ޓައިނީ ހާޓްސް އޮފް މޯލްޑިވްސް

އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން މި އަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބޭ ”ޓައިނީ ހާޓްސް އޮފް މޯލްޑިވްސް “އަކީ، މީގެ 10 އަހަރު ކުރިން ވުޖޫދަށް އައި ޖަމުޢިއްޔާއެކެވެ. ޖަމުޢިއްޔާ އުފެދިގެން އައީ މައްޗަންގޮޅީ ރަންފަހި ފާޠިމަތު ހިޝްމަތު ފާއިޒާއި، މ.ފުއްޓަރު ޢަލީ މުޢާޒުގެ ފުރަތަމަ ދަރިފުޅު ކިޔާން އުފަންވީއިރު ހިތުގައި އުނިކަމެއް ހުރިކަން ދެނެގަނެވި، މި ބައްޔަށް ބޭސްކުރަމުން ދަނިކޮށް މި ދުނިޔެ ދޫކުރުމާ ގުޅިގެންނެވެ. އެއީ، ހިޝްމަތާއި މުޢާޒުގެ ހަޔާތުން ފުހެލެވޭނެ ދުވަހެއް ނޫނެވެ. އަދިވެސް އިއްޔެ ވީކަމެއްގެ ގޮތުގައި އެހަނދާންތައް އެދެކަނބަލުންގެ ހިތްޕުޅުގައި މިއަދުވެސް އެބަހުއްޓެވެ. އެ ހިތާމައިގައި ދުވަސްތައް ހޭދަކުރައްވަމުން ގެންދެވިއިރު، މިފަދަ ކަމެއް ދެވަނަ ޢާއިލާއަކަށް ތަޖުރިބާ ކުރަންޖެހުމަކީ، އިތުރަށް ގަބޫލުކުރެއްވޭނެ ކަމެއް ނޫންކަން ހިތްޕުޅަށް ތަޞައްވުރު ކުރެއްވުނެވެ. އެހެންކަމުން، އެ ހިތާމަވެރި އިޙްސާސްތަކުގެ ތެރެއިން ޖަމުޢިއްޔާ އުފެދިގެން އައީއެވެ. މަޤްޞަދަކަށްވީ، އުފެދުމުގައި ހުންނަ ހިތުގެ އުނިކަމުގެ ބައްޔަށް ހޭލުންތެރިކަން އިތުރުކޮށް، ދިވެހި މުޖުތަމަޢަށް މި ބައްޔާބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

”ޓައިނީ ހާޓްސް އޮފް މޯލްޑިވްސް “ވުޖޫދަށް އައި ދުވަސްވަރަކީ، ހިތުގެ އުނިކަން ހުންނަ ކުދިން ޞިއްޙީގޮތުން ދެނެގަތުމަށް ގޮންޖެހުންތަކެއް ހުރި ދުވަސްވަރެކެވެ. އަދި އެ ބައްޔާބެހޭ ވާހަކަވެސް ޢާންމުގޮތެއްގައި ދެއްކުން މަދު ދުވަސްވަރެކެވެ. އެކަމުގެ ހޭލުންތެރިކަން އޭރު ވަރަށް ކުޑައެވެ. ޓައިނީ ހާޓްސްގެ ފަރާތުން މި ބައްޔާބެހޭ ތަޖުރިބާކާރުން ރާއްޖެއިން ބޭރުން ގެނައިއިރު، ރާއްޖޭގައި ހިތުގެ ބަލީގެ ޑޮކްޓަރަކުވެސް ނެތެވެ. މި ބަލި ހުންނަ ކުދިންނަށް ޓައިނީ ހާޓްސްގެ ހީވާގި ދަރުމަވެރިންގެ މަސައްކަތުން އެކަށީގެންވާ ފަރުވާ ދިނުމަށާއި، ފަރުވާ ލިބޭނެ ތަންތަނަށް ދިޔުމަށް ގިނަގުނަ އެހީތަކެއް މިއަދު ދަނީ ލިބެމުންނެވެ. މި ބަލީގެ ކުދިން ތިބި ޢާއިލާތަކަށް އެހީތެރިވެދިނުމަށް 12 ކުދިންނާއެކު ފެށި މި މަސައްކަތް މިއަދު މިވަނީ 576 ކުދިންނަށް އިތުރުވެ، ކުރާ މަސައްކަތް އެތައް ގުނައަކަށް މަތިވެފައެވެ.

