އަލްފާޟިލް ނައިފަރު މުޙައްމަދު ޙުސައިން
ނައިފަރީގެ / ނ.ހޮޅުދޫ

           ހިޖްރައިން 1366ވަނަ އަހަރުން ފެށިގެން، ދިވެހި ތަޢުލީމަށް އެކި ގޮތްގޮތުން ޚިދުމަތްކުރައްވަމުން އޭނާ ގެންދެވިއެވެ. ރާއްޖެތެރޭގެ މަކްތަބުތަކާއި މަދަރުސާތަކުގައި ޤުރްއާން، ތަޖްވީދު، ހިސާބު ޢިލްމު، ކިޔަވައި ދެއްވުމުގައި މުޙައްމަދު ޙުސައިން ވަރަށްބޮޑަށް މަސައްކަތްކުރެއްވިއެވެ. އޭނާ އެންމެ ފުރަތަމަ ތަޢުލީމް ޙާޞިލުކުރެއްވީ، އައްޝައިޚުލްމަރްޙޫމް ޢަބްދުﷲ ޖަލާލުއްދީނުގެ އަރިހުންނެވެ. ދެން ނައިފަރު މަދަރުސަތުލް އިފްތިތާޙުންނެވެ. ރާއްޖެތެރޭގެ މަކްތަބްތަކަށާއި، މަދަރުސާތަކަށް ކިޔަވައިދޭން ފުދޭވަރަކަށް ތަޢުލީމް ޙާޞިލުކުރެއްވުމަށްފަހު އޭނާ އެންމެ ފުރަތަމަ ކިޔަވައި ދެއްވަން ފެށްޓެވީ، ނ.ހޮޅުދޫ މަކްތަބުގެ މުދައްރިސެއްގެ ގޮތުގައި ހުންނަވައިގެންނެވެ. އޭރު އެމަކްތަބުގައި ތިބީ 80 ވަރަކަށް ކުދިންނެވެ. އެ މަކްތަބުގެ ނަން ނ.ހޮޅުދޫ މަދަރުސަތުލް ޘަޤާފަތުގެ ނަމަށް ބަދަލުވުމާ ގުޅިގެން، ކުދީންގެ ޢަދަދު 200 އަށްވުރެ ގިނަވެގެންދިޔަ ނަމަވެސް އޭނާގެ ހިސާބު ޢިލްމާއި، ޤުރްއާނާއި، ތަޖްވީދާއި، ދިވެހިބަސް ވަރަށްގިނަ ކުދީންނަށް ކިޔަވައި ދެއްވިއެވެ. އަލްފާޟިލް މުޙައްމަދު ޙުސައިން، ނ.ކުޑަފަރީ މަދަރުސަތުލް ޢުއްލިއްޔާގައިވެސް މުދައްރިސެއްގެގޮތުން، ތަޢުލީމަށް ޚިދުމަތްކުރެއްވިއެވެ. ނ.އަތޮޅުގައި ކިޔަވައި ދެއްވުމަށް ދިގު މުއްދަތެއްގައި އުޅުއްވުމަށްފަހު ދެން އޭނާ ވަޑައިގަތީ ރ.ކަނދޮޅުދުއަށެވެ. އެރަށު މަދަރުސާގެ މުދައްރިސެއްގެ ގޮތުގައެވެ. މިމަދަރުސާގައި 3އަހަރު ކިޔަވައިދެއްވުމަށްފަހު، ރ.އަތޮޅު ރަސްމާދޫ މަދަރުސަތުލް ޖިހާދުގައިވެސް ކިޔަވައި ދެއްވަން އުޅުއްވިއެވެ. މިދެންނެވި ތަންތާނގައި ކިޔަވައިދެއްވުމުގެ އިތުރަށް އޭނާގެ އަމިއްލަ ގޭގައިވެސް، ވަރަށްގިނަ ކުދިންނަށް ހިލޭ ހިސާބު ކިޔަވައި ދެއްވައެވެ.