އަލްފާޟިލް ބާޑީގޭ މުޙައްމަދު އަޙްމަދުދީދީ
މއ.ނޫރީގެ

           ބާޑީގޭ މުޙައްމަދު އަޙްމަދުދީދީގެ ދުވަސްވަރު ހިމެނުނީ، މިޒަމާނާ އަޅާބަލާއިރު ބޭރު ބަސްބަސް ދެނެވަޑައިގެން ތިއްބެވި ބޭފުޅުން މަދު ދުވަސްވަރެއް ކަމުގައެވެ. ހަމައެހެންމެ ޗާޕުގެ ކަންތައްވެސް ވަރަށް ދަތި އުނދަގޫ އާދައިގެ ގޮތަކަށް އޮތުމާއެކު، ކިޔާނެ ފޮތްވެސް ވަރަށް މަދެވެ. ނަމަވެސް، އެދުވަސްވަރުވެސް ބާޑީގޭ މުޙައްމަދުދީދީ ތަފާތު ވާހަކަތަކާއި، ދީނީ މަޢުލޫމާތުތަކާއި، މިހެންގޮސް ތަފާތު ވައްތަރު ވައްތަރުގެ ލިޔުންތައް ބޭރުބަހުން ދިވެހިބަހަށް ތަރުޖަމާކުރައްވައި ހެއްދެވުމުގެ މަސައްކަތްކުރައްވަމުން ގެންދެވިއެވެ. މިގޮތުން މުޅި ރާއްޖެއަށް މަޝްހޫރުވެގެންގޮސްފައިވާ، އަދި މިއަދާ ޖެހޭންދެންވެސް އެވާހަކައެއް މުޅި ރާއްޖޭގައި ކިޔަމުންގެންދާ އަލްފު ލައިލާ ވާހަކަ ހިމެނެއެވެ. މީގެ އިތުރުން، އިސްލާމީ ތާރީޚުގެ ބައެއް ވާހަކަވެސް އޭނާ ލިޔުއްވިއެވެ. މިފަދަ ވާހަކަތަކުގެ އިތުރުން ބޭސްވެރިކަމާބެހޭ ފޮތްތައްވެސް ލިޔުއްވާފައިވެއެވެ.