ޕްރޮފެސަރ ޙަސަން ޢުޤައިލް
ސ.ހިތަދޫ/ ވެސްޓް ބްރީޒް


އާ އުފެއްދުންތަކުގެ ދާއިރާއިން ނުވަތަ އިނޮވޭޝަންގެ ދާއިރާއިން ފުރަތަމަ ފަހަރަށް ޤައުމީ އިނާމެއް އެރުވޭ ބޭފުޅަކީ، ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސައިންސް ޕްރޮފެސަރުގެ މަގާމު ޙާޞިލުކުރައްވާފައިވާ ޕްރޮފެސަރ ޙަސަން ޢުޤައިލެވެ.

ޕްރޮފެސަރ ޢުޤައިލް ވަނީ ދުނިޔޭގެ ފެންވަރުގައި ތަފާތު ދިރާސާތައް ކުރައްވައި، އެ ދިރާސާތަކުން ތަފާތު ކާމިޔާބީތައް ޙާޞިލުކުރައްވާފައެވެ. މިގޮތުން، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބްރެޑްފަރޑުން 2010 ވަނަ އަހަރު ދެއްވަން ފެށްޓެވި އެންމެ ޝަރަފުވެރި އެވޯރޑް ކަމަށްވާ [ވައިސް ޗާންސެލާރސް އެކްސެލެންސް އިން ނޮލެޖް ޓްރާންސްފާރ އެވޯރޑް] އެންމެ ފުރަތަމަ ޙާޞިލުކުރެއްވި ބޭފުޅަކީ، ޕްރޮފެސަރ ޢުޤައިލެވެ. މި އެވޯޑް ޢުޤައިލަށް ލިބިވަޑައިގަތީ، [ޑިޖިޓަލް ޑޭޓާ] ރައްކާކުރުމާ ގުޅޭގޮތުން ޢުޤައިލު ކުރެއްވި އީޖާދާ ގުޅިގެންނެވެ. އަދި ޢުޤައިލުގެ ބެއްލެވުމުގެ ދަށުން ކުރިއަށްދިޔަ [މާސްޓަރސް އޮފް ސައިންސް]ގެ ޕްރޮޖެކްޓަކަށް ބީ.ބީ.ސީ.އިން [ބީ.ބީ.ސީ އެޑިޔުކޭޝަން އެންޑް ކޮމިޔުނިޓީސް ޕާރޓްނާރޝިޕް އެވޯރޑް ފޮ އިނޮވޭޝަން] ވެސް ޢުޤައިލަށް ވަނީ ލިބިވަޑައިގެންފައެވެ. މީގެއިތުރުން، ސްޕެއިނާއި، އެމެރިކާއާއި، ކެނެޑާއާއި، ސިންގަޕޫރާއި، ތުރުކީފަދަ ޤައުމުތަކުގައި [ރިސާރޗް ޕާރޓްނާރސް] ބައިތިއްބަވައިގެން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ދިރާސާތަކެއްވެސް ޢުޤައިލު  މިހާރު ގެންދަވަނީ ކުރައްވަމުންނެވެ.  

ޕްރޮފެސަރ ޢުޤައިލަކީ، ސައިންސްގެ ރޮނގުން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ތަފާތު އީޖާދުތައް ކުރައްވައި، ތަފާތު އެކި ޕްރޮޖެކްޓްތައް ރާއްވަވައި ހިންގަވަމުން ގެންދަވާ، ކުޅަދާނަ ސައިންޓިސްޓެކެވެ. އިނޮވޭޝަންގެ ދާއިރާއިން ޕްރޮފެސަރ ޢުޤައިލަށް ޤައުމީ އިނާމެއް މިއަދު މި ލިބިވަޑައިގަންނަވަނީ، ކޮމްޕިއުޓަރު މެދުވެރިކޮށް ރައްކާކުރެވޭ ތަފާތު [ޑިޖިޓަލް ޑޭޓާ] މިހާރަށްވުރެ ފަސޭހައިން ރައްކާކޮށް، އެތަކެތި އެއްތަނުން އަނެއްތަނަށް ފޮނުވޭނެ އާ ގޮތްތަކުގެ ތިން އީޖާދެއް ކުރައްވައި، މި ތިން އީޖާދު ޕޭޓަންޓް ކުރައްވާފައިވާތީއެވެ. ޢުޤައިލުގެ މި އީޖާދުތަކުގެ އުފެއްދުންތައް ބާޒާރަށްވެސް ވަނީ ނެރުއްވާފައެވެ.

މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، [ޓެންޖެންޓިކްސް]ގެ ނަމުގައި އާ ކުންފުންޏެއް އުފައްދަވައި، ތްރީޑީ ގްރަފިކް މޮޑެލިންގ ބޭނުންކުރައްވައިގެން، ވީޑިއޯ ގޭމާއި ފިލްމުގެ ގްރަފިކްސްގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ޢުޤައިލު ގެންދަވަނީ ކުރައްވަމުންނެވެ. އަދި ދޮގު މަޢުލޫމާތުދޭ މީހުން، އެމީހުންނަށް ނޭނގޭނެހެން ސިއްރުގައި ފާހަގަކުރުމަށްޓަކައި ތާރމަލް އިމޭޖިންގއާއި ބާރުގަދަ ސޮފްޓްވެއަރއެއް ބޭނުންކުރައްވައިގެން [ނޮން-އިންވޭސިވް ލައި ޑިޓެކްޝަން ޓެކްނޮލޮޖީ]ގެ ނަމުގައި އެކަމަށް އެކަށީގެންވާ ތަޙުޤީޤީ ނިޒާމެއްވެސް ވަނީ، ފަރުމާކުރައްވާފައެވެ. މި ނިޒާމު މިހާރުދަނީ އިނގިރޭސިވިލާތުގެ ވައިގެ ބަނދަރެއްގައި ޓެސްޓް ކުރެވެމުންނެވެ. މީގެއިތުރުން، ޕްރޮފެސަރ ޢުޤައިލް ވަނީ ޖައްވީ އުޅަނދެއް ފަރުމާކުރުމަށް ބޭނުންވާ ސޮފްޓްވެއަރއެއް، އެމެރިކާގެ ޤައުމީ ޖައްވީ އިދާރާ (ނާސާ) އަށް ތައްޔާރުކޮށްދެއްވާފައެވެ. އަދި މޫނު ދެނެގަނެވޭނެފަދަ ޚާއްޞަ [ތްރީޑީ ފޭޝަލް ރެކޮގްނިޝަން ޕްރޮގްރާމެއް] ވެސް އޭނާވަނީ، ތައްޔާރުކުރައްވާފައެވެ. މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމުގެ އާ ނިޒާމެއް ހެއްދެވުމުގެ މަސައްކަތްވެސް ޢުޤައިލު ވަނީ ކުރައްވާފައެވެ.

ޕްރޮފެސަރ ޢުޤައިލަކީ، އޭނާއަށް  ލިބިވަޑައިގެންފައިވާ ޢިލްމުގެ އަލީގައި ރާއްޖެއަށްވެސް ވަރަށް އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން، ރާއްޖެ ކަހަލަ ނާޒުކު ތިމާވެށްޓެއް އޮންނަ ޤައުމަކާ އެކަށީގެންވާފަދަ ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ނިޒާމެއް ކަމަށްވާ [އަކުއާޕޯނިކްސް] ބޭރުގެ އެހީގައި ރާއްޖެއަށް ތަޢާރުފްކުރެއްވުމަށްޓަކައި، ޕްރޮފެސަރ ޢުޤައިލް އިސްކޮށް ހުންނަވައިގެން، ނ. ކެނދިވަރުގައި ޚާއްޞަ މަޝްރޫޢެއް ހިންގަވަމުން އެބަ ގެންދަވައެވެ. މިދެންނެވި [އަކުއާޕޯނިކްސް] ގެ ނިޒާމަކީ، ތަރުކާރީއާއި، މޭވާގެ ބާވަތްތައް މަސްމަހާމެހީގެ އެހީގައި ހެއްދޭނެ ތިމާވެށްޓާ ރައްޓެހި ދަނޑުވެރިކަމުގެ ނިޒާމެކެވެ. ޕްރޮފެސަރ ޢުޤައިލްގެ މިހާރުގެ އަމާޒަކީ، މެރިން ބައޮލޮޖިކަލް ސެންޓަރެއް، ނ. ކެނދިވަރުގައި ޤާއިމުކުރައްވައި، ޒަމާނީ ފެންވަރެއްގައި އެތަން ތަރައްޤީ ކުރެއްވުމެވެ.

