އަލްފާޟިލާ މަރިޔަމް ސަޢީދު
މ.ބަގީޗާގެ

އަލްފާޟިލާ މަރިޔަމް ސަޢީދަކީ، ޅެންވެރި ޢާއިލާއަކުން ވަޑައިގެންހުންނެވި ޅެންވެރި ބޭފުޅެކެވެ. އޭނާ ދިވެހި ޅެންވެރިކަމުގެ ގުލްޒާރުގެ މެމްބަރެއްކަމުގައި ހިމެނިވަޑައިގަތީ، އުމުރުފުޅުން އެންމެ ސާދަ އަހަރުފުޅުގައެވެ. އާދެ، ވަރަށް ގިނަ ޅެންތަކެއް އެ ޝާޢިރާވަނީ، ހައްދަވާފައެވެ. އޭނާ ވިދާޅުވާގޮތުގައި އޭނާއަށް ހެއްދެވުނު ޅެމުގެ ޢަދަދު އޭނާއަށްވެސް އެނގިވަޑައެއް ނުގަންނަވައެވެ. ނަމަވެސް އޭނާ ވިދާޅުވިގޮތުގައި އަހަރެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް 50އަށް ވުރެ ގިނަ ޅެން ހައްދަވާފައިވެއެވެ. އެއީ ޤައުމީ ޅެމާއި ތާރީޚީ ޅެން، ނަސޭހަތާއި ދީނުގެ މައުޟޫޢުތައް އެކުލެވޭ ޅެންޅެމެވެ. އަދި ތަފާތު ޝުޢޫރުތަކުގެ ޅެންތައްވެސް ހިމެނެއެވެ. މި ޅެންތައް އަޅުގަނޑުމެންގެ އެކިއެކި ނޫސްތަކުގައި، އާދެ، ދިވެހި ޅެންވެރިކަމުގެ ގުލްޒާރުގައި ނޫރާނީ މަލުން ފެށިގެން ސަރުކާރުގެ ޚަބަރުތަކުގަޔާއި އަމާޒުގައި، ނާރެހުގައި، އަދި ފަތްތޫރައިގައި އަދިވެސް ތަފާތު މަޖައްލާތަކުގައި، އެ ޅެންތައް އަޅުގަނޑުމެންނަށް ޝާއިޢުކުރެވިގެން ފެނިގެން އައިސްފައިވެއެވެ. މަރިޔަމް ސަޢީދުގެ ޅެންތައް އަޅުގަނޑުމެންގެ ތެރެއަށް ގެނެވިފައިވަނީ، ނިސްރީނުގެ ނަމުގައެވެ. ބައެއް ފަހަރު، ނީލްގެ ނަމުގައި، އަދި ބައެއް ފަހަރު އެއަރގެ ނަމުގައިވެސް، ގެނެސްދެއްވައެވެ.