އަލްފާޟިލް ޢިމްރާން މުޙައްމަދު
އަސުރުމާގެ، އދ. މަހިބަދޫ

ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ޢިމްރާން މުޙައްމަދަކީ، ފަހަކަށްއައިސް ރާއްޖޭގައި އުފެދުނު އެންމެމޮޅު ގޯލްކީޕަރޭ ދެންނެވުމަކީ، އެހެން ކުޅުންތެރިންނަށް ކުރެވޭ ބޭއިންސާފަކަށް ނުވާނެއެވެ. ފުޓުބޯޅަ ކުޅުއްވި ކުލަބުތަކަށް ހޯއްދަވައިދެއްވި ގިނަ ކާމިޔާބީތަކާއި، ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު ހޯދި ކާމިޔާބީތަކުގެ އިސް ސަފުގައި ހުންނެވި އެއް ބޭފުޅަކީ، ޢިމްރާން މުޙައްމަދެވެ.

ޢިމްރާނަކީ، މަދުރަސީ ދައުރުގައި، ވަރުގަދަ ޢަޒުމެއްގައި ފުޓުބޯޅަ ކުޅުއްވަން ފެށްޓެވި ބޭފުޅެކެވެ. 1989 ވަނަ އަހަރު އޭނާ ފުރަތަމަ ކުޅުއްވީ، ފޯވާޑަކަށެވެ. ގޯލްކީޕަރަކަށް ކުޅުއްވަން ފެށްޓެވީ، އުފަންރަށް މަހިބަދޫގައި ހުންނަ އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިންޓަރހައުސް ފުޓުބޯޅަ މުބާރާތުގައި 1995 ވަނަ އަހަރުއެވެ. އޭރުއްސުރެ ފެށިގެން އޭނާގެ ހިތްޕުޅުގައި ގޯލްކީޕަރަކަށް ކުޅުމުގެ ޝައުޤުވެރިކަން އިތުރުވެގެންދިޔައެވެ. މަހިބަދޫގައި ބާއްވާ އެންމެ ފޯރިގަދަ ފުޓުބޯޅަ މުބާރާތް ކަމުގައިވާ ޒުވާނުންގެ ފުޓުބޯޅަ މުބާރާތުގައި 1998 ވަނަ އަހަރު [ޔަންގް ފްރެންޑްސް] ޓީމަށް ކުޅުއްވައި، އެންމެމޮޅު ގޯލްކީޕަރުގެ މަޤާމު ހޯއްދެވިއެވެ. އޭގެފަހުން 1999 ވަނަ އަހަރު [ކުލަބު އީގަލްސް]ގެ މެނޭޖްމަންޓުން ހުށަހެޅި ފުރުޞަތު ގަބޫލުކުރައްވައި، އެ ކުލަބުގެ ފުޓްބޯޅަ ޓީމާއެކު ގަލޮޅު ދަނޑަށް ނުކުމެވަޑައިގެންނެވިއެވެ. އޭރު ޢިމްރާނުގެ ހުނަރުވެރިކަން ފެނި، އެކަމުގެ ޝައުޤުވެރިކަން ކުލަބުތަކުން ފާޅުކުރަމުން ގެންދިޔައެވެ.

ޢިމްރާން ކުޅުއްވި ކޮންމެ ކުލަބަކުންވެސް ފުޓުބޯޅައިގައި އެ ހޯދި ކާމިޔާބީތައް ހޯދުމުގެ އެއް ސިއްރަކީ، އިމްރާނުގެ ހިތްވަރާއި އޭނާގެ މޮޅު ކުޅުންކަމާމެދަކު ޝައްކެއްނެތެވެ. ކުލަބު ލެވެލްގައި މިހާތަނަށް ޢިމްރާން ހޯއްދަވާފައިވާ ގިނަ ކާމިޔާބީތަކަކީ، ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ގޯލްކީޕަރަކު ހޯދާފައިނުވާފަދަ ގިނަ ކާމިޔާބީ ތަކެކެވެ. ގޯލްކީޕަރަކަށް ހުންނަވައިގެން ގޯލެއް ޖެއްސެވުމުގެ ޝަރަފު ލިބިވަޑައިގަތުން އެއީ، ޢިމްރާނުގެ ފުޓުބޯޅައިގެ ޙަޔާތުގައި އައި އެންމެ އުފާވެރި އެއްދުވަހެވެ. އަޅުގަނޑުމެންނަށްވެސް ޙައިރާންކަން ގެނެސްދިން މި ގޯލަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައްހާސް ބައެއްގެ ތަޢުރީފު ލިބިފައިވެއެވެ. ދެ މިލިއަނަށްވުރެ ގިނަ މީހުން މި ލަނޑު، ޔޫ ޓިއުބުން ބަލާފައިވާކަން އެއީ މިކަމުގެ ހެއްކެކެވެ.