”ޓައިނީ ހާޓްސް އޮފް މޯލްޑިވްސް “އިން ކުރައްވާ އެންމެ މުހިއްމު އެއްކަމަކީ، ޤައުމީ އަދި ބައިނަލްއަޤްވާމީ ފަރާތްތަކާ ގުޅިގެން، ވިހެއުމުގެ ކުރިންނާއި، ވިހެއުމަށްފަހުގައި، އުފެދުމުގައި ނުވަތަ އެހެނިހެން ގޮތްގޮތުން ކުޑަކުދިންނަށް ދިމާވާ ހިތުގެ ބަލިތަކާ ބެހޭގޮތުން ވަރަށްފުޅާ ދާއިރާއެއްގައި މަޢުލޫމާތުދީ، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތެވެ. އަދި އުފެދުމުގައި ހިތުގެ މައްސަލަތައް ހުންނަ ކުދިންނަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ދޭންޖެހޭ ފަރުވާ އަވަހަށް ދިނުމުގެ މަސައްކަތެވެ. ހަމައެއާއެކު، ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓޭނެގޮތަށް ތުއްތުއިރުއްސުރެ ދިރިއުޅުން ބައްޓަންކުރުމުގެ މުހިއްމުކަން، މައިންބަފައިންނަށާއި ޢާއިލާތަކަށާއި ކުޑަކުދިންނަށް އަންގައިދިނުމާއި، ބަލި ދެނެގަތުމަށް ފަރުވާދެވޭނެ ސަރަޙައްދީ ހޮސްޕިޓަލްތަކަށް މަޢުލޫމާތާއި ލަފާ ދިނުމުގެ މަސައްކަތްވެސް އެ ޖަމުޢިއްޔާއިން ދަނީ ކުރަމުންނެވެ.

މިހާރުވެސް ”ޓައިނީ ހާޓްސް އޮފް މޯލްޑިވްސް] އިން ދަނީ ޑޮކްޓަރުންނަށާއި ޓީޗަރުންނަށް [ކޮންޖެނިޓަލް ހާޓް ޑިޒީޒް]އާ ބެހޭގޮތުން ތަމްރީނާއި މަޢުލޫމާތު ފޯރުކޮށްދެމުންނެވެ. އެގޮތުން، މާލޭގެ އެކި ހިސާބުތަކުގައި މިފަދަ އެތައް ޕްރޮގްރާމެއް ވަނީ ހިންގާފައެވެ.

މި ޕްރޮގްރާމުގެ ދަށުން ސޯޝަލް މީޑިއާއާއި، އެކިއެކި ވެބްސައިޓްތަކާއި، ފޮތްފޮތާއި، ވީޑިއޯއާއި އޯޑިއޯގެ ޒަރީޢާއިންވެސް ގެންދަނީ މަޢުލޫމާތު ފޯރުކޮށްދެމުންނެވެ.

2016 ވަނަ އަހަރުން ފެށިގެން، ހިތާއި ލޭނާރުތަކުގެ ބަލިތަކާ ބެހޭގޮތުން ހޭލުންތެރިކުރުވައި، މި ބަލިތަކުން ރައްކާތެރިވުމަށް ޢަމަލުތައް ބައްޓަންކުރަންވީ ގޮތްތައް ޢާންމުންނަށް އޮޅުންފިލުވައިދީ، އެކަމަށް މަސައްކަތް ކުރުމަކީވެސް ޖަމުޢިއްޔާގެ އަމާޒެކެވެ.

2016 ވަނަ އަހަރު [ދަ ހެލްތީ ހާޓް ހޭންޑް ބުކް]ގެ ނަމުގައި މުދައްރިސުން ތަމްރީނު ކުރުމަށް މި ޖަމުޢިއްޔާގެ ފަރާތުން އަތްމަތީ ފޮތެއް ނެރެފައިވެއެވެ. އަދި މި ފޮތަށް އަހުލުވެރިވުމަށް ހެލްދީ ހާޓް ޕްރޮގްރާމުގެ ދަށުން 200 އަށްވުރެ ގިނަ ޓީޗަރުންނަށް ތަމްރީނު ކޯސްތައް ހިންގާފައިވެއެވެ. ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައްވެސް އެ ޖަމުޢިއްޔާއިން ވަނީ ހިންގާފައެވެ.

މިވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ޓައިނީ ހާޓްސް އިން ކުރި މަސައްކަތްތަކަށް ބަލާއިރު، އުފެދުމުގައި ހިތުގެ ބަލިތައް ހުންނަ ކުދިންނަށް އަވަހަށް ފަރުވާދިނުމުގެ މުހިއްމުކަމާއި، އެކަމުގެ ހޭލުންތެރިކަން މުޖުތަމަޢުގައި މިހާރުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެއީ ޖަމުޢިއްޔާ އުފެއްދެވި ފާޠިމަތު ހިޝްމަތު ފާއިޒާއި، ޢަލީ މުޢާޒަށް ލިބިވަޑައިގަންނަވާ އެންމެބޮޑު އުފާފުޅެވެ. ޓައިނީ ހާޓްސްއަކީ މިއަދު ދަރުމަވެރިންގެ ގޮތުގައިވެސް ގިނަ އަދަދެއްގެ ޒުވާނުން ހަރަކާތްތެރިވަމުންދާ ޖަމުޢިއްޔާއެއްކަން މި ފުރުޞަތުގައި ފާހަގަކޮށްލަންޖެހެއެވެ.