އަލްފާޟިލް ޑީ.އަޙްމަދު ދީދީ
މއ.ކެމީލިޔާ

           އަމިއްލަ ވިޔަފާރިވެރިއެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގައި އުފައްދާ މިޔަރު އުރަހައާއި، ކަހަނބުފަތް ބޭރުގެ ބާޒާރުގައި ރަނގަޅު އަގު ލިބޭނެ ގޮތެއްގެމަތިން މަސައްކަތް ކުރައްވާފައިވެއެވެ. އަދި ވިޔަފާރީގެ ކަންތައްތައް މިޒަމާނުގެ ގޮތަށް ބަދަލުކުރެއްވުމުގައި ކުރައްވާފައިވާ މަސައްކަތް ކުރައްވާފައިވާ މަސައްކަތް ފާހަގަކޮށްލެވެއެވެ. ޚާއްޞަކޮށް ބޭރު ޤައުމުތަކުގައި ފިހާރަތައް ހުންނަ ފެންވަރަށް މާލޭ ބާޒާރުގެ ފިހާރަތައް ގެންނެވުމުގައި ވަރަށްވެސް މުހިންމު ރޯލެއް ކުޅުއްވާފައިވެއެވެ.

           އަލްފާޟިލް ޑީ.އަޙްމަދުދީދީއަކީ، ޖަމާޢަތަށް ފައިދާހުރި ވަރަށް އަގުހުރި މަސައްކަތެއް ކުރައްވާފައިވާ ބޭފުޅެކެވެ. އަމިއްލަފުޅަށް ވަރަށްބޮޑު ޚަރަދެއް ކުރައްވައިގެން މަދަރުސާއެއް ޢިމާރާތް ކުރައްވައި ޖަމާޢަތަށް ހަދިޔާކުރައްވާފައިވާ ބޭފުޅެކެވެ. އެއީ، މަދުރަސަތުލް އަޙްމަދިއްޔާއެވެ. އެ މަދަރުސާގައި އެކަށީގެންވާ އަދަދަކަށް ކުދިންނަށް ތަޢުލީމު އުނގެނޭގެ އިންތިޒާމު ހަމަޖައްސަވައި، ޔުނިފޯމާއި، ފޮތް ފަންސުރާއި، މަދަރުސާ ހިންގުމުގެ ޚަރަދުވެސް ދެއްވަމުން ގެންދެވިއެވެ. މީގެއިތުރަށް، ޖަމާޢަތުގެ ކަންތައްތައް ހިންގާ މަރުކަޒުގެގޮތުގައިވެސް އެމަދަރުސާ ހިމެނި، ސަރުކާރަށާއި ޖަމާޢަތަށް ފައިދާހުރި ކިތަންމެ ކަމެއްގައި އޭނާގެ ޚިދުމަތް މެދުނުކެނޑި ލިބެމުންދެއެވެ.