ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް
ގދ. ތިނަދޫ

ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑަކީ، ހުވަދުއަތޮޅު ދެކެނުބުރީ ތިނަދޫގައި ހިންގަވަން ފެށްޓެވި ކުންފުންޏެކެވެ. 3 ޖޫން 1992 ގައި އުފެދުނު މި ކުންފުނި، 2003 ވަނަ އަހަރާ ހަމައަށް ހިންގަމުން ގެންގޮސްފައިވަނީ، ތިނަދޫގައެވެ. ކުންފުނި އުފެއްދި މަޤްޞަދުތަކުގެ ތެރޭގައި، މަސައްކަތްތެރިކަމަކީ، ގދ.އަތޮޅަށްވެސް ނުހަނު ބޭނުންތެރި ކަމަކަށްވާތީ، އެ ޚިދުމަތް ބޭނުންވާ ފަރާތްތަކަށް، ވީ އެންމެ ފުޅާ ދާއިރާއެއްގައި ފަސޭހަކަމާއެކު އެ ފުރްޞަތު ހޯއްދަވައިދެއްވުން ހިމެނެއެވެ. ގެދޮރު ބިނާކުރުމަށް ބޭނުންވާ ހުރިހާ މަސައްކަތެއް ކުރުމާއި، ވެލްޑިންގ ކުރުމާއި، ލޭތުގެ މަސައްކަތާއި، ރެފްރިޖަރޭޝަނާއި އެއަރ ކޮންޑިޝަންގެ މަސައްކަތާއި، އިލެކްޓްރިކަލް މަސައްކަތްތަކާއި، ތެދުއުއި ވަޑާމާއި، ކިއްސަރު ވަޑާމުގެ މަސައްކަތް، އެ ކުންފުނިން އޭރު ކުރަމުން ގެންދިޔައެވެ.

ތިނަދޫގައި ކުރަމުން ގެންދިޔަ ކުންފުނީގެ މައިގަނޑު މަސައްކަތާއި، އިދާރީ މަސައްކަތް މާލެއަށް ބަދަލުކުރެއްވީ، ކުންފުނީގެ މަސައްކަތްތައް ފުޅާކޮށް ކުރިއަށް ގެންދިޔުމުގެ މަޤްޞަދުގައެވެ. ކުރިމަތިވި ގިނަ ދަތިތަކާއެކުވެސް، ވިސްނުންތެރިކަމާއި ރޭވުންތެރިކަމާއެކު ކުރެވުނު ގިނަ އަދި ބުރަ މަސައްކަތުން މި ކުންފުނި ކާމިޔާބުކަމާއެކު ކުރިއަށްގޮސް، ޢިމާރާތްކުރުމުގެ ދާއިރާއިން ކުރީސަފުގައި ހިމެނޭ ކުންފުނިތަކުގެ ތެރޭގައި، އެ ކުންފުނި ވަނީ ހިމެނިފައެވެ. ބޮޑެތި އިންވެސްޓްމަންޓްތައްކޮށް، އެކިއެކި މަޝްރޫޢުތަކަށް ބޭނުންވާ މުދާ ޝްރީލަންކާއާއި، އިންޑިއާއާއި، މެލޭޝިޔާއާއި، ތައިލެންޑާއި، ޗައިނާއިން އެތެރެކުރަމުންދާކަން އެއީ، ކުންފުނި ހޯދާފައިވާ ވަރަށްބޮޑު ކާމިޔާބީއެކެވެ. އަދި ދިގު މުއްދަތަކަށް މާލެއިން ބިން ކުއްޔަށް ހިފައިގެން އިމާރާތްކޮށް، ކުއްޔަށް ދިނުމުގެ ވިޔަފާރި، ފުޅާ ދާއިރާއެއްގައި ކުރަމުން ގެންދާކަމީވެސް ކުންފުނި ހޯދާފައިވާ ކާމިޔާބީތަކެވެ. ހަމައެހެންމެ، އެއީ، ކުންފުނީގެ މަސައްކަތް މިއަދު ތަރައްޤީވެފައިވާ މިންވަރު ހާމަވެގެންދާ ކަމެއްވެސްމެއެވެ.

ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުން މިހާރުވެސް 7 މަޝްރޫޢެއް ހިންގަމުން އެބަގެންދެއެވެ. އޭގެތެރޭގައި، ގއ.ކޮލަމާފުށީގައި ސަރުކާރުން އިމާރާތްކުރާ 25 ރޯހައުސްގެ މަޝްރޫޢުގެ ތެރެއިން 10 ގޭގެ މަސައްކަތާއި، ގދ.ތިނަދޫގައި ސަރުކާރުން ޢިމާރާތްކުރާ 25 ރޯހައުސްގެ މަޝްރޫޢުގެ ތެރެއިން 10 ގޭގެ މަސައްކަތް ހިމެނެއެވެ. އަދި ހދ. ކުޅުދުއްފުށްޓާއި ޅ.ނައިފަރުގައި ޢިމާރާތްކުރާ ރޯހައުސްތަކުގެ މަޝްރޫޢުގެ ތެރެއިންވެސް 15 ގޭގެ މަސައްކަތް މިހާރުވަނީ ފަށަން ތައްޔާރުވެފައެވެ.

މިހާތަނަށް އައިއިރު އެ ކުންފުނިން ވަރަށްގިނަ ތަންތަން ވަނީ ޢިމާރާތް ކުރައްވާފައެވެ. އޭގެތެރޭގައި، ހުޅުލޭ މެޓް ބިލްޑިންގއާއި، ހުޅުމާލޭ އެމް.ޑަބްލިޔޫ.އެސް.ސީ. ފެސިލިޓީ ބިލްޑިންގއާއި، ލ.ގަމުގެ ރީޖަނަލް ޕޮލިސް ސްޓޭޝަނާއި، ބޭންކް އޮފް މޯލްޑިވްސްގެ ގދ.ތިނަދޫ ބްރާންޗާއި، މ.މުލަކާއި، ތ.ވޭމަންޑުއާއި، ގދ.ތިނަދުއާއި، ސ.ހިތަދޫގެ ސޯޝަލް ޕްރޮޓެކްޝަން ސެންޓަރާއި، ރާއްޖޭގެ ބައެއް ސްކޫލްތަކާއި، ބައެއް ރަށު އޮފީސްތަކާއި، ބައެއް މިސްކިތްތަކާއި، އެސް.ޓީ.އޯ.ގެ ގއ.ވިލިނގިލީ ފިހާރައާއި، ހއ.ހޯރަފުށީ ފިހާރައާއި، ލ.ފޮނަދޫ ފިހާރައާއި، މާލޭގެ ބައެއް ގޭގެ ހިމެނެއެވެ.

ކުންފުނީގެ ޙިއްޞާދާރުންގެ ގޮތުގައި މިހާރު ތިއްބެވި 4 ބޭފުޅުންނަކީ، ކުންފުނީގެ މެނެޖިންގ ޑިރެކްޓަރ އަލްފާޟިލް ސަޢުދުﷲ ޙިލްމީއާއި، ޑިރެކްޓަރ އަލްފާޟިލް ޙަސަން ފަޔާޒާއި، ޕްރޮޖެކްޓް ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ރަމީޒާއި، ރީޖަނަލް ޑިރެކްޓަރ އަލްފާޟިލް މުޙަންމަދު ޒުބައިރެވެ.

ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުގެ މަޤްޞަދަކީ، މި މަސައްކަތްތައް ދުވަހުން ދުވަހަށް ފުޅާކުރައްވައި ތަރައްޤީކުރައްވަމުން ގެންދަވައި، މުޅި ރާއްޖޭގެ ރައްޔިތުންނަށް ރަނގަޅު ފެންވަރެއްގައި، މި ޚިދުމަތްތައް ދެއްވަމުން ގެންދެވުމެވެ.