އަލްފާޟިލް ކަނދިލި ޢަބްދުލްޤާދިރު
ގ.ގޯޅިތެރޭގެ

          ދިވެހިރާއްޖޭގައި ވަޑިންގެ މަޤާމަކީ، ވަރަށްވެސް އިސް މަޤާމެކެވެ. ތެދުއުއި ވަޑާމާއި، ކިއްސަރު ވަޑާމަކީ، ދުނިޔޭގެ ފެންވަރުގައިވެސް ކުރާ ވަޑާމެކެވެ. އަލްފާޟިލް ކަނދިލި ޢަބްދުލްޤާދިރަކީ، މޮޅު ވަޑިއެކެވެ. އޭނާ ސަރުކާރުގައި އުޅުއްވި ދުވަސްވަރު، ސްރީލަންކާއަށް އިނގިރޭސި ރާނީ ވަޑައިގަންނަވަންވެގެން އެތާނގައި ބޭއްވި މަޢުރަޟެއްގައި، ދިވެހިރާއްޖޭގެ ސްޓޯލެއް ހައްދަވަން، ވަޑިއެއްގެ ގޮތުގައި އޭނާ އެތަނަށް ގެންދެވިއެވެ. އޭގެފަހުން މިހާރު އަޅުގަނޑުމެން މިދެކޭ ދާރުލްޢުލޫމާއި، އޮލިމްޕަހާއި، އަމީނިއްޔާ ސްކޫލާއި މިފަދަ ވަރަށް ގިނަ ތަންތާނގެ ވަޑާމުގެ މަސައްކަތްތަކަކީ، އޭނާ އަތުން ކުރައްވާފައިވާ މަސައްކަތްތަކެކެވެ. މި މަސައްކަތާމެދު އޭނާ ޤަބޫލުކުރައްވާ މޮޓޯއަށް މަސައްކަތްކުރައްވާ މީހުން ފެންނަލެއް މަދުކަމުން އޭނާ ވަރަށް ހިތާމަ ކުރައްވާކަމަށް ބުނުއްވައެވެ. އޭނާ ބުނުއްވި ގޮތުގައި، އޭނާގެ މޮޓޯއަކީ "އަވަހަށް ކުރައްވާ ކަމެއް އަޅުގަނޑާ ޙަވާލު ނުކުރައްވާށޭ، ރަނގަޅަށް ކުރަންވީ ކަމެއްވިއްޔާ އަޅުގަނޑާ ޙަވާލުކުރައްވާށޭ" އެވެ.

          މި މަތިވެރި މޮޓޯއާ އެއްގޮތަށް އޭނާ ކުރެއްވި މަސައްކަތްތަކަކީ، ތެދުއުއި ވަޑާމުގެގޮތުން ވަރަށް މަތީ ވަނަތަކެއް ހޯއްދަވާފައިވާ މަސައްކަތްތަކެކެވެ. މަސައްކަތްތަކުގެ އަގު އޭނާ ހޯއްދެވީ، ފައިސާގެގޮތަކުން ނޫނެވެ. މަސައްކަތުގެ މޮޅުކަމާއި، އޮމާންކަމުގެ ގޮތުންނެވެ. އެގޮތުން އޭނާވަނީ، ގިނަބައެއްގެ ސަމާލުކަން އަތުލައްވާފައެވެ.