އަލްފާޟިލް އިބްރާހީމް ޢަބްދުލްޢަޒީޒް
ހ.ކަނދިލި

ކުރެހުންތެރިކަމުގެ ރޮނގުން ޢާއްމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު އަލްފާޟިލް އިބްރާހީމް ޢަބްދުލްޢަޒީޒަށް ލިބިވަޑައިގަތީ، އޭނާގެ ކުރެހުމުގެ މޮޅުކަމުންނެވެ. ރާއްޖޭގައި ނެރެވުނު ޕޯސްޓޭޖް ސްޓޭމްޕްގެ 4 އިޝޫއެއް އަމިއްލަ ޚިޔާލަށް ޑިޒައިންކުރެއްވިއެވެ. ރާއްޖޭގައި އެންމެފަހުން ނެރެވުނު ވަކިލާރީގެ 1 ލާރީގައި އޭނާގެ ޑިޒައިން ހިމެނިފައިވެއެވެ.

ޢިއްޒަތުގެ ޤާނޫނުގައި ވާގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލްތަކުގެ ތެރެއިން 3 މެޑެލް މިހާރު ބޭނުންކުރާގޮތަށް ޑިޒައިންކުރެއްވީވެސް، އޭނާއެވެ. ހިޖްރީ 15 ވަނަ ޤަރުނު ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ބޭނުންކުރާނޭ ނިޝާނެއް ކުރެހުމަށް ބޭއްވުނު މުބާރާތުން 1 ވަނަ ހޯއްދަވާފައިވެސްވެއެވެ. އިސްލާމީ މަރުކަޒުގެ އެތެރޭގެ ކުރެހުންތަކުގައި އޭނާގެ ޙިއްޞާ މަތީ ދަރަޖައަކަށް އެކުލެވިގެންވާ އަދި މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގައި މިހާރު އެހުރި ރީތި މިންބަރު މުޅިން އަމިއްލަ ޚިޔާލަށް ޑިޒައިންކުރެއްވިއެވެ.