ޕްރޮޕް ޕްރައިވެޓް ލިމިޓެޑް

1994 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 23 ވަނަ ދުވަހު އޭރުގެ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގައި ރަޖިސްޓަރީ ކުރެވުނު ޕްރޮޕް ޕްރައިވެޓް ލިމިޓެޑަކީ، ރާއްޖޭގައި ޢިމާރާތްކުރުމުގެ ދާއިރާގެ ކުރީ ސަފުގައި ގުނާލެވޭ ކުންފުންޏެކެވެ. މި ވޭތުވެދިޔަ 17 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޢިމާރާތް ކުރުމުގެ ގިނަގުނަ މަޝްރޫޢުތައް މި ކުންފުނިން ވަނީ، ހިންގާފައެވެ. އޭގެތެރޭގައި، ރަށްރަށުގެ ހެލްތު ޕޯސްޓްތަކާއި، އަތޮޅު ހޮސްޕިޓާތަކާއި، ޞިއްޙީ މަރުކަޒުތަކާއި، ރަށްރަށުގެ ސްކޫލްތަކާއި، ތަޢްލީމީ މަރުކަޒުތަކާއި، އެތަންތަނަށް އަލަށް އިތުރުކުރެވޭ އިމާރާތްތަކާއި، ރަށުއޮފީސްތަކާއި، ރަށުކޯޓުތަކާއި، މިސްކިތްތަކާއި، ރައްޔިތުންގެ ގެސްޓްހައުސްތަކާއި، ރަށްރަށުގެ ޢާންމު ފަރުދުންގެ ގޭގެއާއި، މާލެއާއި ވިލިމާލެއާއި ހުޅުމާލޭގެ ބައެއްތަންތަން ޢިމާރާތްކުރުން ހިމެނެއެވެ.

ޕްރޮޕް ޕްރައިވެޓް ލިމިޓެޑުން ޢިމާރާތްކޮށްފައިވާ ފާހަގަކޮށްލެވޭ ބައެއް ތަންތަނުގެ ތެރޭގައި، އައްޑޫސިޓީގެ 4 ބުރީގެ ސަރަޙައްދީ އޮފީސް ޢިމާރާތާއި، އައްޑޫސިޓީ އާރު.އޭ.އެފް. ސެންޓަރުގެ ޕަވަރ ސްޓޭޝަނާއި، ހިތަދޫ ޕޯޓް އެޑްމިން 4 ބުރީގެ ޢިމާރާތާއި، ކ. ގުރައިދޫގައި ތިބޭ ދައުލަތުގެ ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒުގެ އޮފީސް ޢިމާރާތާއި، އެ މަރުކަޒުގެ އެކަމަޑޭޝަން ބްލޮކާއި، ހދ. ކުޅުދުއްފުށީ ދަނާލުގެ ދެބުރީގެ އެކަމަޑޭޝަން ޢިމާރާތާއި، ހުޅުމާލެ ލޫނާ ހޮޓަލުގެ 4 ބުރީގެ ޢިމާރާތާއި، މާލޭގެ ބައެއް ގޭގެ ހިމެނެއެވެ. މީގެއިތުރުން، ހއ. އުލިގަމުގައި ޢިމާރާތްކުރި 10 ބީޗްވިލާއާއި، މިހާރު ޢިމާރާތް ކުރެވެމުންދާ ނ. ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓާއި، ލ. ގަމު މެޖިސްޓްރޭޓް ކޯޓާއި، ހދ. ނޮޅިވަރަންފަރު ހެލްތް ސެންޓަރާއި، ހުޅުމާލެ 3 ޕްލޮޓްގައި 4 ތަރީގެ ހޮޓަލެއް ޢިމާރާތް ކުރުމުގެ މަސައްކަތާއި، ފުވައްމުލަކުގައި މިހާރު ޢިމާރާތްކުރަމުންގެންދާ ލަގްޒަރީ ބުޓިކް ހޮޓަލުގެ މަސައްކަތް ހިމެނެއެވެ. 

މި ކުންފުނިން ޢިމާރާތްކުރި ތަންތަނުގެ ތެރެއިން، ބައެއް މިސްކިތްތަކާއި، ބައެއް ޞިއްޙީ މަރުކަޒުތަކާއި، ރައްޔިތުންގެ ބައެއް ގެސްޓްހައުސްތަކާއި، ބައެއް ސްކޫލްތަކަކީ، މި ކުންފުނީގެ ޚާއްޞަ އެހީތެރިކަމާއެކު ޢިމާރާތްކޮށްދީފައިވާ ތަންތަންކަން ފާހަގަކޮށްލެވެއެވެ.

