އަލްމަރްޙޫމް ސައްޔިދު ޙަސަންގެ ހަނދާނަށް
މ. ދިއްގަލި

ކުޅިވަރުގެ ދާއިރާއިން، މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު، އެބޭފުޅެއްގެ ހަނދާނަށް އެރުވޭ ބޭފުޅަކީ، ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި މިހާތަނަށް އެންމެގިނަ ކާމިޔާބީތައް ހޯއްދަވާފައިވާ އަދި ތަފާތު ގިނަ ކުޅިވަރުތަކުން ރަން ވަނަތަކެއް ހާސިލު ކުރައްވާފައިވާ އަލްމަރްޙޫމް ސައްޔިދު ޙަސަނެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމެއް، އަލްމަރްޙޫމް ސައްޔިދު ޙަސަންގެ ހަނދާނަށް އެރުވުމަށް ނިންމެވީ، ރާއްޖޭގައި އުފެދުނު އެންމެމޮޅު ކުޅިވަރު އެއް ކުޅުންތެރިޔަކީ، ސައްޔިދު ޙަސަން ކަމަށްވެފައި، ސައްޔިދު ޙަސަންގެ ޚިދުމަތް މިހާތަނަށްވެސް ޤައުމީ ފެންވަރެއްގައި ބަލައިގަނެފައި ނުވުމާއި، އެ ކާމިޔާބީތަކަކީ ޤައުމީ ފެންވަރެއްގައި ބަލައިގަތުން ޙައްޤު ކާމިޔާބީތަކެއް ކަމަށް ފެނިވަޑައިގަންނަވާތީއެވެ.

ކުޅިވަރުގެ ތާރީޚުގައި އަލްމަރްޙޫމް ސައްޔިދު ޙަސަން ހޯއްދަވާފައިވާ ކާމިޔާބީތަކަކީ، ދިވެހި ތާރީޚުން ފޮހެވިގެންދާނެ ކާމިޔާބީތަކެއް ނޫނެވެ. ކުޅިވަރުގެ މާޒީގެ ޞަފްޙާތައް ހުޅުވައިލާއިރު، ސައްޔިދު ޙަސަންގެ ނަންފުޅު ހިމެނެނީ އެންމެ ކުރީގައެވެ. 2018 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 17 ވަނަ ދުވަހުގެރޭ އުމުރުން 60 އަހަރުފުޅުގައި އަވަހާރަވި ސައްޔިދު ޙަސަން ވާދަނުކުރައްވާ ކުޅިވަރެއް އަދި ކާމިޔާބީ ނުހޯއްދަވާ ކުޅިވަރެއް، 1970ގެ އަހަރުތަކުގެ ތެރޭގައި މާލޭގައި ބާއްވާފައެއްނުވެއެވެ. ފުޓްބޯޅަ، ވޮލީ، ޓެނިސް، ޓޭބަލްޓެނިސް، ކްރިކެޓް، ހޮކީ، ޗެސް، އަދި ބައިސްކަލް ރޭސްތަކުގައިވެސް ސައްޔިދު ޙަސަންގެ ވިދުން އެހާ ގަދައެވެ.

ސައްޔިދު ޙަސަން އެންމެ ފުރަތަމަ އަޅުގަނޑުމެންގެ ތެރެއަށް މަޝްހޫރުވެގެންދިޔައީ ޓީޓީ ކުޅުންތެރިއެއްގެ ގޮތުންނެވެ. 1973 ވަނަ އަހަރު ޗައިނާގައި ބޭއްވި އޭޝިއަން، އެފްރިކަން، ލެޓިން އެމެރިކަން ޓޭބަލްޓެނިސް ފްރެންޑްޝިޕް އިންވިޓޭޝަނަލް ޓޯނަމެންޓްގައި ބައިވެރިވި ރާއްޖޭގެ ޓީޓީ ޓީމުގައި ސައްޔިދު ޙަސަން ހިމެނިވަޑައިގެންނެވިއެވެ. ރާއްޖޭގެ ޓީޓީ ޓީމުން އެ މުބާރާތުގައި ކުވައިތު ބަލިކުރިއިރު، ސައްޔިދު ޙަސަންގެ ޢުމުރަކީ، އެންމެ 15 އަހަރެވެ.

1970ގެ އަހަރުތަކުގައި ވިކްޓްރީ ސްޕޯޓްސް ކްލަބާއި، މާލޭ ޓެނިސް ކްލަބާ ދެމެދު އޮތް ވާދަވެރިކަމުގައި ވިކްޓްރީއަށް ކުޅިވަރުގައި ކާމިޔާބީތައް ހޯއްދަވައިދެއްވުމުގައި ސައްޔިދު ޙަސަންގެ ދައުރު ވަރަށްބޮޑެވެ. ޓެނިސް ކްލަބް ފަހަތަށް ޖައްސައި، 1976 ވަނަ އަހަރު ވިކްޓްރީ ސްޕޯޓްސް ކްލަބުން ވާދަކުރި ހުރިހާ މުބާރާތެއް ކާމިޔާބުކުރިއިރު، އެންމެބޮޑަށް ވިދާލި ކުޅުންތެރިޔަކީ، ސައްޔިދު ޙަސަނެވެ. ސައްޔިދު ޙަސަން ކުޅުއްވި ކްލަބުތަކުން ޤައުމީ ޓެނިސް މުބާރާތް، ވިދިވިދިގެން 6 އަހަރު، ޓީޓީ ޗެމްޕިއަންކަން، 4 އަހަރު، ވޮލީ ޗެމްޕިއަންކަން 3 އަހަރު، އަދި ހޮކީ ޗެމްޕިއަންކަން 2 އަހަރު ހޯދިއެވެ.

