އަލްފާޟިލް ޖަޢުފަރު ނަސީމް
މއ.މާގަސްދޮށުގެ

މަސައްކަތްތެރިކަމުގެ ދާއިރާއަށް ދިވެހި ޒުވާނުން ވަރަށް ޅަޢުމުރުގައިވެސް، ނިކުމެއެވެ. އަލްފާޟިލް ޖަޢުފަރު ނަސީމަކީ، އޭނާގެ ޢުމުރުން 12 އަހަރުގައި، މަސައްކަތްތެރިކަމުގެ ފަންނަށް ލޯހުޅުވައިލެއްވި ބޭކަލެކެވެ. އެންމެ ފުރަތަމަ އޭނާ މަސައްކަތްކުރެއްވީ، އޭނާގެ ބައްޕައާއެކުގައެވެ. އޭނާގެ ބައްޕައަކީވެސް، އެދުވަސްވަރު، ފާހަގަކުރެވޭ ކަހަލަ މަސައްކަތްތެރިއެކެވެ. ނަމަވެސް، ޢުމުރުން ސާދަ އަހަރުން ފެށިގެން އޭނާ އަމިއްލައަށް މަސައްކަތްކުރައްވަން ފަށްޓަވައި، އަމިއްލަ މަސައްކަތްކުރާ ތަނެއް ހަމަޖައްސަވައިފިއެވެ. މަސައްކަތް ދަސްކުރެއްވުމުގެ ގޮތުން ތަފާތު ތަޖުރިބާކާރުންނާއެކު މަސައްކަތްކުރެއްވި ކަމުގައިވިޔަސް، އޭނާގެ އަމިއްލަ މަސައްކަތް އަބަދުވެސް ކުރައްވައެވެ. ނަސީބު އޭނާއަށް ދިމާވިގޮތުން ބޭރުގެ ތަނަކަށް މަސައްކަތް ދަސްކުރަން ނުވަތަ ބޭރުގެ މީހެއްގެ އެހީ، އެމަސައްކަތް ދަސްކުރަން ލިބިފައެއްނެތެވެ. މަސައްކަތް އެންމެ ބޮޑަށް ދަސްކުރެއްވުނީ، ސަރުކާރުގެ އޭރުގެ ބޮޑު އިންޖީނުގޭގައި ފެށްޓެވި އިންޖިނިއަރިންގ ސަރވިސްގައި، އަލްފާޟިލް އަޙްމަދު އާދަމްގެ އަރިހުގައި މަސައްކަތްކުރައްވައިގެންނެވެ. އާދެ، މިއަދު އޭނާ އަޅުގަނޑުމެންގެ ތެރޭގައި އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ، އޭނާގެ އަމިއްލަ މަސައްކަތުން އުފެއްދެވި ޕްލާސްޓިކުން ފުޅި އެއްޗެހި ހަދާ މެޝިނެއް ތައްޔާރުކުރެއްވުމާ ގުޅިގެންނެވެ.