އަލްފާޟިލް ޤާސިމް އިބްރާހީމް
މ.މާފަންނުވިލާ

ވިޔަފާރީގެ އާ ރޮނގުތަކާއި، އާ މާރުކޭޓްތައް ހޯއްދެވުމަށްޓަކައި ޤާސިމް އިބްރާހީމް މަސައްކަތްކުރައްވަމުން ގެންދަވައެވެ. އޭނާއަކީ، މިރޮނގުގައި ރާއްޖެއަށް ފައިދާހުރި ތަފާތު މަސައްކަތްތައް ހަލުވިކަމާއެކު ކުރައްވަމުން ގެންދަވާ ބޭފުޅެއްވެސްމެއެވެ.

އަލްފާޟިލް ޤާސިމް އިބްރާހީމް ވިޔަފާރީގެ ރޮނގުގައި ފުރަތަމަ ފެށްޓެވީ، ގަނެ ވިއްކުމުގެ މަސައްކަތެވެ. އެއަށްފަހު، އެމް.ޖީ.ބީ.އެސް، އޭ.ޓީ.އޭ، އެސް.ޓީ.އޯ.ގެ ފިހާރަތަކުން މުދާ ނަގައިގެން ވިއްކަވައި ހެއްދެވިއެވެ. ނަމަވެސް މިހާރު އޭނާ ކުރައްވާ މައިގަނޑު މަސައްކަތަކީ، ތެލުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރެއްވުމާއި، ބޯޓްފަހަރު ދުއްވުމެވެ. މީގެއިތުރުން ސިމެންތި، ލަކުޑި، ކިރުގެ ބާވަތްތައް، ޢާއްމުންނަށް ކޮންމެހެން ބޭނުންވާ ތަކެތި ރާއްޖެއަށް އެތެރެކުރައްވައެވެ. ތެލުގެ ބާވަތްތައް ރާއްޖެއަށް ގެންނަވަނީ، ތެޔޮ އުފުލާގޮތަށް ތައްޔާރުކުރައްވާފައިވާ އޭނާގެ އަމިއްލަ ބޯޓުންނެވެ. ރާއްޖޭގައި އުފައްދާ ތަކެތީގެ ތެރެއިން ލޮނުމަސް ބޭރުކުރުމުގެ މަސައްކަތް ކުރައްވާފައިވެއެވެ. އޭނާގެ ވިޔަފާރީގެ ދާއިރާ ފުޅާ ކުރައްވަމުން ގެންގޮސް މިހާރު ޓޫރިޒަމްގެ މަސައްކަތްވެސް ވަރަށް އެދެވޭ ގޮތެއްގައި ކުރައްވަމުން ގެންދަވައެވެ. މިކަމަށް ބޭނުންވާނެ ހުރިހާ ފަސޭހަތަކެއް އޭނާ ވަނީ، ހޯއްދަވާފައެވެ. ހަމަ މުޅިންމެ އަމިއްލަ މަސައްކަތުންނެވެ.