1974 ވަނަ އަހަރު ވޮލީ ބޯޅައިގައި އެންމެ ވިދާލި ކުޅުންތެރިއެއްގެ ގޮތުގައި ހޮވިވަޑައިގެން، އެ އަހަރުގެ އެން.އެސް.އޭ ވޮލީބޯޅަ މުބާރާތުގެ އޯލް ސްޓާރއަކަށް ހޮވިވަޑައިގެންނެވިއެވެ. އެއަށްފަހު، 1975 ވަނަ އަހަރު ބައިސްކަލް ރޭހުން 1 ވަނަ، ޓީޓީ މިކްސްޑް ޑަބަލްސް ޗެމްޕިއަންކަމާއި، އަދި ވޮލީ ބޯޅައިގެ އޯލް ސްޓާރގެ މަޤާމު ހާސިލު ކުރެއްވިއެވެ. 1976 ވަނަ އަހަރަކީވެސް ސައްޔިދު ޙަސަންގެ ކުޅިވަރުގެ ޙަޔާތުގައި އަނެއްކާވެސް އެހާމެ ކާމިޔާބު އަހަރެކެވެ. ޤައުމީ ފެންވަރުގެ ހުރިހާ މުބާރާތެއްގައި ކުލަގަދަ ވަނަތަކެއް ހޯއްދެވިއެވެ. އަދި ވިދިގެން އައި 1977 ވަނަ އަހަރު ފުޓްބޯޅައިގެ އެންމެމޮޅު ފޯވަރޑުގެ މަގާމާއި، ހޮކީގެ އެންމެމޮޅު ކީޕަރުގެ މަގާމާއި، ބައިސްކަލް ރޭހާއި، ޓީޓީގެ ޗެމްޕިއަންކަން ހޯއްދެވިއެވެ. މި ކާމިޔާބީތަކާއެކު އޭނާ ވެވަޑައިގަތީ އޭރު މާލޭގައި ނުކުންނަމުންދިޔަ ނޫސް [ހަފްތާ]ގެ އަހަރުގެ އެންމެމޮޅު ކުޅިވަރު ޝަޚްޞިއްޔަތަށެވެ.

ރާއްޖޭގެ ކުޅިވަރުގެ ތާރީޚަށް ބަލާއިރު، ފާހަގަކުރެވޭ އެންމެ މުހިންމު ކަމަކީ، ސައްޔިދު ޙަސަން ހުރިހާ ކުޅިވަރެއްވެސް އެހާ މޮޅަށް ކުޅުއްވައި، އެހާ ގިނަ ކާމިޔާބީތައް ހޯއްދެވުމެވެ. އެދުވަސްވަރަކީ ރާއްޖޭގެ މޮޅު ހުރިހާ ކުޅުންތެރިންވެސް ހުރިހާ ކުޅިވަރެއް ކުޅުނު ދުވަސްވަރެކެވެ. އެހެންނަމަވެސް، ޙަސަން ފެނިގެންދިޔައީ ކޮންމެ ކުޅިވަރަކުންވެސް އެންމެ ހުނަރުވެރި ކުޅުންތެރިއެއްގެ ގޮތުގައެވެ.

ސައްޔިދު ޙަސަންގެ ކުޅިވަރުގެ ޙަޔާތަށް ހުރަސްއެޅިގެންދިޔައީ، އޭނާގެ ވިސްނުން ބަދަލުކުރައްވައި، ބޯޓު ދަތުރުކުރެއްވުމަށްޓަކައި ވަޑައިގެންނެވި ހިސާބުންނެވެ. ރާއްޖޭގެ ކުޅިވަރު ދަނޑުތަކުން ޙަސަން ގެއްލިގެންދިޔަކަން އެއީ ރާއްޖޭގެ ކުޅިވަރަށް ލިބުނު ވަރަށްބޮޑު ހީނަރުކަމެކެވެ.

ސައްޔިދު ޙަސަން ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ހޯއްދަވާފައިވާ ކާމިޔާބީތަކުގެ އަގު ދުވަހު ނޫސް [މިހާރު] އިން ވަޒަންކޮށް [މިހާރު އެވޯޑްސް ހަނދާނީ ފިލާ] ޙަސަންގެ ޢާއިލާއަށް ވަނީ މިއަހަރުގެ އޮގަސްޓުމަހުގެ 5 ވަނަ ދުވަހުގެރޭ ދެއްވާފައެވެ.

ސައްޔިދު ޙަސަން އަޅުގަނޑުމެންނާ ވަކިވެވަޑައިގެންނެވި ކަމުގައިވީނަމަވެސް، އެ ކާމިޔާބީތައް ދިވެހި ތާރީޚުން ފަޑުވެގެނެއް ނުދާނެއެވެ. އެކި ކުޅިވަރުތަކުގައި ސައްޔިދު ޙަސަން ހޯއްދެވި ކާމިޔާބީތަކަކީ، އެކަމުގެ އަގު އަބަދުވެސް ވަޒަންކުރެވޭނެ ކާމިޔާބީއަކަށްވާންޖެހޭނެކަން މިއަދުގެ ސަރުކާރުން ގަބޫލުކުރައްވައި، މިފަދަ ޝަރަފެއް ސައްޔިދު ޙަސަންގެ ހަނދާނަށް އަރުވާކަން އެއީ ސައްޔިދު ޙަސަންގެ ޢާއިލާއަށް އަދި ކުޅިވަރު ކުޅުންތެރިންނަށް ލިބޭ ވަރަށްބޮޑު އުފަލެއްވެސްމެއެވެ.