އަލްފާޟިލް ޢަލީ މުސްޠަފާ
މއ.ޒައުފަރާން

އަމިއްލަ މަދަރުސާތަކުގެ ޚިދުމަތް އެންމެ އެކަށީގެންވާގޮތުގައި ލިބެން ފެށިއިރު މާލޭ އިންގްލިޝް ސްކޫލްވެސް ފާހަގަވެގެން ދިޔައެވެ. މި މަދަރުސާ ވިދައިގަތީ 1979ވަނަ އަހަރުގެ ތެރޭގައި، އަލްފާޟިލް ޢަލީ މުޞްޠަފާ އެމަދަރުސާއާ ޙަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ. އެދުވަހުން ފެށިގެން އޭނާ އެސްކޫލުން ޚިދުމަތްކުރައްވަމުން ގެންދެވީ، މުރާލިކަމާއި ހީވާގިކަމާއެކީ، މާލޭ އިންގްލިޝް ސްކޫލަކީ، މިހާރު މާލޭގައި ހުރި އަމިއްލަ މަދަރުސާތަކުގެ ތެރެއިން އެންމެ ރަނގަޅަށް ހިނގާ އެއް މަދަރުސާއެވެ. މި ހިނގައިދިޔަ އަހަރުތަކުގެ ތެރޭގައި، މަދަރުސާތަކުގެ މެދުގައި ހުޅުވާލެވުނު އެކިއެކި މުބާރާތްތަކުގަޔާއި ޤައުމީ ފެންވަރުގެ ބައެއް މުބާރާތުގައި އެސްކޫލްގެ ފަރާތުން ބައިވެރިވެ، ރަންވަނަތައް ހޯދާފައިވެއެވެ. ސްކޫލްގައި ބޭންޑާއި ކެޑޭޓިންގ އަދި ސްކައުޓުންވެސް ވަނީ، އުފައްދަވާފައެވެ. މާލޭ އިންގްލިޝް ސްކޫލް މިއަދު އެ ހޯދަމުންދާ މަތިވެރި ކާމިޔާބީތަކުގެ އެންމެ ޙަރަކާތްތެރި ބައެއް ކުޅުއްވާފައިވަނީ، އަދި މިހާރުވެސް ކުޅުއްވަމުން ގެންދަވަނީ، އެސްކޫލްގެ ހިންގުންތެރި ނާޟިރު، ހުވަދު އަތޮޅު ދެކުނުބުރީ ވާދޫ، އަލްފާޟިލް ޢަލީ މުޞްޠަފާއެވެ.