އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ
ހ.މީރުބަހުރުގޭއާގެ

   އެއްބަހުން އަނެއްބަހަށް ތަރުޖަމާކުރުމުގައި ބޭރުބަހަކުން ވާހަކަ ދައްކަމުންދާއިރު ވަގުތުން ދިވެހިބަހަށް ތަރުޖަމާކުރައްވައިގެން އަޑުއަހާ މީހުންނާހަމައަށް ގެނެސްދިނުން އެއީވެސް، ވަރަށް ކުޅަދާނަ އަދި  ދެ ބަސްވެސް ވަރަށް ރަނގަޅަށް ދަންނަ މީހަކަށްނޫނީ ކުރަން މާފަސޭހަ ކަމަކަށް ނުވާނެއެވެ. އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ފުރަތަމަވެސް މަޝްހޫރުވެގެން ދިޔައީ، މިރޮނގުންނެވެ. މީގެ އިތުރުން އޭނާއަކީ، ނޫސްވެރިކަމުގެ ރޮނގުގައިވެސް ވަރަށް ޚާއްޞަ މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެކެވެ.

1979ވަނަ އަހަރު "ހަވީރު" ޝާއިޢުވާން ފެށްޓެވިއިރު އޭނާ ހުންނެވީ، ނޫހުގެ މަސްއޫލުވެރިއެއްގެ ގޮތުގައެއްނޫނެވެ. އެހެންނަމަވެސް، 1980ވަނަ އަހަރުން ފެށިގެން އޭނާއަކީ، އެނޫހުގެ މަސްއޫލުވެރިޔާއެވެ. އޭގެ އިތުރަށް އޭނާއަކީ، އެނޫހުގެ ހުރިހާ ޚަބަރެއް ގާތްގަނޑަކަށް ލިޔުއްވާ ލިޔުންތެރިޔާވެސް މެއެވެ. އަދި ޚަބަރުގެ އިތުރަށް، ތަފާތު މައުޟޫޢުތަކުން މަޟުމޫނުތަކާއި ވާހަކަތައް އޭނާ ބަޔާންކުރައްވަމުން ގެންދަވައެވެ. އާދެ، މި ނޫސްވެރިކަމުގެ ޝައުޤު، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ ހިތުގައި ފެށްޓެވީކީ ހަވީރަކާ ހަމައަކުންނެއްނޫނެވެ. ކިޔަވައިވިދާޅުވާން މިޞުރުގައި ހުންނެވި އިރުވެސް، އެތާނގެ ޠާލިބާނުންނާ އެކުގައި ކޭމްޕްތަކުގައި ވަޑައިގެން އުޅުއްވިއިރު، އެކިއެކި ކޭމްޕްތަކުގައި ނެރެވޭ މަޖައްލާތައް އޭނާ ހިންގަވަމުން ގެންދެވިއެވެ. ހަމައެހެންމެ، މިޞުރުގައި އޮތް ދިވެހި ޠާލިބުންގެ މަޖައްލާގައިވެސް އޭނާ ލިޔުއްވަމުން ގެންދެވިއެވެ. އަދި ފަހުން ރާއްޖެއަށް ދުރުވެ އަމާޒާއި އެހެންވެސް މަޖައްލާތަކުގައި، ފަތްތޫރައިގައިވެސް ލިޔުއްވަމުން ގެންދެވިއެވެ.