2000 ވަނަ އަހަރު ޤައުމީ ފުޓްބޯޅަ ޓީމަށް ކުޅުއްވަން ފެށްޓެވި ޢިމްރާން، މިހާތަނަށް ޤައުމީ ޓީމަށް 111 މެޗް ކުޅުއްވާފައިވެއެވެ. އެތައް އަހަރަކު އެއްވަނަ ގޯލްކީޕަރުކަމުގެ މަޤާމު އެކިއެކި މުބާރާތްތަކުގައި ވަނީ ހޯއްދަވާފައެވެ. އަދި ރާއްޖޭގެ ޤައުމީ ޓީމުގެ ގޯލު ބެލެހެއްޓުމުގައި ޢިމްރާން ހޭދަކުރައްވާފައިވާ މުއްދަތުގެ ތެރޭގައި ޝުކުރު ޙައްޤު އެތައް ކާމިޔާބީތަކެއް އޭނާވަނީ، ޤައުމަށް ހޯއްދަވައިދެއްވާފައެވެ.

މި ސަރަޙައްދުގެ އެންމެ ވާދަވެރި މުބާރާތް ކަމުގައިވާ [ސާފް ޗެމްޕިއަންޝިޕް] ފުޓުބޯޅަ މުބާރާތުގެ ތަށި 2008 ވަނަ އަހަރު ރާއްޖެއަށް ހޯއްދަވައިދެއްވުމުގައި ޢިމްރާން އަދާކުރެއްވި މުހިއްމު ދައުރުގެ މަތިން މިއަދުވެސް ހަނދާންކޮށްލަންޖެހެއެވެ. އަދި އެތަށި ރާއްޖޭގެ ޤައުމީ ޓީމު އުފުލައިލި ވަގުތު އެއީ، ޢިމްރާނުގެ ފުޓުބޯޅައިގެ ޙަޔާތުން ދުށް އެންމެ އުފާވެރި ވަގުތެވެ. އެއީ ޙަޤީޤަތެއްކަން ކަށަވަރުނުވެ ކުއްލި ޙައިރާންކަމެއްގައި ހުންނެވުނު ވަގުތެވެ. ތާރީޚީ އެތަކެއް ކާމިޔާބީތަކެއް ޤައުމަށް ހޯއްދަވައިދެއްވުމަށްފަހު، ޢިމްރާން ޤައުމީ ޓީމަށް ކުޅުއްވުން ހުއްޓަވައިލެއްވީ، ޤައުމީ ޓީމުގެ ގޯލް ބެލެހެއްޓުމުގެ ފުރުޞަތު، ޒުވާން އެހެން ކުޅުންތެރިންނަށް ތަނަވަސްކޮށްދެއްވުމުގެ މަޤްޞަދުގައެވެ.

މަހިބަދޫގައި ފުޓުބޯޅަ ކުރިއެރުވުމަށް [މަހިބަދޫ ސްޕޯޓްސް ކުލަބު]ގެ ނަމުގައި ރަޖިސްޓަރީ ކުރައްވާފައިވާ ކުލަބަކީ، ޢިމްރާނާއި، ބޭބެ އަޙްމަދު ޠާރިޤާ ދެ ބޭފުޅުން އުފައްދަވާފައިވާ ކުލަބެކެވެ. 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ފުރަތަމަ ޑިވިޜަންގައި އެ ކުލަބު ކުޅެފައިވެއެވެ. އެ ކުލަބު ހިންގުމުގައި މިހާރުވެސް އެކި ގޮތްގޮތުން ޢިމްރާން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވައެވެ.

ޢިމްރާނުގެ ޢަޒުމަކީ ފުޓުބޯޅައިގެ ރޮނގުން ޚާއްޞަކޮށް، ގޯލްކީޕަރުންނަށް ތަމްރީނު ދެއްވުމުގެ މަސައްކަތް ދާއިމީގޮތެއްގައި ހިންގެވުމެވެ. ޢިމްރާނުގެ އަބަދުގެވެސް އުއްމީދަކީ، ޤައުމީ ޓީމުގައި އޭނާއަށްވުރެ މޮޅަށް ކުޅެ، ޤައުމަށް ރީތި ނަން ހޯދައިދޭ ކުޅުންތެރިން، މި ދިވެހި ފަސްގަނޑުން އުފެދިގެންދިޔުމެވެ.