އަލްފާޟިލް ގުޅީ މުޙައްމަދު ވަސީމް
ހ.ބްލޫލޫން

އަލްފާޟިލް މުޙައްމަދު ވަސީމް ޅެން ހައްދަވަން ފެށްޓެވީ ޢުމުރުން 15 އަހަރުގައެވެ. މަދްރަސީ ދައުރުގައި އޭނާ ގިނައިން ހައްދަވައި އުޅުއްވީ، ޢިޝްޤީ ޅެމާއި ޤުދްރަތީ ރީތިކަމުގެ މައްޗަށް ހެދޭ ޅެންތަކެވެ. 1975ވަނަ އަހަރުހާތާނގައި އޭނާ، މަދަޙަ ޅެންތަކެއްވެސް ހެއްދެވިއެވެ.

ޅެންވެރިކަމަށް ފާޑުކިޔާ މީހުންގެ ނަޒަރުގައި، އަލްފާޟިލް ގުޅީ މުޙައްމަދު ވަސީމް ހައްދަވާ ޅެންތަކުގައި ހުންނަނީ. ޅެންވެރިކަމުގެ ރޮނގުގައި މަޝްހޫރުވެފައިވާ އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީގެ ސްޓައިލް، އާދެ، އެއީ ޢިބްރަތުން ފުރިފައިވުމާއެކު، އޭގައި މަޖާގޮތްވެސް ހުރުމެވެ. އޭނާގެ ތަފާތު ޅެންތައްވަނީ ވުޖޫދަށް ނުކުމެފައެވެ. އެކި މުނާސަބަތުތަކުގައި އެކި މައުޟޫޢަށް އޭނާ ޅެން ހައްދަވާފައިވެއެވެ. އަދި ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒުގެ ފަރާތުން ބޭއްވެވި ޅެން މުބާރާތްތަކުގައިވެސް އޭނާ ކާމިޔާބު ހޯއްދަވާފައިވެއެވެ.