އަލްފާޟިލާ ޢާރިފާ އިސްމާޢީލު
ގ.ރަންދެލިގެ

ތިމާ ކުރިމަތިލާ ޚިދުމަތެއްގައި ފިސާރި ސާބިތުކަމާއެކު ދިގުމުއްދަތަކަށް ދެމިތިބޭ މީހުންނަކީ އަޅުގަނޑުމެންގެ ތެރެއިން މަދުންނޫނީ ނުފެންނަ ބައެކެވެ. ގިނަ ފަހަރަށް ވާގޮތަކީ، ވަރަށް ފޯރީގައި ކަމަކަށް ކުރިމަތިލުމަށްފަހު، ދުވަސްކޮޅެއްވާއިރަށް އެކަމަކުން ފޫހިވެ އެހެންދިމާއަކަށް އެނބުރެވެނީއެވެ. ނަމަވެސް، އަލްފާޟިލާ ޢާރިފާ އިސްމާޢީލަކީ، އެއްކަމެއްގައި ދިގު މުއްދަތަކަށް ދެމިހުންނެވުމުގައި ތަފާތެއްވެސް އައިސްފައިނުވާ ބޭފުޅެކެވެ.

އާދެ، ދިގުމުއްދަތެއްގައި ޚާއްޞަ ޚިދުމަތެއްކުރުމުގެ ގޮތުން، ނަރުސްކަމުގެ ބުރަ ވަޒީފާ މެދުނުކެނޑި 20 އަހަރު އިޚްލާޞްތެރިކަމާއެކު އަދާކުރެއްވުމުގެ ސަބަބުން ދައުލަތުން އޭނާއަށް ޕެންޝަން ދެއްވާފައިވެސްވެއެވެ. ވަޒީފާ އަދާކުރެއްވުމުގައި ފަރުވާތެރި ބޭފުޅެކެވެ. ފަހަކަށް އައިސް އޭނާ ވަރަށް ބަލިވެ އުޅުއްވަމުންވެސް ބަލިމީހުންނަށް ޚިދްމަތްކުރުމުގައި ދެމިހުންނެވި ބޭފުޅެކެވެ. ބަލިމީހުންނަށް ޚިދްމަތްކުރުމަކީ، އޭނާގެ ޚާއްޞަ އުފަލެކެވެ.