އަލްފާޟިލް މުޙައްމަދު ޔޫސުފް
މ.މާޔާ

          ދިވެހި ތަޢުލީމަށް ޚިދްމަތްކުރެއްވުމުގެ ރޮނގުން އަލްފާޟިލް މުޙައްމަދު ޔޫސުފަށް އިނާމެއް ލިބިވަޑައިގެންނެވިއިރު އޭނާއަކީ، މަދަރުސާއެއް ހިންގެވި ބޭފުޅެއް ނޫން ނަމަވެސް އޭނާއަކީ، ކްލާހެއް ހިންގަވާ ބޭފުޅެކެވެ. އާދެ، ކްލާހެއް ވަރަށް ގިނަ ދުވަސްވަންދެން ހިންގަވައި، ރާއްޖޭގެ ވަރަށް ގިނަ ބަޔަކަށް ތަފާތު ޚާއްޞަ ރޮނގަކުންނަމަވެސް ތަޢުލީމީ ޚިދުމަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާއަކީ، ހިސާބު ޢިލްމުގެ ރޮނގުގައި، ކިޔަވާ ކުދިންނަށްޓަކައި ބައެއް ފޮތް ހައްދަވާފައިވާ ބޭފުޅެކެވެ. މިރޮނގުން އޭނާ ހެއްދެވި ފޮތްތަކުގެ ތެރޭގައި ބޭނުންތެރި ހިސާބު 1 ، 2 އަދި މިނޫންވެސް އެހެން ދެފޮތެއްވަނީ ހައްދަވާފައެވެ. އޭނާގެ ހަތަރު ފޮތެއް މިހާރު، ހިސާބު ޢިލްމުގެ ރޮނގުން ޗާޕުވެގެން ނުކުމެފައިވެއެވެ. 

          މުޙައްމަދު ޔޫސުފް، ޕްރޮގްރެސިވް ކުލާހުގެ ނަމުގައި ކްލާހެއް އުފައްދަވައިގެން، މާލެއާއި ރާއްޖެތެރޭގެ ވަރަށް ގިނަ ދަރިވަރުންނަށް، ހިސާބާއި، ދިވެއްސާއި، ލިޔުން އުނގަންނަވައި ދެއްވަމުން ގެންދަވާތާ ވަރަށްގިނަ އަހަރުތަކެއް ވެއްޖެއެވެ. ސަރުކާރުގެ ވަޒީފާގައި އުޅުއްވާ ވަރަށްގިނަ މުވައްޒަފުންގެ ތެރެއިން އެކަށީގެންވާ އަދަދެއްގެ ބޭފުޅުންނަކީ، އޭނާގެ މި ކުލާހުން ސަނަދު ހޯއްދަވާފައިވާ ބޭފުޅުންކަން އަޅުގަނޑުމެންނަށް ފާހަގަކުރެވެއެވެ. މި ކްލާސް ހިންގަވަން ފެށްޓެވުމުގެ ކުރިންވެސް އޭނާއަކީ، މަދްރަސަތުލް ޢާލިޔާއާއި އެނޫންވެސް ޕްރައިވެޓް ސްކޫލްތަކުގައި، ހިސާބު ކިޔަވައިދެއްވަމުން ގެންދަވާފައިވާ ހީވާގި މުދައްރިސެކެވެ.