އަލްފާޟިލް ޢަބްދުﷲ ޝަފީޤު
ނިޝާން، ހއ. ދިއްދޫ

މަސްވެރިކަމުގެ ދާއިރާއިން މަސްވެރިކަން ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ޢަބްދުﷲ ޝަފީޤުގެ ހިތްޕުޅުގައި މަސްވެރިކަމަށް ޝައުޤު އުފެދުނީ އޭނާގެ ބައްޕަ އެކަމަށް ބެހެއްޓެވި އަހަންމިއްޔަތު ކަމުގެ ސަބަބުންނެވެ. ޢުމުރުން 15 އަހަރުގައި ބައްޕައާއެކު މަހަށް ވަޑައިގަންނަވަން ފެށްޓެވިއެވެ. ފުރަތަމަ ފަޅުވެރިއެއްގެ ގޮތުގައި 10 އަހަރު މަސައްކަތް ކުރެއްވިއެވެ. އުމުރުން 25 އަހަރުގައި ޢަބްދުﷲ ޝަފީޤުގެ ކެޔޮޅުކަމުގައި މަސްއޮޑިފަހަރު ދުއްވަވަން ފެށްޓެވިއެވެ.

28 އަހަރުގެ ތެރޭގައި އެކިފަހަރު މަތިން 4 ދޯންޏެއް އަމިއްލަ ކެޔޮޅު ކަމުގައި މަހަށް ދުއްވާފައިވެއެވެ. މިއިން ކޮންމެ ދޯންޏެއްވެސް މަސްވެރިކަމަށް ދުއްވަވައިދެއްވާފައިވަނީ ކޮންމެ ހަފުތާއެއްގެ މަސްވެރިކަމުން ލިބޭ އާމްދަނީއިން ފަޅުވެރިންގެ ކެއުމުގެ ޚަރަދާއި، ތެލުގެ ޚަރަދާއި، ދޯންޏަށް ކުރަންޖެހޭ އެހެނިހެން ޚަރަދުތައް ކެނޑުމަށްފަހު ލިބޭ އެއްޗެއްގެ ދެބައިކުޅަ އެއްބައި ފަޅުވެރިންނަށް ލިބޭގޮތަށެވެ. އަނެއްބައި އޮޑިވެރި ފަރާތަށް ލިބޭގޮތަށެވެ.

މަސްވެރިކަމުން ޢަބްދުﷲ ޝަފީޤަށް ލިބިވަޑައިގެންނެވި އާމްދަނީއިން 18 ރިޔަނުގެ ދޯންޏަކާއި، 38 ރިޔަނުގެ ދޯންޏަކާއި، އަދި 40 ރިޔަނުގެ ދޯންޏެއް ބަންނަވާފައިވެއެވެ. މީގެތެރެއިން 40 ރިޔަނުގެ [ނިޢުމަތް] ދޯންޏަކީ، ދޮށީގެ މަސްވެރިކަމަށާއި، ބޮޑުކަންނެލީގެ މަސްވެރިކަމަށް 8.7 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ޒަމާނީ ފެންވަރެއްގައި ފައިބަރުން އުފައްދަވާފައިވާ ދޯންޏެކެވެ. [ނިޢުމަތް] ދޯނީގެ އޮޑިވެރިޔަކީ އަދި ކެޔޮޅަކީވެސް ޢަބްދުﷲ ޝަފީޤެވެ.

ޢަބްދުﷲ ޝަފީޤަކީ ޒުވާން ޖީލުގެ މަސްވެރިންނަށާއި، ރަށުގެ ޒުވާނުންގެ ތެރެއިން މަސްވެރިކަމަށް ޝައުޤު ހުންނަ ޒުވާން ކުދިންނަށް މަސްވެރިކަމާބެހޭ ހުނަރުތައް ދަސްކޮށްދެއްވައި، އެކަމަށް ކުދިން ޝައުޤުވެރިކުރުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްވެސްމެއެވެ. މީގެތެރޭގައި ދޯނި ދުއްވުމާއި، އެންވެރިކަން ކުރާނެގޮތާއި، ދޮށި އަޅާނެގޮތް ދަސްކޮށްދެއްވުން ހިމެނެއެވެ. ޢަބްދުﷲ ޝަފީޤުގެ ފަރާތުން ލިބުނު މަޢުލޫމާތާއި، ތަޖުރިބާއާއެކު އަމިއްލަ ކެޔޮޅުކަމުގައި މަހަށް ފުރާ ފަސް މީހުން މިހާރުވެސް ހއ. ދިއްދޫގައި މަސްވެރިކަން ކުރަމުންދެއެވެ.

ޖަމާޢަތަށް ފައިދާހުރި މަސައްކަތްތަކެއް ކޮށްދެއްވުމުގެ ގޮތުން ހއ. އަތޮޅު ދަށްބިތުގައި އަޅާފައިވާ މަސްކަނދުފަތީގައި ދާގަނޑު ހަރުކުރުމުގެ މަސައްކަތް، އަމިއްލައަށް އިސްނަންގަވައިގެން ކުރެއްވުމާއެކު، މި މަސައްކަތުގައި ބައިވެރިވި މީހުންގެ ކެއިންބުއިމާއި، ދޯންޏަށް ބޭނުންވާ ތެލުގެ ޚަރަދު އަމިއްލަފުޅަށް ހަމަޖައްސަވައިދެއްވާފައިވެއެވެ. ރަށުގެ މިސްކިތުގެ އާބާތުރަ ފިލުވުމުގެ ގޮތުން ކުރާ މަސައްކަތްތަކުގައި މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމާއި، ރަށުގައި އިޖުތިމާޢީ ގޮތުން ކުރެވޭ މަސައްކަތްތަކުގައި، ރަށު ކައުންސިލަށާއި، ކުލަބު ޖަމުޢިއްޔާތަކަށާއި، ރަށު ފެންވަރުގަޔާއި، ޤައުމީ ފެންވަރުގައި ފާހަގަކުރާ އެކިއެކި މުނާސަބަތުތަކުގައި މާލީގޮތުން އެހީތެރިވެދެއްވައި، ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ.

ޖަމާޢަތަށް ފައިދާހުރި ހިތްވަރުގަދަ ކަމެއް ކުރުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، 1992 ވަނަ އަހަރު ޢަބްދުﷲ ޝަފީޤަށް ވަނީ ލިބިވަޑައިގެންފައެވެ.

ޢަބްދުﷲ ޝަފީޤަކީ، މަސްވެރިކަމުގެ ޞިނާޢަތު ކުރިއެރުވުމުގެ މަތިވެރި ޢަޒުމުގައި ދޮށީގެ މަސްވެރިކަމާއި، ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގައި އަމިއްލަ އޮޑީގައި އަމިއްލަ ކެޔޮޅުކަމުގައި މިހާރުވެސް މަސްވެރިކަން ކުރައްވަމުން ގެންދަވާ ނަމޫނާ ކެޔޮޅެކެވެ.