އަލްފާޟިލް ނައިފަރު ދޮހޮއްކޮ

ދިވެހި ބަހާއި ޘަޤާފަތު ކުރިއަރަމުންދިޔަ ވަރަކަށް ދިވެހި ލަވަކިޔުންފަދަ ކަންތަކަށް ޢާއްމުންގެ ތެރޭގައި ދެވޭ ތަރުޙީބުވެސް އަންނާނީ، އިތުރުވަމުންނެވެ. އަދި މިކަމުގެ ޚިދްމަތުގެ އަގުވެސް، ސަރުކާރުން ވަޒަންކުރައްވާ ވަރުވެސް ގެންދަވަނީ، މަތިވެރި ކުރައްވަމުންނެވެ.

އަލްފާޟިލް ނައިފަރު ދޮހޮއްކޮއަކީ، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީނާއި، އަލްމަރްޙޫމް ޢަބްދުﷲ ޖަލާލުއްދީނާއި، އަލްމަރްޙޫމް އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީގެ ވަރަށްގިނަ ޅެންތައް ހިތުން ކިޔުއްވައިލެއްވުމުގެ ކުޅަދާނަކަން ލިބިލައްވާފައިވާ ބޭކަލެކެވެ. މިބޭބޭފުޅުންގެ ޅެންތަކުގެ ތެރެއިން ޝާއިޢުވެގެން ޢާއްމުންގެ ތެރެއަށް ނުނިކުންނަ ޅެންތައްވެސް އޭނާ ނުބައްލަވައި ހިތުން ކިޔުއްވައެވެ. އަމިއްލައަށް ހަރުމަނިޔާ ޖައްސަވަމުން ކިޔުއްވުމަކީ، އޭނާއަށް އެއްވެސް ދައްޗެއްނެތް ވަރަށް ފަސޭހަކަމެއްކަމަށް އޭނާ ފަޚްރުވެރިކަމާއެކު ބުނުއްވައެވެ.

ނައިފަރު ދޮހޮއްކޮ ލަވަކިޔުއްވަން ފުރަތަމަ ފެށްޓެވީ، އުމުރުން ދިހަ އަހަރުގައެވެ. އަމިއްލައަށް ހަރުމަނިޔާ ޖައްސަވާފައި އެކިއެކި ރާގަށް ލަވަކިޔުއްވުމުގައި، ހަކުރާ ފެއަރގެ ސްޓޭޖް މަތިންނާއި، ނައިފަރު މަދްރަސަތުލް އިފްތިތާޙުގެ އެކިއެކި އަހަރީ ޖަލްސާތަކުންނާއި، ރާއްޖެތެރޭގެ މަޝްހޫރު ރަށްރަށުން ވަރަށް މަތިވެރި ތަރުޙީބު ލިބިލައްވާފައިވެއެވެ.

އޭނާ ދިވެހިރާއްޖޭގެ އަޑަށާއި، ޓެލެވިޜަން މޯލްޑިވްސް އަށްވެސް، ލަވަކިޔުއްވާ ދެއްވާފައިވެއެވެ. އޭނާގެ ހަރުމަނިޔާ ޖެއްސެވުމަށާއި ލަވަކިޔުއްވުމަށް އެންމެ ތަރުޙީބު ލިބުނުކަމަށް ފާހަގަކުރެއްވޭ މުނާސަބަތުތަކުގެ ތެރޭގައި، ރާއްޖޭގެ ރަދުން އެންމެފަހުން ތިލަދުންމައްޗަށް ވަޑައިގަތް ދަތުރުފުޅުގައި، ހއ.ހޯރަފުށީގައި ބޭއްވުނު މިޔުޒިކާއެކު ލަވަކިޔުމުގެ ޙަފްލާގައާއި، ހަމަ އެރަށުގައި ތައްޔާރުކުރި ބޮޑު މައުލޫދު ކިޔުމުގެ ވަގުތު ޖެހުމުގެ ކުރިން އޭނާކީ "މުޙައްމަދު ނުވީނަމަ ދުނިޔެވެސް ނުވީހޭ" މިޅެން ކިޔުއްވި ޙަފްލާ ފާހަގަކުރެއްވިއެވެ.