އަލްފާޟިލް މަޑުލު މުޙައްމަދު ވަޙީދު
މ.މަޑުލު

މަދްރަސީ ދައުރުގައިވެސް މުޙައްމަދު ވަޙީދަކީ، ލިޔުންތެރިކަމުގެ ރޮނގުން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭރު، ހޯރަފުށީ ވަޙީދުގެ ނަމުންނެވެ. ފެންނަ މަންޒަރާއި އިވޭ އަޑުތައް އެއްވެސް ފޮރުވުމެއްނެތި ލިޔުއްވުމަށް ޝައުޤުވެރިވެލައްވައެވެ.

ބައިނަލްއަޤްވާމީ ކުޑަކުދިންގެ އަހަރު ކަމުގައި ފާހަގަކުރެވުނު އަހަރު، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުޅުވައިލެއްވި ފޮތްލިޔުމުގެ މުބާރާތުން 1ވަނަ ހޯއްދަވާފައިވަނީ، އޭނާއެވެ. ރޭޑިޔޯއަށް ލިޔުމުގެ ހުނަރުވެރިކަން ހޯދުމާއި، ޚަބަރު ލިޔުމުގެ ތަމްރީން އިންޑިޔާއިންނާއި، އިނގިރޭސިވިލާތުންނާއި، ޔޫގޯސްލޭވިޔާއިން އޭނާ ޙާޞިލުކުރައްވާފައިވެއެވެ. އޭނާގެ ލިޔުންތެރިކަމުގައި، އިނގިރޭސިބަހުން ދިވެހިބަހަށް ކުރައްވާފައިވާ ތަރުޖަމާތަކާއި، އިޖްތިމާޢީ މައްސަލަތަކާއި، މީހުންނަށް ދިމާވާ އާދަޔާ ޚިލާފު ދަތި ޙާލަތު ސިފަކޮށްދޭ ވަރަށް އަސަރުގަދަ ރީތި ކުރު ވާހަކަތައް ފެނިގެންދެއެވެ. އޭނާއަކީ، ރާއްޖޭގެ އެހުންތެރިންނާއި، ކިޔުންތެރިންނަށް 1973ވަނަ އަހަރުން ފެށިގެން މެދުނުކެނޑި 10 އަހަރުވަންދެން ބޭރު ދުނިޔޭގެ ޚަބަރުތައް ގެނެސްދެއްވުމުގެ ސަބަބުންވެސް މަޝްހޫރުވެފައިވާ ބޭފުޅެކެވެ.