އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަން
ހ.ފަތަނގުމާގެ

އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަނަކީ، އަދަބުގެ އެންމެ މަޤްބޫލު އެއް ފަންނުކަމުގައި ހިމެނޭ ވާހަކަ ލިޔުމުގެ ޒަރީޢާއިން ދިވެހި އަދަބިއްޔާތަށާއި ދިވެހި ޒުވާން ޖީލަށް އިސްލާމީ ތާރީޚު ތަޢާރުފުކޮށްދެވޭތޯ މަސައްކަތްކުރައްވަމުން ގެންދެވި ބޭފުޅެކެވެ.

އޭނާ އެންމެ ފުރަތަމަ ތަރުޖަމާކުރުމުގެ މަސައްކަތް ފެށްޓެވިކަމަށްވަނީ، ރަށުގެ މަދަރުސާގައި ކިޔަވާވިދާޅުވުމަށް އުޅުއްވި ދުވަސްވަރުއެވެ. އެއަށްފަހު މާލެ ވަޑައިގެން، މާލޭގައި ނުކުންނަމުންދާ "އަމާޒު" މިމަޖައްލާއަށް އިސްލާމީ ތާރީޚާބެހޭ ކުދިކުދި މަޤާލާތަކާއި ކުރު މަޟުމޫނުތައް ލިޔުއްވަމުން ގެންދެވިއެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރްކަޒުގެ ފަރާތުން ނެރުއްވާ ފަތްތޫރައިގެ ޞަފުޙާތަކުންވެސް އޭނާ އުރުދޫބަހުން ދިވެހިބަހަށް ތަރުޖަމާކުރައްވާފައިވާ އިސްލާމީ ތާރީޚާބެހޭ އަދި އިސްލާމީ ބައެއް ޚަލީފާއިންގެ ސިޔަރަތާބެހޭ ދިގު ސިލްސިލާތައް އެއީވެސް، އޭނާގެ ޚިދުމަތުގެ ބައެކެވެ.

ތަރުޖަމާކުރެއްވުމުގެ އިތުރުން ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުންވެސް އޭނާއަކީ، ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ވާހަކަ ދެއްކުންތެރިކަމުގެ މައްޗަށް އޭނާ ލިޔުއްވާފައިވާ ފޮތާއި، ޞިއްދީޤު އަބޫބަކުރުގެފާނާބެހޭ ގޮތުންވެސް ފާރޫޤުވަނީ، ފޮތެއް ލިޔުއްވާފައެވެ.