އަލްފާޟިލް ޢަލީ ޙުސައިން
ހ.ސީސައިޑް

އަލްފާޟިލް އިތާމުތްގޭ ޢަލީ ޙުސައިން އިތުރު ތަޢާރަފަކަށް ބޭނުންފުޅެއް ނުވާނެއެވެ. އޭނާ ދިވެހިބޭސް ކުރައްވާތާ ތިރީސް އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. މި މުއްދަތުގެ ތެރޭގައި ހަމައެކަނި ރުއްގަލުބޭސް ކުރެއްވި މީހުންގެ ޢަދަދު ސަތާރަ ހާހަށްވުރެ މައްޗަށް ގޮސްފައިވެއެވެ. ބައެއް މީހުންގެ އަތުން ބޭހުގެ އަގު އަތުލެއްވި ނަމަވެސް ވަރަށްގިނަ ބަޔަކަށް އޭނާ ބޭސްކޮށްދެއްވީ ދަރުމަޔަށެވެ.

އެންމެ ފުރަތަމަ ދިވެހިބޭސް ދަސްކުރެއްވީ، އޭނާގެ ބައްޕަ އައްޑޫ ޙުސައިން މަނިކުފާނުގެ އަރިހުންނެވެ. އޭނާއަކީވެސް އެޒަމާނުގައި، ވަރަށް މަޝްހޫރު ދިވެހިބޭސްވެރިއެކެވެ. ބައްޕަ އަރިހުން ދަސްކުރެއްވި ބޭސްވެރިކަން މިހާރު ޢަލީ ޙުސައިންވަނީ، ވަރަށްބޮޑަށް ތަރައްޤީ ކުރައްވާފައެވެ.

އަލްފާޟިލް ޢަލީ ޙުސައިންއަކީ، މިނިސްޓްރީ އޮފް ހެލްތްގެ ދަށުގައި އޮންނަ ދިވެހިބޭސްވެރިން އިމްތިޙާންކުރާ ކޮމިޓީގެ މެމްބަރެކެވެ. އަދި 1981ވަނަ އަހަރު އުފެދިފައިވާ "ދިވެހިބޭސްވެރިންގެ ޖަމްޢިއްޔާ"ގެ ނާއިބު ރައީސްވެސް މެއެވެ.