އަލްފާޟިލް ޢަބްދުﷲ ލަޠީފް
މ.ގައްދަޑުގެ

ރުއްގަލު ބޭހަކީ، ތަންތަން ބިނދުނީމާ އެތަންތަން ފަސޭހަކުރުމަށް ދިވެހިން ކޮށްއުޅޭ ވަރަށް ކާމިޔާބު މަޝްހޫރު ބޭސްވެރިކަމެކެވެ. މިޒަމާނުގެ ހުޅަނގުގެ ބޭސްވެރިކަން މިހާބޮޑަށް ޢާއްމުވެގެންގޮސް އޭގެ ހޭލުންތެރިކަން ލިބިފައިވާއިރުވެސް، ބިނދިގެން ހޮސްޕިޓަލްތަކަށް ދިޔައީމާ އެ އަޅައިދޭ ދަނގަޑު ބޭހަށްވުރެ ރުއްގަލުބޭސް މޮޅުކަމަށް ބުނެއެވެ. ބޭރު ޤައުމުތަކުގައި އުޅޭ ދިވެހީންވެސް މިކަމުގެ ފަރުވާއަށް ރާއްޖެއަށް އައިސްފައިވާކަންވެސް ފާހަގަކުރެވެއެވެ.

އަލްފާޟިލް ގައްދަޑުގޭ ލަޠީފަކީ، މިދެންނެވި ރުއްގަލު ބޭސް ކުރެއްވުމުގައި މިވަގުތު ރާއްޖޭގައި ތިއްބެވި އެންމެ މަޝްހޫރު ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. ވަރަށް ބޮޑަށް ތަންތަން ބިނދިފައިވާ މީހުންނަށް އޭނާ ބޭސްކޮށްދެއްވައިގެން ﷲގެ ރަޙްމަތްފުޅާއެކުވަނީ، ރަނގަޅު ވެފައެވެ. ޢަބްދުﷲ ލަޠީފަކީ، ރުއްގަލު ބޭހުގެ އިތުރަށް އެހެނިހެން ގޮތްގޮތުން ތަންތަނަށް ތަދުވުންފަދަ ކަންތައްތަކުގައިވެސް އަމިއްލަފުޅަށް ބޭސް ތައްޔާރުކުރައްވައިގެން ބޭސްކޮށްދެއްވާ ބޭފުޅެކެވެ.