ރާއްޖޭގެ ފަޅުތަކުގައި މުރަކަ އާލާކޮށް، ދިރުވުމުގެ ގޮތުން، ރިސާރޗް ލެބެއް ޤާއިމުކުރެއްވުމުގެ މަސައްކަތް، ޕްރޮފެސަރ ޢުޤައިލް ވަނީ ފަށްޓަވާފައެވެ. އަދި ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުން ޢާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން އެމް.އެން.ބީ.ސީ. 1 މެދުވެރިކުރައްވައި [ލޯވަށި] މި ނަމުގައި މަޢުލޫމާތު ދިނުމުގެ ސިލްސިލާ ޕްރޮގްރާމްތަކެއް ވަނީ ހުށަހަޅުއްވައިދެއްވާފައެވެ. އަދި ޖިއޮމެޓްރިކް ޑިޒައިންގެ ރޮނގުން ސައިންސްވެރިން ހޯދާފައިވާ އެންމެފަހުގެ ހޯދުންތަކުގެ މަޢުލޫމާތާއި، ޖިއޮމެޓްރީގެ އެކިއެކި ފިލާވަޅުތައް ތަފްޞީލުކުރައްވައި، [ޕާރޝަލް ޑިފެރެންޝިއަލް އީކްއޭޝަންސް ފޮރ ޖިއޮމެޓްރިކް ޑިޒައިން] ގެ ނަމުގައި ފޮތެއްވެސް ލިޔުއްވައި، އެފޮތް ވަނީ ޝާއިޢުކުރައްވާފައެވެ. އަދި ރިސާރޗް ޕަބްލިކޭޝަންގެ ގޮތުގައި ޖުމްލަ 81 ރިސާރޗް ކަރުދާސް މިހާތަނަށް ވަނީ އެކުލަވައިލައްވާފައެވެ. އޭގެތެރެއިން 27 ކަރުދާހަކީ، ބައިނަލްއަޤްވާމީ ފެންވަރުގެ ޖާރނަލް ލިޔުއްވުންތަކެވެ.

ޕްރޮފެސަރ ޢުގައިލަކީ، ކުރިއަރަމުންދާ ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުން ބައިނަލްއަޤްވާމީ ފެންވަރުގެ އީޖާދުތައް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ކުޅަދާނަ ޝަޚުޞިއްޔަތަކަށްވާއިރު، ދުނިޔޭގެ ފެންވަރުގައި ޢުޤައިލް ޙާޞިލު ކުރައްވާފައިވާ އެކިއެކި މަތީ ވަނަތަކާއި، ކާމިޔާބުތަކަކީ ދިވެހި ޤައުމަށްވެސް ލިބޭ ވަރަށްބޮޑު ފަޚްރަކާއި ޝަރަފެކެވެ. ދިވެހިރާއްޖެއަށް ލިބޭ ރީތި ނަމެއްވެސްމެއެވެ.

ޕްރޮފެސަރ އުޤައިލް އިނގިރޭސިވިލާތުގެ ލަންޑަންގެ ކިންގްސް ކޮލެޖުން 1995 ވަނަ އަހަރު މެތެމެޓިކްސްގެ ރޮނގުން ފަސްޓް ކްލާސް އޮނަރސް ޙާޞިލު ކުރެއްވުމަށްފަހު، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލީޑްސްއިން 2000 ވަނަ އަހަރު ޖިއޮމެޓިކްރިކް ޑިޒައިންގެ ރޮނގުން ޑޮކްޓަރ އޮފް ފިލޯސަފީ (ޕީ.އެޗް.ޑީ) ވަނީ ޙާޞިލު ކުރައްވާފައެވެ. އެއަށްފަހު، 2002 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޔުނިވަރސިޓީ އޮފް ލީޑްސްގައި ޕޯސްޓް ޑޮކްޓަރަލް ރިސާރޗަރއެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. އަދި ހަމަ އެ އަހަރުގެ ސެޕްޓެމްބަރުމަހު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބްރެޑްފަރޑްގެ ސްކޫލް އޮފް ކޮމްޕިއުޓިންގ އިންފޯރމަޓިކްސް އެންޑް މީޑިއާގައި ލެކްޗަރަރއެއްގެ ވަޒީފާ އަދާކުރައްވަން ފެށްޓެވިއެވެ. 2005 ވަނަ އަހަރު ސީނިއަރ ލެކްޗަރަރގެ މަޤާމު ފުރުއްވުމަށްފަހު، 2009 ވަނަ އަހަރު، ޢުމުރުފުޅުން 38 އަހަރުގައި ވިޜުއަލް ކޮމްޕިއުޓިންގގެ ޕްރޮފެސަރަކަށް އެ ޔުނިވަރސިޓީން އޭނާ ޢައްޔަނު ކުރިއެވެ.

ޕްރޮފެސަރ ޢުޤައިލަކީ، ޔުނިވަރސިޓީ އޮފް ބްރެޑްފަރޑްގައި މިވަގުތު މަސައްކަތް ކުރައްވާ ޕްރޮފެސަރުންގެ ތެރެއިން އެންމެ ހަގު ޕްރޮފެސަރުކަންވެސް ފާހަގަކޮށްލަންޖެހެއެވެ. ޕްރޮފެސަރ ޢުޤައިލް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، ބްރެޑްފަރޑް ޔުނިވަރސިޓީގެ ވިޜުއަލް ކޮމްޕިއުޓިންގގެ ޑިރެކްޓަރެއްގެ ޙައިޘިއްޔަތުންނެވެ.