އަލްފާޟިލާ މަޙްމޫދާ ޝަކީބު
ގ.މަސްއޮޑިގެ

           އަޅުގަނޑުމެންގެ ބަހާއި ޘަޤާފަތު ދިޔަ ވަރަކަށް ދިވެހި ލަވަކިޔުން ފަދަ ކަންތައްތަކަށް ޢާއްމުންގެ ތެރޭގައި ދެވޭ ތަރުޙީބު އަންނަނީ، އިތުރުވަމުންނެވެ. އެހެންކަމުން، ދިވެހި ލަވަކިޔުންތެރިންވެސް އައީ ރާއްޖޭގައި އިތުރުވަމުންނެވެ.

           އަލްފާޟިލާ މަޙްމޫދާ ޝަކީބު ލަވަކިޔުއްވަން ފަށްޓަވާފައިވަނީ، ޢުމުރުން 13 އަހަރުގައެވެ. ލަވަ ކިޔުއްވަން ދަސްކުރައްވަން އުޅުއްވުމުގައި، އާއިލާގެ މެމްބަރުންގެ ތެރެއިން ޙަމްދީބެއާއި، ޝަކީބުބޭގެ އިތުރުން ހެޔޮއެދިލައްވާ ރަޙްމަތްތެރީންގެ ތެރެއިން ޢަބްދުލްޙަންނާން މޫސާދީދީއާއި، ސައިކުރާ އިބްރާހީމް ނަޢީމާއި، ނަސީމާ މުޙައްމަދު ކަލޭފާނުގެ ފަރާތްޕުޅުން ކަމާބެހޭ މަޢުލޫމާތާއި އެހީ ލިބިވަޑައިގެންފައިވާތީ، އެފަރާތްތައް ވަރަށް ބޮޑަށް ހަނދުމަ ކުރައްވައެވެ.

           ރެކޯޑްކުރެވިފައިވާ ލަވަތަކުގެ ތެރެއިން ކިޔުއްވާފައިވަނީ، އަލްފާޟިލް ޔޫސުފް މުޙައްމަދުފުޅު ހައްދަވާފައިވާ "ތިން ލަފްޒުން މީދޭ" މިލަވަކަމަށް މަޙްމޫދާ ޤަބޫލުކުރައްވައެވެ.

           މީގެ ކުރީ ދައުރުގައި އޮތް "އޮލިމްޕިއަންސް"ގެ ގްރޫޕްގައި އުޅުއްވޭނޭގޮތް މެދުވެރިވިކަން އެއީ މިކަމުގައި ކުރިޔަށްދިއުމަށް ލިބިލެއްވި ވަރަށް ރަނގަޅު ފުރުޞަތެއްކަމަށް އޭނާ ދެކެލައްވައެވެ. މިހާރު އޭނާ އުޅުއްވަނީ، ދިވެހިރާއްޖޭގެ އަޑުގެ މިޔުޒިކް ގްރޫޕްގެ ލަވަކިޔުންތެރިއެއްގެ ގޮތުގައެވެ. އެންމެ ފަސޭހަކަމާއެކު ލަވަ ކިޔުއްވެނީ، ޢަބްދުލްޙަންނާން މޫސާދީދީއާއެކުކަމަށް މަޙްމޫދާ ބުނުއްވައެވެ.