އަލްފާޟިލް މުޙަންމަދު ނިޔާޒް
ހ. ލަންޗްމީޑް

މުޙަންމަދު ނިޔާޒް ނުވަތަ މަޝްހޫރު ޓެޑްރީއަކީ، ފީޗަރ ފިލްމާއި ޑޮކިޔުމެންޓްރީ އުފެއްދެވުމާއި، އިޝްތިހާރު ހެއްދެވުމާއި، ފިލްމު ޑައިރެކްޓް ކުރެއްވުމުގެ ރޮނގުން ފާހަގަކުރެވިފައިވާ ބޭފުޅެކެވެ.

މުޙަންމަދު ނިޔާޒްގެ އުފެއްދުންތައް ތަޢާރުފުވެގެންދިޔައީ، ޓެލެވިޜަން މޯލްޑިވްސްގެ ވަޒީފާގައި އޭނާ އުޅުއްވިއިރުއެވެ. [ސަޅި ބައިސާ]ގެ ނަމުގައި ތައްޔާރުކުރެއްވި ޓެލެޑްރާމާ ސީރީޒަކީ، ގިނަ ބައެއްގެ މަޤްބޫލުކަން ލިބިގެންދިޔަ ޑްރާމާތަކެކެވެ. އޭނާ އެންމެ ފުރަތަމަ ޑައިރެކްޓް ކުރެއްވި ފިލްމް [ދެރިޔާ] ހިމެނިގެންދިޔައީ، ވަރަށް ކާމިޔާބު ފިލްމެއްގެ ގޮތުގައެވެ. 1995 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ފުރަތަމަ ދިވެހި ފިލްމު ފެސްޓިވަލުން ޤައުމީ 7 އެވޯޑް އަދި ސްޕެޝަލް ޖޫރީ އެވޯޑް، އެ ފިލްމު ވަނީ ހޯދާފައެވެ. އެންމެމޮޅު ޑައިރެކްޓަރ، އެޑިޓަރ، އާޓް ޑައިރެކްޓަރގެ މަގާމު ލިބިވަޑައިގަތީވެސް، މުޙަންމަދު ނިޔާޒަށެވެ.

1997 ވަނަ އަހަރު  އޭނާ އުފެއްދެވި ފިލްމު [އަމާނާތް]، 3 ވަނަ ޤައުމީ ދިވެހި ފިލްމް އެވޯޑްގައި 12 ޤައުމީ އެވޯޑެއް ޙާޞިލުކޮށްފައިވެއެވެ. އޭގެތެރޭގައި، 1 ވަނަ ފިލްމު، ބެސްޓް އެޑަޕްޓް ސްކްރީން ޕްލޭ، ބެސްޓް އެޑިޓިންގ، ބެސްޓް ޑައިލޮގް، ބެސްޓް ސައުންޑް އިފެކްޓްސް، އަދި ބެސްޓް މޭކަޕްވެސް ލިބިފައިވަނީ، އެ ފިލްމަށެވެ.

މުޙަންމަދު ނިޔާޒް ވަނީ ޓެލެޑްރާމާތައްވެސް ހައްދަވާފައެވެ. މިގޮތުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތަށް ތައްޔާރުކޮށްދެއްވި ޓެލެޑްރާމާ [ހަތަރު އަނގޮޅި] އަށް ބެސްޓް ޓެލެޑްރާމާގެ އެވޯޑް، 1996 ވަނަ އަހަރު ލިބިފައިވެއެވެ. އަދި 2000 ވަނަ އަހަރު ސްޓެލްކޯއަށް ތައްޔާރުކޮށްދެއްވި [ހުޅުކޮޅު] ޓެލެޑްރާމާއަށްވެސް، ބެސްޓް ޓެލެޑްރާމާގެ އެވޯޑް ލިބިފައިވެއެވެ. އަދި މިނޫން ޓެލެޑްރާމާތަކަށްވެސް އެކި ވަނަތައް ލިބިފައިވެއެވެ. ސަރުކާރުގެ އޮފީސްތަަކުގެ ޓެލެޑްރާމާ މުބާރާތްތަކުގައި، 6 އަހަރު ކޮންސަލްޓަންޓެއްގެ ގޮތުންވެސް، އޭނާ އެކި އޮފީސްތަކަށް މަސައްކަތް ކޮށްދެއްވައި، ގިނަ އަދަދެއްގެ ކުދިންނަށް އެކްޓް ކުރަން ދަސްކޮށްދެއްވާފައި ވެއެވެ.

1990 ވަނަ އަހަރު ރާއްޖޭގައި އެމް.ޓީ.ވީ ސްޓައިލަށް ތައްޔާރުކުރި ފުރަތަމަ ވީޑިއޯ ލަވަ [ދަ ރިދަމް އޮފް ދަ ވޭވްސް] މުޅިން އާ މޫނުތަކަކާއެކު ތައްޔާރުކުރެއްވީވެސް މުޙަންމަދު ނިޔާޒެވެ. އަދި 2004 ވަނަ އަހަރު އެމް.ޓީ.ވީ އިންޑިޔާގައި ދެއްކި މެޒޯ ބޭންޑްގެ [ވިސްނާ ވިސްނާ] ލަވައަކީ، ބައިނަލްއަޤްވާމީ ޗެނަލެއްގައި ދެއްކި ފުރަތަމަ ދިވެހި ވީޑިއޯ ލަވައެވެ.

