އަލްފާޟިލް މުޙައްމަދު މަނިކު
މ.ނިޔަދުރުގެ

އަލްފާޟިލް ނިޔަދުރު މުޙައްމަދު މަނިކު ޅެންހެއްދެވުމުގެ މަސައްކަތް ފެށްޓެވީ، މަދްރަސަތުލް މަޖީދިއްޔާގައި ތަޢުލީމް ޙާޞިލުކުރައްވަން އުޅުއްވި ދުވަސްވަރުއެވެ. މިރޮނގުން ކުރިއަށް ދުރުވުމުގައި އަލްމަރްޙޫމް ޢަލީ ޝަމީމާއި، އަލްފާޟިލް ޢަބްދުﷲ ޞާދިޤާއި، އަލްފާޟިލް ބޮޑުގަލު އިބްރާހީމް މަނިކުގެ ފަރާތްޕުޅުން އިރުޝާދު ލިބިލައްވާފައިވެއެވެ.

މިހާތަނަށް ގާތްގަނޑަކަށް ސަތޭކައަށްވުރެ ގިނަ ޅެން ހައްދަވާފައިވެއެވެ. ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ބޭއްވެވި ޅެމާއި މަޒްމޫނު ލިޔުމުގެ މުބާރާތުގައި ބައިވެރިވެލައްވާފައިވެއެވެ. އަމާޒު، ހަވީރު، ފަތްތޫރައިގައިވެސް އެކިއެކި މައުޟޫޢުތަކަށް ޅެން ޝާއިޢުކުރައްވާފައިވެއެވެ. އަދި މީގެއިތުރަށް ސްކޫލް ކުދިންގެ މަޖައްލާތަކަށްވެސް ޅެން ފޮނުއްވައި ހައްދަވައެވެ. ޅެން ހެއްދެވުމުގައި، ނަޞޭހަތާއި ހެޔޮމަގަށް އިލްތިމާސްކުރައްވައި ޅެން ހެއްދެވުމަކީ، އޭނާގެ ޚާއްޞަ ރޮނގެކެވެ. އޭނާ ދިވެހިބަހަށް ޚިދުމަތްކުރެއްވުމުގެގޮތުން މަޖީދިއްޔާގެ ދިވެހި މުދައްރިސެއްގެ ހައިސިއްޔަތުން ކުދިންނަށް ޅެންހަދަން ދަސްކޮށްދެއްވިއެވެ.

ޅެން ހެއްދެވުމުގައި އުނދަގޫ އެއްވެސް ވަގުތެއް ނޯންނަކަމަށާއި، ކޮންމެ ވަގުތެއްގައިވެސް ޅެންހެއްދެވިދާނެ ކަމަށާއި، ވަކި ހަމަހިމޭން ވަގުތެއް މިކަމަށް ބޭނުންނުވާ ކަމަށް އޭނާ ބުނުއްވައެވެ.