އަލްފާޟިލް ފީބޯ އަޙްމަދުމަނިކު
ހ.ކޭޝިއާ

އަލްފާޟިލް އަޙްމަދު މަނިކަކީ، މުނިފޫހި ފިލުވައިދިނުމުގެ ގޮތުން، ސްޓޭޖް ތަކުގައާއި، ދިވެހި ތަމްޘީލް ތަކުގައާއި، އެކިއެކި އުފާވެރި މުނާސަބަތުތަކުގައި، މާލޭގެ އެކިއެކި ތަންތާނގައި އޭނާގެ މޮޅު ޙަރަކާތްތައް ދައްކަވައިދެއްވާފައިވާ މަޝްހޫރު ބޭކަލެކެވެ.

މުނިފޫހިފިލުވައިދިނުމުގެ ޝޯތަކުގައާއި ތަމްޘީލްތަކުގައި އުޅުއްވުމަކީ، އޭނާ ވަރަށް ޝައުޤުވެރިވެލައްވާ ކަމެއްކަމަށާއި، އޭނާގެ މިމަސައްކަތަކީ ރާއްޖޭގެ ވަރަށް މަދު ބަޔަކު ކޮށްއުޅޭ ކަމަކަށްވެފައި މިފަންނު އުވިގެންދިޔަ ނުދެއްވުމަށްޓަކައި އެކަމަށް ކުދިންކޮޅެއް ހޮއްވަވައި، އިރުޝާދު ދެއްވަން މަސައްކަތްކުރައްވާފައިވެއެވެ.

އެންމެ ފުރަތަމަ ޢާއްމުންގެ ގިނަބަޔަކަށް ފެންނަގޮތަކަށް ސްޓޭޖް ޝޯއަކަށް ނުކުންނެވީ 1979 ޖުލައި 26ގެ މުނާސަބާގައި، ލޮނުޒިޔާރަތްކޮޅު ޕާކުގައި ބޭއްވެވި މިޔުޒިކާއި ލަވައިގެ ޝޯތަކެއްގައި ކަމަށާއި، އޭގެފަހުން، ހީނާމާގޭގައި ބާއްވަމުންގެންދިޔަ މިފަދަ ޝޯތަކުގައާއި، އޮލިމްޕަހުގައި އިންތިޒާމުކުރި މިކަހަލަ 16 ވަރަކަށް ޝޯގައި ބައިވެރިވެލައްވާފައިވެއެވެ.

އަލްފާޟިލް ފީބޯ އަޙްމަދުމަނިކަކީ، އޭނާގެ މިޒާޖުގައިވެސް ވަރަށް ސާދާގޮތެއް ގެންގުޅުއްވާ، މީހުން އުފާވާކަހަލަ ވާހަކަތައް ދައްކަވާ މިޒާޖެއްގެ ބޭކަލެކެވެ.