އަލްފާޟިލް ޢަލިބެ ދޮހޮއްކޮ ދޮންޢަލިފުޅު
މ.އަސަރީގެ

ރާއްޖޭގައި ދުވަހު ނޫސްވެރިކަން ފެށުނީއްސުރެ ނުކުންނަމުންދާ ނޫސްތަކުގައި ގާތްގަނޑަކަށް އަބަދުހެން އެޤަލަމަކުން ލިޔުއްވަމުންގެންދަވާ ގަލަމުގެވެރިޔާ އަލިބެ ދޮންކޮއްކޮގެ ދޮންއަލިފުޅު، އާދެ !ع.د.ع އަކީ، އުރުދޫބަހުން ދިވެހިބަހަށް ތަރުޖަމާކުރެއްވުމުގައި މަޝްހޫރު ބޭފުޅެކެވެ.

އޭނާ ބުނުއްވާގޮތުގައި އޭނާގެ ތަރުޖަމާކުރެއްވުންތަކަކީ، އަބަދުވެސް އޭނާ ފުރުއްވަން ދިމާވެފައިވާ ވަޒީފާއާގުޅިގެން ކުރެވެމުން އައިސްފައިވާ މަސައްކަތެކެވެ. އެމަސައްކަތް، ޢާއްމު ޚިދްމަތުގެގޮތުގައި ފާހަގަކުރެވުނުކަމީ، އޭނާ ވަރަށް އުފާކުރައްވާ ކަމެކެވެ.

ع.د ދޮންއަލިފުޅު ދިވެހިބަހަށް ތަރުޖަމާކުރައްވަމުން ގެންދަވަނީ، އުރުދޫ ބަހުންނެވެ. ޢިބްރަތްތެރި ވާހަކަތަކުގެ އިތުރަށް މަޢުލޫމާތުން ފުރިފައިވާ އެކިއެކި މަޒްމޫނުތައްވެސް އޭނާ ތަރުޖަމާކުރައްވާފައި ވެއެވެ. އަދި ފަހަކަށް އައިސް އޭނާ ތަރުޖަމާކުރައްވާފައިވާ އައު ޅެންތަކަކީވެސް، ފާހަގަކޮށްލެވޭފަދަ އެއްޗެކެވެ.

އޭނާ ބުނުއްވަނީ، ރަނގަޅު ވާހަކައެއް ނުވަތަ މަޒްމޫނެއް ފެންނަ އިރަށް އޭނާ ގެންނަވަނީ، ދިވެހިބަހަށް ތަރުޖަމާކުރައްވަމުން ކަމުގައެވެ. އޭނާ ތަރުޖަމާކުރެއްވި ވާހަކަތަކުގެ ޢަދަދު ޚުދް އޭނާއަށްވެސް އެނގިނުލައްވައެވެ. ނަމަވެސް އޭނާގެ މަސައްކަތްތަކުގެ ތެރެއިން "މުރީދުޕޫރުގެ ލީޑަރ" އާއި "ވަޅުގަނޑު" ފަދަ ސިޔާސީ ވާހަކަތަކާއި "ޤައުމީ ޝާޢިރު"، "ކީހާޅެން ފަރިއްސަށް" ފަދަ ޢިޝްޤީ ވާހަކަތަކަކީ، އެ ވާހަކަތައް އެ ކިޔާމީހުންގެ ހިތުން ފަސޭހައިން ފިލުވައިލެވޭފަދަ ވާހަކަތަކެއް ނޫނެވެ.