މުޙަންމަދު ނިޔާޒް ވަނީ، ވަރަށްގިނަ ޑޮކިއުމެންޓްރީތައްވެސް ހައްދަވާފައެވެ.  1997 ވަނަ އަހަރު ޗެކް ރިޕަބްލިކްގައި ބޭއްވުނު  30  ވަނަ ބައިނަލްއަޤްވާމީ ފިލްމް ފެސްޓިވަލްގައި [ވިޒިޓް މޯލްޑިވްސް 1997] އަށް ޓްރެވަލް ވީޑިއޯ ސްޕޮޓްސްއިން 4 ވަނަ ލިބުނެވެ. މި ބައިގައި މުޅި ދުނިޔެއިން ދެހާހަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވިއެވެ.

ފިލްމާއި ޓެލެވިޜަން ޕްރޮޑަކްޝަންގެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި އަމިއްލަގޮތުން ޓްރޭނިންގ ވަރކްޝޮޕްތައް، މުޙަންމަދު ނިޔާޒް ހިންގަވާފައިވެއެވެ. އަދި ސަރުކާރުގެ ބައެއް މުއައްސަސާތަކުން މި ދާއިރާއަށް އަމާޒުކޮށްގެން ހިންގާފައިވާ ޕްރޮގްރާމްތަކުގައި ކިޔަވައިދެއްވާފައި ވެއެވެ. މުޙަންމަދު ނިޔާޒަކީ، މި ދާއިރާއިން ހިލޭސާބަހަށްވެސް ވަރަށްގިނަ މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން، ބައެއް ފިލްމުތައް އެޑިޓްކޮށްދެއްވުމާއި، ވީޑިއޯ މާސްޓަރ ކުރުމަށް އިކުއިޕްމަންޓްގެ އެހީ ދެއްވާފައި ވެއެވެ.  އަދި ގިނަ ވީޑިއޯ ލަވަތަކެއްގެ އެޑިޓިންގ، ހިލޭ ހައްދަވައިދެއްވައި، ބައެއް ފަރާތްތަކުން އުފައްދާ ފިލްމުތައް އުފެއްދުމަށް، ހިލޭ އިކްވިޕްމަންޓްވެސް ދެއްވާފައި ވެއެވެ.

 މުޙަންމަދު ނިޔާޒް މިހާރު ކުރައްވާ މައިގަނޑު މަސައްކަތަކީ، ރިޒޯޓްތަކުގެ ޕްރޮމޯޝަނަލް ވީޑިއޯތައް ހައްދަވައިދެއްވުމާއި، ވިޔަފާރީގެ އެކިއެކި އިޝްތިހާރުތައް ތައްޔާރުކޮށްދެއްވުމެވެ. އޭނާ މިހާރު ކުރައްވާ އެންމެ މުހިންމު އެއް މަސައްކަތަކީ، ފިލްމު ކަލަރ ގްރޭޑިންގގެ މަސައްކަތެވެ.  

މުޙަންމަދު ނިޔާޒްގެ މަސައްކަތުގެ ތެރެއިން، ފަހަކަށްއައިސް ފާހަގަކޮށްލެވުނު މުހިންމު ދެކަމަކީ، ރާއްޖޭގެ ކަނޑުއަޑީގައި މިދިޔަ އަހަރު ބޭއްވުނު ކެބިނެޓް މީޓިންގގެ ލައިވް ވީޑިއޯ ކަވަރޭޖްގެ ކަންކަން ރާއްވަވައި ހިންގެވުމާއި، މިދިޔަ އަހަރު [ތްރީ ފިފްޓީ]ގެ ނަމުގައި ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގައި ބޭއްވުނު ކެމްޕެއިނާއި، އަދި އެކަމާ ގުޅިގެން ހިންގި އެހެނިހެން ޙަރަކާތްތަކަށް ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ގޮތުން، ވީޑިއޯތަކެއް ތައްޔާރުކުރެއްވި ކުރެއްވުމެވެ.

މުޖްތަމަޢުގައި ހުރި ކަންބޮޑުވާ އެކިއެކި މައްސަލަތަކާ ބެހޭގޮތުން [ޓެޑްރީ ޓޯކީޒް] ނަމަކަށް ބޭނުންކުރައްވައިގެން، މުޅިން އާ ބްރޭންޑެއްގެ ދަށުން، އެމް.އެން.ބީ.ސީ.އާއެކު ޕްރޮގްރާމްތަކެއް ފެށްޓެވުމުގެ މަސައްކަތް، މުޙަންމަދު ނިޔާޒް މިހާރު ގެންދަވަނީ ކުރައްވަމުންނެވެ.