އަލްފާޟިލް ޢަބްދުއް ލަޠީފް ޢުމަރު
ހ.ލައިނޫފަރުމާގެ

          ޢަބްދުއްލަޠީފް ޢުމަރު އަޅުގަނޑުމެންނަށް މަޝްހޫރުވެގެން އައީ، ކުޅަދާނަ ޝާޢިރެއްގެ ގޮތުގައި ކަމަށްވިޔަސް އޭނާއަކީ، ޖަމާޢަތަށް ފައިދާހުރި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ބޭފުޅެއްވެސް މެއެވެ. އެގޮތުން، ރަށެއްގައި އޭނާގެ އަމިއްލަ މަސައްކަތުން ރުއް އިންދަވައި ދެއްވުމަށް މަސައްކަތް ކުރައްވާފައިވެއެވެ. އެއީ، ރާއްޖެތެރޭގެ ރަށްރަށުގައި އޮންނަ ބޮޑެތި ހުސްބިންތައް ފެނިވަޑައިގެންނަވައިގެން އަމިއްލަފުޅަށް ފެށްޓެވި މަސައްކަތެކެވެ. މިގޮތުން، މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫގައި، އެރަށު މީހުންނަށްޓަކައި، ފަސްހާސް ރުއް އިންދަވައިދެއްވިއެވެ. އަދި މުޑުވަށް ކުރުމަށްޓަކައި އެއްހާސް ކާށި އެރަށުގެ މީހުންނާ ޙަވާލުކުރެއްވިއެވެ.

          މިދެންނެވި ގޮއިދޫގެ މަސައްކަތުގެ އިތުރަށް، އޭނާ ރުއްގަސް އިންދެވުމަށްޓަކައި މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަނުން ރަށެއް ހޯއްދެވިއެވެ. އެއީ ތިލަދުންމަތީ ދެކުނުބުރީ ވައިކަރަ މުރައިދޫއެވެ. އެރަށުގައި ރުއް އިންދުމުގެ އިތުރަށް ލަކުޑިއާއި ފުނަ ގާތްގަނޑަކަށް ހަހާހެއްހައި ގަސް އޭނާ އިންދަވާފައިވެއެވެ. އޭނާ މިމަސައްކަތު ކުރެއްވި ދުވަސްވަރު، ޅޮހިފުށި ޓުއަރިސްޓް ރިސޯޓަށް މޭވާއާއި ވަރަށްގިނަ ބާވަތް ބާވަތުގެ އެއްޗެތި ގެންދަވައެވެ.