އަލްފާޟިލް މުޙައްމަދު ނަޝީދު
ހ.ފޮއްދޫގެ

 

މުޙައްމަދު ނަޝީދުގެ ތަޢުލީމީ ޙަޔާތާއި ވާހަކަދެއްކުންތެރިކަމާ ވަނީ، ވަރަށް ބޮޑަށް ގުޅިލާމެހިފައެވެ. މަދްރަސީ ދައުރުން ފެށިގެން ނަޝީދުވަނީ އެރޮނގުން މަތީ ވަނަތަކެއް ޙާޞިލުކުރައްވާފައެވެ. މިގޮތުން، ޤައުމީ ފެންވަރުގަޔާއި މަދްރަސީ ފެންވަރުގައި ބޭއްވި ވާހަކަދެއްކުމުގެ މުބާރާތްތަކުން އެތައް ފަހަރަކު އޭނާވަނީ، މަތީ ވަނަތައް ޙާޞިލުކުރައްވާފައެވެ. ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒުން ބޭއްވި 17 ވަނަ ޤައުމީ ވާހަކަދެއްކުމުގެ މުބާރާތުންނާއި، 19 ވަނަ ޤައުމީ ވާހަކަދެއްކުމުގެ މުބާރާތުންނާއި، 20ވަނަ ޤައުމީ ވާހަކަދެއްކުމުގެ މުބާރާތުން އޭނާވަނީ، ފަޚްރުވެރި އެއްވަނަ ޙާޞިލު ކުރައްވާފައެވެ.

 މުޙައްމަދު ނަޝީދު އަޅުގަނޑުމެންގެ ތެރޭގައި މަޝްހޫރުވެފައިވަނީ، ކުޅަދާނަ ވާހަކަދެއްކުންތެރިއެއްގެ ގޮތުން އެކަންޏެއް ނޫނެވެ. ވާހަކަދެއްކުމުގެ ފަންނު ކުރިއަރުވައި، އެ ހުނަރު ދަސްކޮށްދެއްވުމުގައިވެސް މުޙައްމަދު ނަޝީދަކީ، ލާމަސީލު މިސާލެކެވެ. ސްކޫލް މަދަރުސާތަކުގެ ދަރިވަރުންނަށް ވާހަކަދެއްކުމުގެ ހުނަރު ހިލޭސާބަހަށް ދަސްކޮށްދެއްވަމުން ގެންދަވާތާ 17 އަހަރުވީއިރު، އެ ސްކޫލް މަދްރަސާތަކަށް އޭނާވަނީ، ފާހަގަކުރެވޭފަދަ ކާމިޔާބީތަކެއް ހޯއްދަވައިދެއްވާފައެވެ. މިގޮތުން، އޭނާގެ މޭސްތިރިކަމުގެ ދަށުން މަޖީދިއްޔާ ސްކޫލާއި، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނާއި، ދަރުމަވަންތަ ސްކޫލް ފަދަ ސްކޫލްތަކަށް ވާހަކަދެއްކުމުގެ މުބާރާތުގެ ތަށިވަނީ، މިލްކުކޮށްދެއްވާފައެވެ. އަދި މިފަދަ ޝަރަފް، އިސްކަންދަރު ސްކޫލާއި، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްފަދަ ސްކޫލްތަކަށް ޙިއްޞާކުރާކަންވެސް ފާހަގަކޮށްލެވެއެވެ.

މާލެއާއި ރާއްޖޭގެ އެހެން ބައެއް ސްކޫލްތަކުން، ސްކޫލް ފެންވަރުގައި ބާއްވާ އެކިއެކި މުބާރާތްތަކަށް ތައްޔާރުކުރާ ޓީމުތަކުގެ ކޯޗެއްގެ ގޮތުގައި މުޙައްމަދު ނަޝީދު ކޮށްދެއްވާ މަސައްކަތްޕުޅުތަކަކީ، ސްކޫލްތަކުން ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކޮށް، އެ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރައްވާ މަސައްކަތްޕުޅުތަކެކެވެ. އަދި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން އަތޮޅުތަކުގެ ވާހަކަދެއްކުމުގެ މުބާރާތްތަކަށް ކުދިން ތައްޔާރުކޮށްދެއްވުމުގެ ބުރަ މަސައްކަތްވެސް ނަޝީދު ވަނީ، ކޮށްދެއްވާފައެވެ.

           ވާހަކަދެއްކުމުގެ މުބާރާތަށް ކުދިން ތައްޔާރުކުރައްވާއިރު، ނަޝީދުގެ ކިބައިން ފެންނަ ކުޅަދާނަކަމަކީ، އެއްވަގުތެއްގައި އެއްމުބާރާތަކަށް އެތައް ސްކޫލެއްގެ ކުދިން ތަމްރީނު ކުރައްވަމުން ގެންދަވާ ގެންދެވުމެވެ. އެހެންނަމަވެސް އެއީ، ތަފާތު ޢުމުރުފުރާތަކަށެވެ. ޢާންމުކޮށް އެއް މުބާރާތަކަށް ތިން ސްކޫލަކަށް އޭނާ މަސައްކަތްކޮށްދެއްވައެވެ. ބައެއްފަހަރު ހަތަރު ސްކޫލަށްވެސް މަސައްކަތްކޮށްދެއްވާފައިވެއެވެ. 

