އަލްފާޟިލް އާދަމް ޙަލީމް
ލ. މުންޑޫ/ ރުއްކޮށީގެ

ޖީ.ސީ.އީ. އޯ ލެވެލް ފެންވަރަށް ތަޢުލީމް ހާސިލު ކުރެއްވުމަށްފަހު، ކަންތައްތައް ދިމާވިގޮތުން، ރަށުންބޭރުގެ ވަޒީފާއަކަށް، އާދެ، ބަނޑޮސް އައިލެންޑް ރިޒޯޓްގެ ކިޗަން ހެލްޕަރެއްގެ ވަޒީފާގައި، އެ ރިޒޯޓްގައި އާދަމް ޙަލީމް ޚިދުމަތް ކުރައްވަން ފެށްޓެވިކަމަށް ދެންނެވުމަކީ، ބައެއް ބޭފުޅުންނަށް ޙައިރާންކަމެއް ލިބިވަޑައިގެންފާނެ ކަމެކެވެ. އެ ރިޒޯޓްގައި ހިނގާ އެކިއެކި ކަންތައްތަކާއި، އަދި ރިޒޯޓްގެ މުހިންމު މަޢުލޫމާތު، ރިޒޯޓްގެ މުވައްޒަފުންނަށް ގެނެސްދެއްވުމަށް، ކޮންމެ ރެޔަކު އޭނާ ތައްޔާރުކުރައްވާ ކުޑަކުޑަ ނޫހަކީ، އެ ރިޒޯޓްގެ މުވައްޒަފުންގެ މެދުގައި މަޤްބޫލު ނޫހަކަށް ވެގެންދިޔަކަން އެއީ، ނޫސްވެރިކަމުގެ ރޮނގުގައި ކުރިއަށް ވަޑައިގަތުމަށް އޭނާއަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު ހިތްވަރެކެވެ. ނޫސް ނެރުއްވުމުގެ މަސައްކަތް އޭނާ ކުރައްވަމުން ގެންދެވީ، "ސިއްރު" ގޮތެއްގައި ކަމަށްވިޔަސް، މި ނޫސް ނެރުއްވައި، މިކަމުގެ ހުރިހާ މަސައްކަތެއް ކުރައްވަނީ، އާދަމް ޙަލީމްކަން، އެ ރިޒޯޓްގެ މުވައްޒަފުންނަށް ފަހުން އެނގުމުން، މުވައްޒަފުންނަށް އެކަން ގަބޫލެއްވެސް ނުކުރެވުނެވެ. ސަބަބަކީ، ކިޗަން ހެލްޕަރަކަށް ހުރި މުވައްޒަފަކު، މިފަދަ ބުރަ މަސައްކަތެއް، އެހާ ރަަނގަޅު ފެންވަރެއްގައި  ކުރަމުން ގެންދިޔުމަކީ އެހާ ފަސޭހައިން ހަޖަމުކުރެވޭފަދަ ކަމަކަށް ނުވިކަމެވެ.

ބަނޑޮހުގެ އިސް މެނޭޖްމަންޓާއި މުވައްޒަފުންގެ ފަރާތުން ލިބިވަޑައިގެންނެވި ހިތްވަރާއި އަދި ރާއްޖޭގެ ނޫސްވެރިކަމުގެ މަތިފަޑިން އޭނާއަށް ދޮރުހުޅުވިފައިވާކަން އެނގިވަޑައިގެންނެވިހިނދުން ފެށިގެން އެ ދާއިރާގައި ކުރިއަށް ވަޑައިގަތުމުގެ ޢަޒުމް އާދަމް ޙަލީމް ކަނޑައަޅުއްވައި، ބަނޑޮހުގެ ވަޒީފާގައި ހުންނަވައިގެން ދުވަހުނޫސް އާފަތިހަށް ލިޔުއްވަން ފެށްޓެވިއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ރިޒޯޓްގެ ވެރިޔާގެ ޕާރސަނެލް ސެކްރެޓެރީ ކަމުގެ މަގާމު އޭނާއަށް ލިބިވަޑައިގެންނެވިއެވެ. އެއީ 1996 ވަނަ އަހަރުއެވެ. އެހެންނަމަވެސް، ނޫސްވެރިކަމުގެ ރޮނގުގައި ކުރިއަށް ވަޑައިގަތުމަށް އާދަމް ޙަލީމްގެ ހިތްޕުޅުގައި އޮތް ޝައުޤުވެރިކަމުގެ ބޮޑުކަމުން، ދުވަހުނޫސް [ހަވީރު]ގެ ވަޒީފާއަކަށް ބަދަލުވެވަޑައިގަތީ، 1997 ވަނަ އަހަރުއެވެ. ހަވީރު ނޫހާ ގުޅިވަޑައިގެން، ހަވީރު ނޫހުގެ އެކިމަގާމުތަކުގައި ހުންނަވައިގެން، ޚަބަރާއި މަޢުލޫމާތު ފެތުރުއްވުމުގައި ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. ހަވީރު ނޫހުގައި މަސައްކަތް ކުރެއްވިއިރު ތަފާތު އެކި ޚަބަރުތައް އޭނާ ވަނީ ލިޔުއްވާފައެވެ.

