްވުނު އައި.އޯ.އައި.ޖީ އިން ރާއްޖެއަށް ތިން ރަން މެޑެއްޔާއި، ދެ ރިހި މެޑެލް ގެނެސްދެއްވި ޓީމުގެ ކޯޗެއްގެ ގޮތުގައިވެސް ފެނުނީ ޝިޢުރީއެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ގެނެސްނުދެވުނު ރަން މެޑެލް، ކޯޗެއްގެ ހައިސިއްޔަތުން ހޯއްދަވައިދެއްވައި ޤައުމު ހެއްވައިލިއިރު، އޭނާއަށް މުޅި ރާއްޖެ ކިޔާފައިވަނީ، ރަތް ދޫލައިގެ މަރުޙަބާއެކެވެ. މުޅި ޤައުމު ފަޚްރުވެރިކޮށްދިން ކޯޗެއްގެ ޝަރަފާއެކު ޝިޢުރީވަނީ، ކުޅިވަރުގެ ތާރީޚުގައި ރަންއަކުރުން ލިޔެވިގެންނެވެ.