           މުޙައްމަދު ނަޝީދަކީ، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާ މިއަދު ތަމްސީލު ކުރައްވާ ޢިއްޒަތްތެރި މެންބަރު ކަމުގައިވިޔަސް، ވަގުތު ހޯއްދަވައިގެން، ވާހަކަދެއްކުމުގެ މުބާރާތްތަކަށް ކުދިން ތަމްރީނު ކުރުމުގެ މަސައްކަތްޕުޅު ހުއްޓަވައިނުލައްވައި ކުރިއަށް ގެންދަވަނީ، މަޖިލީހުގައި ކުރައްވަންޖެހޭ މަސައްކަތްޕުޅުތަކަށް އެއްވެސް ހުރަހެއް އެޅުނަ ނުދެއްވައި، ވަރަށް ހީވާގިކަމާއެކުގައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވެވަޑައިގަތުމުގެ ކުރިން ސިފައިންގެ ޚިދްމަތުގައި އޭނާ ހުންނެވި ދުވަސްވަރުގައްޔާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި އުޅުއްވި ދުވަސްވަރުގައިވެސް، ވާހަކަދެއްކުމުގެ ހުނަރު ތަރައްޤީކޮށް، ކުރިއެރުވުމަށްޓަކައި މަދަރުސާތަކުގެ ކުދިން ވާހަކަދެއްކުމުގެ މުބާރާތްތަކަށް ތައްޔާރުކޮށްދެއްވައި، ވާހަކަދެއްކުމުގެ އުކުޅުތަކާއި، ހުނަރުތައް ދަސްކޮށްދެއްވާފައިވަނީ، އެކަމަށްޓަކައި ވަގުތު ހުސްކުރައްވައިގެން، އަމިއްލަފުޅު ޝައުޤުވެރިކަމެއް އެކަމަށް ދެއްވައިގެންނެވެ. 

            މުޙައްމަދު ނަޝީދު، ވާހަކަދެއްކުމުގެ ރޮނގުން ކުދިން ތަމްރީނު ކުރައްވަމުން ގެންދަވާއިރު، ފާހަގަކޮށްލެވޭ އެންމެ މުހިންމު ކަމަކީ، މި މަސައްކަތް ކޮށްދެއްވުމުގައި އުފެއްދުންތެރިކަމާއި ބިނާކުރަނިވި އުސޫލުތަކަކަށް ދަރިވަރުން ތައްޔާރުކޮށްދެއްވުމެވެ. ޚާއްޞަކޮށް، ވާހަކަދެއްކުމުގެ ހުނަރު ތަރައްޤީކޮށް، އެ ފަންނުން ކުދިން ބިނާކުރުމުގެ މަސައްކަތް ކުރެއްވުމުގައި، ކުދިން ޝައުޤުވެރިވާގޮތަށް ކުދިންނަށް ނަތީޖާ ޙާޞިލުވާގޮތަށް، ބަހުގެ ހަމަތަކާއި އުސޫލުތަކުގައި ހިފެހެއްޓުމަށް ބާރުއަޅުއްވައި ދަސްކޮށްދެއްވާކަމެވެ.

   ވާހަކަދެއްކުމުގެ ފަންނާ ބެހޭގޮތުންނާއި، މި ހުނަރު ތަރައްޤީކުރުމާ ބެހޭގޮތުން  މުޙަންމަދު ނަޝީދުވަނީ، ފަތްތޫރަ މަޖައްލާއަށާއި އަދި ބައެއް ދުވަހު ނޫސްތަކަށް އެކި މަޒުމޫނު ލިޔުއްވާފައެވެ.

  ފެށުނީއްސުރެން ހިލޭ ސާބަހަށް އޭނާ މި މަސައްކަތްޕުޅު ކޮށްދެއްވާކަމީ، ވާހަކަދެއްކުމުގެ ފަންނު ކުރިއަރުވައި، މި ފަންނުން ކުދިން ބިނާކުރެއްވުމަށް އޭނާގެ ހިތްޕުޅުގައި އުފެދިފައިވާ ޚާއްޞަ ޝައުޤުވެރިކަމެއްގެ ދަލީލެވެ. ހަމައެއާއެކު، ރާއްޖޭގެ އަތޮޅުތަކަށް ކުރައްވާ އެކި ދަތުރުފުޅުތަކުގައި،  ސްކޫލްތަކަށް ޒިޔާރަތް ކުރައްވައި، ވާހަކަދެއްކުމުގެ ފަންނާ ގުޅޭގޮތުން މަޢުލޫމާތު ދެއްވައި، ކުދިން ތަމްރީނު ކުރެއްވުމުގެ މަސައްކަތްވެސް، އަމިއްލަފުޅު މަސައްކަތެއްގެ ގޮތުގައި ކުރައްވަމުން ގެންދަވަނީ،  މި ފަންނުގައި ކުޅަދާނަ ވާހަކަދެއްކުންތެރިންތަކެއް ނެރުއްވުމުގެ މާތް މަޤުޞަދުގައެވެ. ނަތީޖާއެއްގެ ގޮތުން މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވާހަކަދެއްކުމުގެ މުބާރާތްތަކަށް ދަރިވަރުން ތައްޔާރުކޮށްދެއްވާ މުދައްރިބުންގެ ތެރޭގައި، މުޙަންމަދު ނަޝީދު ތަމުރީނުކޮށްދެއްވި ގިނަ މުދައްރިބުން ހިމެނޭކަން އެއީ، މިކަމުގެ ހެއްކެކެވެ.