އަލްފާޟިލް ޢަބްދުﷲ ޞާދިޤު
ހ.އާމުލީގެ

           އަލްފާޟިލް ޢަބްދުﷲ ޞާދިޤަކީ، ދިވެހިބަހުގެ އުސްތާޛުންގެ ތެރެއިން މިފަހަކަށް އައިސް ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ސްކޫލް ދައުރުގައިވެސް ދިވެހިބަހުގެ ތަފާތު ކަންތައްތަކުގައި ފާހަގަކުރެވެމުން ދިޔަފަދައިން ޢަމަލީ މައިދާނަށް ނުކުމެ ވަޑައިގަތުމާއެކުވެސް އަލްފާޟިލް ޢަބްދުﷲ ޞާދިޤު އެރޮނގުގައި ވަޑައިގަތީ، ކުރި ހޯއްދަވަމުންނެވެ.

           ދިވެހި ބަސް ކިޔަވައިދެއްވުމަކީ އޭނާގެ ތަބީޢަތާ ވަކިކުރެވެން ނެތްކަމަކަށް ވިއެވެ. ދިރިއުޅުމުގެ ގަދަފަދަ އޮއިވަރުގެ ތެރޭގައިވެސް މާލޭގެ ތަފާތު މަދަރުސާތަކުގައި އުފަލާއެކު އޭނާ ކިޔަވައިދެއްވަމުން ގެންދެވައެވެ. ހުސް އެންމެ ވަގުތުކޮޅެއްވެސް ނެތިއެވެ.

           އަލްފާޟިލް ޢަބްދުﷲ ޞާދިޤު ދިވެހިބަހުގެ ގަވާއިދާބެހޭ ގޮތުން ލިޔުއްވުންތައް ލިޔުއްވައި، ވާހަކައާއި މަޒުމޫނުފަދަ ތަކެތިވެސް ލިޔުއްވަމުން ގެންދަވާފައިވެއެވެ. މީގެތެރޭގައި ހަރުބަސް ފޮތްތަކާއި މަޒުމޫނު ފޮތެއް އަދި ޅެން ޝަރަޙަ ކުރާނެގޮތް ދައްކައިދޭ ފޮތެއްވެސް ހިމެނެއެވެ.

           ދިވެހިބަހުގެ އެންމެ މުހިއްމު އެއްބައިކަމުގައިވާ ޅެންވެރިކަމުގެ ފަންނުގައިވެސް އަލްފާޟިލް ޢަބްދުﷲ ޞާދިޤަކީ، އަރާހުންނެވި ބޭކަލެކެވެ. ތަފާތު މައުޟޫޢުތަކަށް ފަސޭހަފުޅުކަމާއެކު ޅެންހައްދަވައެވެ. ތަފާތު އެކިއެކި މުނާސަބާތަކަށް ލަވަ ހައްދަވައެވެ.