ނޫސްވެރިކަމުގެ ދާއިރާގައި އާދަމް ޙަލީމަށް ލިބިވަޑައިގެންނެވި އެއް ކާމިޔާބީއަކީ، ކޯޓުތަކަށް ވަޑައިގެން، ޝަރީޢަތްތައް އަޑުއައްސަވައިގެން، ޚަބަރު ލިޔުއްވަން ފެށްޓެވި ފެށްޓެވުމެވެ. ކޯޓްތަކުގައި ހިނގާ ޝަރީޢަތްތައް އަޑުއައްސަވައިގެން، އެ ޝަރީޢަތްތަކުގެ ޚަބަރު ލިޔުއްވަން ފެށްޓެވުމުގެ ޝަރަފް އެންމެ ފުރަތަމަ ލިބިވަޑައިގަންނަވާ ބޭފުޅަކީ، އާދަމް ޙަލީމެވެ.

ހަވީރު ނޫހުގައި ކުރިން ޝާއިޢުކުރަމުން ގެންދިޔަ [މީހުންގެ ކޮލަމް] ނުވަތަ [ކުރު ބައޮގްރަފީ] 1999 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރާ ހަމައަށް، އެ ކޮލަމް ހުއްޓަވާލައްވަންދެން ލިޔުއްވަމުން ގެންދެވި ބޭފުޅަކީ، އާދަމް ޙަލީމެވެ. ތާރީޚީ ހޯދުންތައް ހޯއްދަވައި، ދިރާސާކުރައްވައި، މިޒަމާނާ ގުޅޭގޮތަށް ވޭތުވެދިޔަ ތިންއަހަރެއްހާ ދުވަހު ތާރީޚާބެހޭ ލިޔުންތައް، ހަވީރު ނޫހުގައި ލިޔުއްވަމުން ގެންދަވާފައިވަނީ، އޭނާގެ ހިތްޕުޅުގައި ރާއްޖޭގެ ތާރީޚަށްވެސް އޮތް ވަރުގަދަ ލޯތްބެއްގެ ސަބަބުންނެވެ.

 ތާރީޚާބެހޭ ލިޔުންތަކުގެ އިތުރުން، ޝަރުޢީ އަދި ޤާނޫނީ ދާއިރާއިންނާއި، ރާއްޖޭގެ ތަރައްޤީއާ ގުޅިފައިވާ ދާއިރާތަކާ ބެހޭގޮތުންނާއި، އަންހެނުންނާއި ކުޑަކުދިންގެ މައްސަލަތަކާއި، ޑްރަގުގެ ވަބާފަދަ، މުޖްތަމަޢުގެ ހާސްކަން އިތުރުވެފައިވާ ދާއިރާތަކުން ވަރަށް ގިނަ ލިޔުންތައް އޭނާ ލިޔުއްވައިފައިވެއެވެ.

 ޢާންމު ފަރާތްތަކުން، ވަޒީރުންނާއި، ސަރުކާރުގެ އޮފީސްތަކާއި، އެނޫންވެސް ކުންފުނިތަކާއި، ވެރިންނާ ކުރަން ބޭނުންވާ ސުވާލުތަކުގެ ޖަވާބު ހޯދައިދީ، [ހަވީރު ހޮޓްލައިން]ގެ ނަމުގައި ޞަފުޙާއެއް ތަޢާރުފުކުރައްވައި، 4 އަހަރު ވަންދެން އެ މަސައްކަތުގައި ދެމިހުންނެވިކަން އެއީވެސް، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގެ ތެރެއިން އާދަމް ޙަލީމްގެ މުހިންމު ޚިދުމަތެކެވެ.

އާދަމް ޙަލީމަކީ، ވާހަކަ ލިޔުމުގެ ފަންނުގައިވެސް ކުރިއަށް ވަޑައިގެންނެވި ބޭފުޅެކެވެ. ވޭތުވެދިޔަ 4 އަހަރު، ކޮންމެ ރަމަޟާން މަހެއްގެ ކޮންމެ ދުވަހަކު، ހަވީރު ނޫހުގައި ޝާއިޢުކުރި، ކުރުވާހަކަ ލިޔުއްވާފައިވަނީ، އޭނާއެވެ.

އާދަމް ޙަލީމް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، ސަން އޮންލައިން އަދި ސަން މެގަޒިންގެ ޑެޕިއުޓީ އެޑިޓަރެއްގެ ގޮތުންނެވެ.