އަންނަބީލް އަޙްމަދު ޢަލިދީދީ
މއ.ކޮމްރެޑްވިލާ

ރާއްޖޭގެ މައިގަނޑު މަސައްކަތް ކަމުގައިވާ މަސްވެރިކަމުގެ ރޮނގުގައި ދިގުމުއްދަތެއްގައި އަންނަބީލް އަޙްމަދު ޢަލިދީދީ މަތިވެރި ޚިދުމަތްތަކެއް ކުރައްވާފައިވެއެވެ. މަސްވެރިންނަށް ހިތްވަރުދެއްވައި، މި އަގުހުރި މަސައްކަތަށް ގިނަބަޔަކު ޝައުޤުވެރިކުރުވުމުގެ ގޮތުން ވާހަކަފުޅު ދައްކަވައި، މަސްވެރިންނާއެކު ޢަމަލީގޮތުން ކަނޑުމަތީގައި އުޅުއްވަމުން ގެންދެވި ބޭފުޅެއްވެސް މެއެވެ.

އޭނާގެ ހަޔާތްޕުޅުގެ ގިނަ ދުވަސްތަކެއްގައި، ހެނދުނާއި ހަވީރުގެ ކޮންމެވެސް ވަގުތުކޮޅެއް މާލޭގެ އަތިރިމަތީގައި ހޭދަކުރައްވަމުން ގެންދެވުމުގެ ސަބަބުން، މަޝްހޫރު ކެޔޮޅުންގެ ކިބައިން މަސްވެރިކަމުގެ ތަފާތު މަޢުލޫމާތުތަކެއް ހޯއްދަވާފައިވާ ބޭފުޅެއްކަމުގައިވެސް ހިމެނިވަޑައިގަތެވެ.

މިނިސްޓްރީ އޮފް ފިޝަރީޒްގެ ފަރާތުން ރާއްޖެތެރޭގައި އޮއިވާލި ކަނދުފަތި ލުމުގެ މަސައްކަތް ކުރެއްވުމަށް ފެށްޓެވީއްސުރެ އެކަމުގައި ވަރަށް މުހިންމުބައެއް އަދާކުރައްވާފައިވާ ބޭފުޅެއްވެސްމެއެވެ.

އަންނަބީލް އަޙްމަދު ޢަލިދީދީއަކީ، ރާއްޖެތެރޭގެ މަސްވެރިންގެ ގިނަ މަޢުލޫމާތުތަކެއް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. މަސްވެރިކަން އެކި މޫސުމުގައި ހުންނަ ހިސާބާއި، މަސްވެރިކަމަށް އަންނަ ބަދަލުތައް ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. މަސްވެރިންނާގުޅޭ މަޑުމައިތިރި މިޒާޖެއްގެ ބޭފުޅެއްވެސްމެއެވެ.