ޑޭޒީ ވަރކްޝޮޕްގެ މަސްއޫލުވެރިޔާ އަދި މެނެޖިންގ ޑިރެކްޓަރ މުޙަންމަދު ސަމީރު
މ. ޑޭޒީލޮޖް

މާފަންނު ޑޭޒީލޮޖްގައި ހިންގަމުންގެންދާ ޑޭޒީ ވަރކްޝޮޕަކީ، މާފަންނު ޑޭޒީ މުޙަންމަދު ސަމީރު  13 ސެޕްޓެންބަރު 1988 ގައި އުފެއްދެވި ވަރކްޝޮޕެކެވެ. ވަރކްޝޮޕްގެ މަސްއޫލުވެރިޔަކީ އޭނާއެވެ.  

ވެލްޑިންގ ފޯމަރަކާއި، ކަޓަރއޮފްއަކާއި، ސްޓޭންޑް ބުރުމާއަކާއި، ގްރޭންޑަރަކާއި، އަތު ބުރުމާއަކުން މި ވަރކްޝޮޕުން ފުރަތަމަ ކުރަންފެށީ، ވަރަށް އާދައިގެ މަސައްކަތްތަކެވެ. ފެންވައިރުކޮށްދިނުމާއި ޕާޓިޝަން ޖަހައިދިނުމާއި، ފަންގިފިލާ އަޅައިދިނުންފަދަ މަސައްކަތްތައް، އޭރު އެ ވަރކްޝޮޕުން ކުރަމުން ދިޔައެވެ. އެއަށްފަހު، ލޭތު މެޝިނެއް ހޯއްދަވައި، އެ ވަރކްޝޮޕްގެ މަސައްކަތް އިތުރަށް ތަރައްޤީކުރެއްވުމުގެ ގޮތުން ތަފާތު ވައްތަރުގެ އެއްޗެތި އުފައްދަވައި، އެތަކެތި ވިއްކެވުމުގެ މަސައްކަތް ފެށްޓެވިއެވެ.                   

މަސައްކަތަށް ބޭނުންވާ ތަކެތި ރާއްޖެއިން ބޭރުން ގެނައުމަށް މަގުފަހިކުރެއްވުމުގެ ގޮތުންނާއި، މުވައްޒަފުންގެ ދަތިކަން ކުރިމަތިވެގެން، އެކަން ޙައްލުކުރެއްވުމުގެ ގޮތުން 1994 ވަނަ އަހަރުގެ މާޗްމަހުގެ 20 ވަނަ ދުވަހު، ލޯކަލް އިންވެސްޓްމަންޓެއްގެ ގޮތުގައި މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގައި ރަޖިސްޓަރީ ކުރެއްވިޔަސް، ސަމީރުގެ މަޤްޞަދަކީ، ރާއްޖެއިން ބޭރުން ގެންނަ ބައެއް ތަކެތި، އެފެންވަރުގައި ރާއްޖޭގައި ތައްޔާރުކުރައްވައި، ޢާންމުންނަށް ފަސޭހައިން ލިބޭނެގޮތް ހަމަޖައްސަވައިދެއްވުމެވެ. 1990ގެ ފަހު އަހަރުތަކުގެ ތެރޭގައި، ދޯނިއެހިލާ ވިންޗް ލިބުން ދަތިވެގެން، ސަމީރު ވަނީ އޭނާގެ ވަރކްޝޮޕުން އެކަން ޙައްލުކޮށްދެއްވާފައެވެ. ދޯނިއެހިލާ ވިންޗް އަމިއްލައަށް އުފައްދަވައި، ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވިއެވެ.

