އަލްފާޟިލް ޢަބްދުއްޝަކޫރު ޢަލީ
މ.އާސްތާނާ

އަލްފާޟިލް ޢަބްދުއްޝަކޫރު ޢަލީއަކީ، އުރުދޫބަހުން ދިވެހިބަހަށް ވަރަށް ފުރިހަމަ، އެހާމެ ގިނަ ލިޔުންތަކެއް ހަދިޔާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ އުރުދޫބަހުގެ ބިންގާ އެޅުނީ މަދްރަސަތުލް މަޖީދިއްޔާގައި ކަމުގައިވިޔަސް، ތަރުޖަމާކުރެއްވޭ ފެންވަރަށް އެބަސް އެނގިވަޑައިގަތީ، އަމިއްލަ ހިންމަތުން ކުރެއްވި ބުރަ މަސައްކަތުންނެވެ.

އެންމެ ފުރަތަމަ އޭނާ ތަރުޖަމާކުރައްވަން ފެށްޓެވީ "އާބާރު" މަޖައްލާއަށެވެ. އެދުވަސްވަރު އޭނާ "އާބާރު"ގެ އެކި ޢަދަދުގައި ގާތްގަނޑަކަށް ދުއިސައްތަ ވަރަކަށް ވާހަކަ ތަރުޖަމާކުރައްވައި، ޝާއިޢުކުރައްވާފައިވެއެވެ. އާބާރުގައި ޝާއިޢުކުރެއްވި ވާހަކަތަކުގެ އިތުރަށް ދިގުވާހަކަ ސިލްސިލާގެގޮތުގައި ވިއްސަކަށް ވާހަކަ ތަރުޖަމާކުރައްވައި ޝާއިޢުކުރައްވާފައިވެއެވެ. އޭނާ ތަރުޖަމާކުރެއްވި ގިނަ ދިގުވާހަކަ ނިކުމެފައިވަނީ "އާރު"ގެ ނަންބަރުތަކުގައެވެ. އެންމެ ފުރަތަމަ އޭނާ ގިނައިން ތަރުޖަމާކުރައްވަމުން ގެންދެވީ، ޖާސޫސީ ވާހަކައާއި ބިރުވެރި ވާހަކައެވެ. ނަމަވެސް މިހާރަކަށް އައިސް މުޅިންވެސް ފެންނަނީ، ޢިބްރަތްތެރި ލޯބީގެ ވާހަކަތައް ތަރުޖަމާކުރައްވާފައި ހުންނާތީއެވެ. އޭނާގެ ތަރުޖަމާތަކުގެ ތެރެއިން ނާޒްނީން، ހިތި އަސަރު، ކިޑިކީ، ނީލްކަމަލް އަކީ، ޢާންމުންގެ ވަރަށްމަތީ ތަރުޙީބެއް ލިބުނު ވާހަކަތަކެކެވެ.