ޢިމާރާތްކުރުމާ ގުޅޭ ގިނަ މަސައްކަތްތައް ކުރުމަށް ތިލަފުށީގައި ކާޕެންޓްރީއެއްވެސް އެ ކުންފުނިން ހަދާފައިވެއެވެ. އަދި ޢިމާރާތްތަކަށް ބޭނުންވާ ދޮރާއި ދޮރުފަތާއި، ގޮނޑި މޭޒާއި، މިނޫންވެސް ވަޑާމުގެ ގިނަ މަސައްކަތްތަކެއް، އެ ކާޕެންޓްރީގައި ކުރަމުން ގެނެދެއެވެ. 

އަތޮޅުތަކުގައި އެ ކުންފުނިން މަސައްކަތް ކުރަމުން ގެންދާއިރު، އެ މަސައްކަތްތަކަށް އެ ސަރަޙައްދުން މީހުން ހޯދައިގެން މަސައްކަތް ކުރުމަކީ، ކުންފުނިން ވަރަށްބޮޑު އިސްކަމެއް ދެމުންގެންދާ ކަމެކެވެ. އެކަމުގެ ސަބަބުން މަސައްކަތް ކުރުމަށާއި، ވަގުތަށް މަސައްކަތްތައް ނިންމުމަށް ވަރަށްބޮޑު ފަސޭހަތަކެއް ކުންފުންޏަށް ލިބެމުންދެއެވެ. އަދި ރަށުގެ ތަރައްޤީއަށްވެސް އެކަމުން ފައިދާތަކެއްކޮށް، މަސައްކަތް ދަސްކުރުމުގެ ފުރްޞަތު، ގިނަ ބަޔަކަށް ލިބެއެވެ.

ރާއްޖޭގައި އަތޮޅުތަކުގައި މި މަޝްރޫޢުތައް ހިންގަމުން ގެންދާއިރު، އެރަށެއްގައި އިޖްތިމާޢީ ގޮތުން ކުރެވޭ މަސައްކަތްތަކުގަޔާއި، ރަށުގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައި، ކުންފުނީގެ ފަރާތުން ޢަމަލީގޮތުން ބައިވެރިވެ އެހީތެރިވެދެމުން ގެންދިޔުމަކީވެސް، ކުންފުނިން ވަރަށް ޚާއްޞަ ސަމާލުކަމެއްދޭ ކަމެކެވެ. އަދި ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި، ރަށްރަށުގެ ރައްޔިތުންނަށް އެކިކަންކަމުގައި އެހީތެރިކަން ފޯރުވައިދެމުންވެސް ގެންދެއެވެ.

ކުންފުނީގެ މައިގަނޑު މަސައްކަތަކީ، ޢިމާރާތްކުރުން ކަމަށްވީހިނދު، ޢިމާރާތް ކުރުމުގެ ދާއިރާގައި، އިހު ޒަމާނުއްސުރެ ގެންގުޅެމުން ގެންދިޔަ އާދަކާދަތައް، ޒަމާނީ އުޞޫލުތަކަށާއި ފިކުރަށް ބަދަލުކޮށް، މަސައްކަތްކުރާ ފަރާތްތަކާއި މަސައްކަތް ޙަވާލުކުރާ ފަރާތަށް މަސައްކަތުގެ ލާބައާއި މަންފާ ލިބޭގޮތަށް މަސައްކަތް ރާވައި ކުރިއަށް ގެންދިޔުމަކީވެސް، ކުންފުނިން ވަރަށްބޮޑު އިސްކަމެއްދޭ ކަމެކެވެ. 

ކުންފުނީގެ މަސްއޫލުވެރިންނަކީ، ފުވައްމުލަކު ނޫރީފެހި ޢަލީ އަޙްމަދު ނަޞީރާއި، އޭނާގެ އަނބިކަނބަލުން މައްޗަންގޮޅީ ރީނދޫމާގޭ ހުޅަނގުބައި އާމިނަތު ރަޝީދާއެވެ. ކުންފުނީގެ މެނެޖިންގ ޑިރެކްޓަރަކީވެސް، ޢަލީ އަޙްމަދު ނަޞީރެވެ.