އަލްފާޟިލް ތާޅަފިލި އެދުރު ކަލޭފާނުގެ މުޙައްމަދުފުޅު
ހ.އަގީދުގެ

           މަސައްކަތްތެރިކަމުގެ ގޮތުން ޢާއްމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު ލިބިލައްވާފައިވާ އަލްފާޟިލް މުޙައްމަދުފުޅަކީ، ރާއްޖޭގައި ކުރާ އެންމެ ވަރުގަދަ އެއް މަސައްކަތްކަމުގައިވާ ރޭނުމުގެ މަސައްކަތް ވަރަށް ފުރިހަމަގޮތެއްގައި ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ރޭނުމަކީ ވަރަށް އާދައިގެ ކަމެއްކަމުގައި އަޅުގަނޑުމެން ދެކޭ ކަމެކެވެ. އެކަން އޮތީވެސް އެހެންނެވެ. އެކަމަކު ރޭނުމަކީވެސް، އެކަމަށް ކުޅަދާނަ މީހުން އެކަން ކުރާހާ މޮޅަށް ކުރެވޭނެ ކަމެއް ނޫނެވެ. ރޯނެއް ދަމާލުމެއްވެސްނެތި ދިގު ފާރުފާރު ރާނާލުމަކީ، އެއްވެސް ކަމަކަށް ނުވެއެވެ.

           މިއިނާމު ލިބިލެއްވިއިރު އުމުރުން 62 އަހަރު ވެފައިވާ މުޙައްމަދުފުޅު އެމަސައްކަތް ފެށްޓެވީ، ގާތްގަނޑަކަށް އޭގެ 35 އަހަރު ކުރިންނެވެ. އޭނާ ހައްދަވާފައިވާ ތަންތަނަކީވެސް ވަރަށްގިނަ ތަންތަނެކެވެ. އާދެ، އޯޑިއޯން، ދިވެހިރާއްޖޭގެ އަޑު،  މިކަހަލަ ވަރަށްގިނަ ތަންތަން އޭނާ ހައްދަވާފައިވެއެވެ. އަދި ސަރުކާރުގެ ވަރަށްގިނަ ޢިމާރާތްތައް ރޭނުމުގެ މަސައްކަތް ކުރައްވަމުން ގެންދެވީވެސް، މިދެންނެވި މުޙައްމަދުފުޅެވެ.

           މުޙައްމަދުފުޅު ބުނުއްވާގޮތުގައި، އޭނާގެ މަސައްކަތުގައި އުޞޫލަކަށް ބައްލަވަނީ، މަސައްކަތް އިޞްލާޙުކޮށްގެން ރަނގަޅުކޮށްގެން ކުރުމެވެ. ފަހުން އެހެންމީހަކު ކުރާނެ ގޮތަކަށް މަސައްކަތެއްކޮށްފައި ދޫކޮށް ނުލުމެވެ.