އަލްފާޟިލް ޢަބްދުލްޖަލީލް
ގ.ކެނެރީގެ

ކުޅިވަރުގެ ދަނޑުގައި އަބުޖީގެ ނަމުގައި މަޝްހޫރުވެގެންދިޔަ ޢަބްދުލްޖަލީލަކީ، މަދްރަސީ ދައުރުންފެށިގެން، މަދްރަސީ ދައުރުގެ އެކި މުބާރާތްތަކުގައިވެސް ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި އޭގެފަހުން 1973 ން ފެށިގެން 1983 އަށް، ރާއްޖޭގެ މަޝްހޫރު ވިކްޓްރީ ކްލަބުގެ މަޝްހޫރު ފުޓްބޯޅަ ޓީމުގައި އޭނާ ކުޅުއްވާފައިވެއެވެ. ދެން 1983 ން ފެށިގެން އޭނާ ހުންނަވަނީ އެޓީމުގެ ކޯޗެއްގެ ގޮތުގައި، އެޓީމަށް ކުޅެން ދަސްކޮށްދޭ މީހެއްގެގޮތުގައެވެ. ޢަބްދުލްޖަލީލުގެ ޚިދުމަތް އެންމެ ބޮޑަށް ކުޅިވަރުގެ ރޮނގުގައި ފާހަގަކުރެވެނީ، ރާއްޖޭގައި މޮޅު ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގައި އޭނާ ކުރައްވާ މަސައްކަތުގެ ތެރޭންނެވެ. އޭނާގެ މަސައްކަތުގެ އަގު އެންމެބޮޑަށް ވަޒަންކުރެވެނީ، ވިކްޓްރީ ޓީމު ހޯދާފައިވާ ކާމިޔާބީގެ ސަބަބުންނެވެ. އޭނާގެ ކޯޗުކަމުގެ ދަށުގައި ވިކްޓްރީގެ ފުޓްބޯޅަ ޓީމުވަނީ، ރާއްޖޭގެ ފުޓްބޯޅައިގެ ރެކޯޑެއްވެސް ޤާއިމުކޮށްފައެވެ. އެއީ، ވިދިވިދިގެން 3 އަހަރު ފުޓްބޯޅައިން 1 ވަނަ ހޯދުމުގެ ސަބަބުން، ތަށި މިލްކުކުރުމާ ގުޅިގެންނެވެ.