ޑޮކްޓަރ ޢަބްދުﷲ ޖަމީލް
މ. ސްޓާރލިންގ އާގެ

އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން، މި އަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ޑޮކްޓަރ ޢަބްދުﷲ ޖަމީލަކީ، 1989 ވަނަ އަހަރު މަދީނާ މުނައްވަރާގެ އިސްލާމިކް ޔުނިވަރސިޓީ އިން މަތީ ތަޢުލީމު ހާސިލުކުރައްވައި ރާއްޖެ ވަޑައިގަތީއްސުރެ، ރާއްޖޭގެ ރައްޔިތުންގެ މެދުގައި އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރައްވައި، އިސްލާމީ ތަޢުލީމު އުނގަންނައިދެއްވުމަށް ތަފާތު ވަސީލަތްތަކުގެ ޒަރީޢާއިން މަޢުލޫމާތު ފޯރުކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ.

ޑޮކްޓަރ ޢަބްދުﷲ ޖަމީލު ފުރަތަމަ ޑިގްރީ ހާސިލު ކުރައްވާފައިވަނީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ޙަދީޘް އެންޑް އިސްލާމިކް ސްޓަޑީޒްގެ ރޮނގުންނެވެ. ޝަރީޢާއިން މާސްޓަރޒް ޑިގްރީ ހާސިލުކުރެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ. އޭގެފަހުން، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިން ޙަދީޘުން ޑޮކްޓަރ އޮފް ފިލޯސޮފީ ހާސިލު ކުރެއްވިއެވެ.

ކިޔަވައިވިދާޅުވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން، އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ، ދިވެހިރާއްޖޭގެ އަޑުގެ ރިލިޖަސް ޕްރޮގްރާމް ޕްރޮޑިއުސަރެއްގެ ގޮތުގައެވެ. ޖުލައި 2002ން ފެށިގެން ނޮވެންބަރު 2010އާ ހަމަޔަށް މެދުކެނޑުމެއްނެތި ދިވެހިރާއްޖޭގެ އަޑުގައި ޚިދުމަތް ކުރެއްވިއެވެ. ދިވެހިރާއްޖޭގެ އަޑުގެ ދީނީ ޕްރޮގްރާމްތަކާއި، [ދީނުގެ އަޑު]ގެ ބައެއް ޕްރޮގްރާމްތައް ޖަމީލު ތައްޔާރުކޮށްދެއްވާފައިވެއެވެ. އެ ޕްރޮގްރާމްތަކުގެ ތެރޭގައި، [ފަޖުރުތަރި] [ބިންގާ] [އާޔާތުލް އަޙްކާމް] [ނަމާދުކުރަން ދަސްކުރަމާ] ހިމެނެއެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ އަޑުން ފޮނުއްވާ [އަލީގެ މައްޗަށް އައްޔެއް] މި ޕްރޮގްރާމުގަޔާއި، [ދިވެހިންގެ މުޖުތަމަޢު] މި ޕްރޮގްރާމުގައިވެސް ތަފާތު މައުޟޫޢުތަކަށް ވާހަކަފުޅު ދައްކަވާފައިވެއެވެ.

ޑޮކްޓަރ ޢަބްދުﷲ ޖަމީލަކީ، ޓީ.ވީ މޯލްޑިވްސް އިން ފޮނުއްވާ [އިސްލާމީ ދިރިއުޅުން] މި ޕްރޮގްރާމް ހުށަހެޅުއްވުމުގައިވެސް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ވީ.ޓީ.ވީ އަށް މިހާތަނަށް ދީނީގޮތުން ހޭލުންތެރި ކުރުމުގެ 43 ޕްރޮގްރާމް އަދި ރާއްޖެ ޓީ.ވީ.އަށްވެސް އެފަދަ 100 އަށްވުރެ ގިނަ ޕްރޮގްރާމް ތައްޔާރުކޮށްދެއްވައި ހުށަހަޅުއްވައިދެއްވާފައިވެއެވެ.

ޑޮކްޓަރ ޢަބްދުﷲ ޖަމީލަކީ، ހުކުރު ޚުޠުބާވެސް ލިޔުއްވަމުން ގެންދަވާ ބޭފުޅެކެވެ. 2009 ވަނަ އަހަރު ހުކުރު ޚުޠުބާ ނުބަލައި ކިޔުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދެއްވި މަދު ބޭފުޅުންގެ ތެރޭގައިވެސް އޭނާ ހިމެނިވަޑައިގަންނަވައެވެ. އަދި މިހާރުވެސް ހުކުރުނަމާދާއި ޢީދުނަމާދު އިމާމުވެވަޑައިގެން ކުރައްވަމުން ގެންދަވައެވެ.

މިހާރު ޑޮކްޓަރ ޢަބްދުﷲ ޖަމީލަކީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގައި ސީނިއަރ ލެކްޗަރަރއެއްގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. ޤައުމީ ޔުނިވަރސިޓީގައި ކިޔަވައިދެއްވުމުގެ އިތުރުން، ވިލާ ކޮލެޖުގެ މާސްޓަރ އޮފް ޝަރީޢާ ކޯހުގެ ދަރިވަރުންނަށާއި، އިންސްޓިޓިއުޓް އޮފް ޤުރްއާން އެންޑް ސުންނާގެ ދަރިވަރުންނަށްވެސް ކިޔަވައިދެއްވައެވެ. ޢާންމު ރައްޔިތުންގެ ތެރެއިން ދީނީ ތަފާތު ކަންކަމާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ކުރާ ސުވާލުތަކަށް ޖަވާބު ދެއްވުމަކީވެސް ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ ކަމެކެވެ.

ރާއްޖޭގައި އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޑޮކްޓަރ ޢަބްދުﷲ ޖަމީލް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަކީ، އަޅުގަނޑުމެން ޝުކުރުވެރިކަމާއެކު ބަލައިގަންނަ މަސައްކަތްޕުޅުތަކެކެވެ.