ތަފާތު އެތައް ވައްތަރެއްގެ ތަކެތި އެ ވަރކްޝޮޕުން މިހާރުވަނީ އުފައްދަން ފަށާފައެވެ. އެންމެ މިޒަމާނުގެ މެޝިނާއި، ޓޫލްސް މިހާރުވަނީ ހޯއްދަވާފައެވެ. އަދި ބޭނުންވާ ވައްތަރުގެ ރޯ މެޓީރިއަލްސް ރާއްޖެއިން ނުލިބޭތީ، ރާއްޖެއިން ބޭރުން ރޯ މެޓީރިއަލްސް އެތެރެކުރައްވައި، މިހާރު ގާތްގަނޑަކަށް ދޮޅުމިލިއަން ދިވެހި ރުފިޔާގެ ރޯ މެޓީރިއަލްސް ސްޓޮކް ކުރައްވާފައިވެއެވެ.

ޑޭޒީ ވަރކްޝޮޕުން އުފައްދާ ތަކެތީގެ ތެރޭގައި، ދޯނިއެހިލުމަށް ބޭނުންކުރާ ވިންޗާއި، ދޯނި ހިފަހައްޓާ ސްޓޭންޑާއި، އެކި ސައިޒުގެ ނަގިއްޔާއި، ގާއަޅާ މެޝިނާއި، މެރިން އިންޖީނުގެ ސްޕެއަރޕާޓްސްއާއި، ވަޑާމުގެ އެކި ސާމާނު ހިމެނެއެވެ. މީގެއިތުރުން، ހަނޑޫ މުގުރާ މެޝިނާއި، ހުނިގާނާ މެޝިނާއި، ހިކިމަސްކޮށާ މެޝިނާއި، މަސްކައްކާ އުނދުނާއި، އެކިސައިޒުގެ އުވަދޯންޏާއި، ޕޭވްމަންޓް ގާއަޅާ ތައްގަނޑާއި، މަގުމަތީގައި ގާއަޅާ ތައްގަނޑާއި، އަތްގާޑިޔަލާއި، ވީލްބަރޯއާއި، ކަރަންޓް ރޮންދާއާއި، ކަރަންޓް ކީސްފަދަ ތަކެތިވެސް އެ ވަރކްޝޮޕުން ތައްޔާރުކުރަމުން ގެންދެއެވެ.

ސަމީރަކީ، ޑޭޒީ ވަރކްޝޮޕުން އުފައްދާ ތަކެތީގެ ފެންވަރު ހިފެހެއްޓެވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. ވަރކްޝޮޕުން އުފައްދާ ތަކެތީގެ ފެންވަރާ ބެހޭގޮތުން ޢާންމުންގެ ޚިޔާލު ހޯއްދަވައި، އެ ޚިޔާލުތަކާ އެއްގޮތަށް، އެ ތަކެތި ތައްޔާރުކުރެއްވުމަކީ، އޭނާ ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމެކެވެ. މިގޮތުން ރޭގަނޑުގެ ހުސް ވަގުތުތަކުގައި އޮޑިދޯނިފަހަރުގެ މީހުންނާ ބައްދަލުކުރައްވައި، ބޭނުންވާ ތަކެތީގެ އޯޑަރު ނަންގަވައި ހައްދަވައެވެ. އަދި އެތަކެއްޗަށް ގެންނަންޖެހޭ ބަދަލުތަކަކީ ކޮބައިތޯ ބައްލަވައި، އެކަމުގެ މަޢުލޫމާތު އެއްކުރެއްވުމާއި، ތަކެތި މާކެޓް ކުރެއްވުމުގެ މަސައްކަތް އޭނާ ކުރައްވަމުން ގެންދަވަނީ ވަރަށް ހީވާގިކަމާއި މުރާލިކަމާ އެކުގައެވެ.   

             ސަމީރު ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ދުވަހަކީ، ވަކިން ބިންކޮޅެއް ހޯއްދަވައިގެން، އެތަނުގައި މަސައްކަތް ފަށްޓަވައި، ވަރކްޝޮޕްގެ މަސައްކަތް މިހާރަށްވުރެ އެތައް ތަނެއް ފުޅާކުރައްވައި، މުޅި ރާއްޖެއަށް އެތަނުގެ ޚިދުމަތް ދެއްވޭނެ ދުވަހެކެވެ.