އައްނަބީލް މުޙަންމަދު ވަޙީދުއްދީން
ހ. ޑީންސްވިލާ

މުޙަންމަދު ވަޙީދުއްދީނަކީ، ރާއްޖޭގެ އިޖްތިމާޢީ ދާއިރާއިން، ޚާއްޞަކޮށް ޖަމާޢަތަށް ފައިދާހުރި ޚާއްޞަ ޚިދުމަތް ކުރެއްވުމުގައި އެންމެކުރީ ސަފުގައި ގުނާލެވޭ އެއްބޭފުޅެކެވެ. ރާއްޖޭގެ އިޖްތިމާޢީ ކަންކަމަށް އޭނާ އެކިގޮތްގޮތުން އެހީތެރިކަން ފޯރުވައިދެއްވައި، އެހީތެރިވެދެއްވަމުން ގެންދަވާތާ މިހާރު ތިރީހަކަށް އަހަރު ވެއްޖެއެވެ.

ޖަމާޢަތަށް ފައިދާހުރި ޚާއްޞަ ޚިދުމަތް ކުރެއްވުމުގެ ރޮނގުން 1997 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާ މުޙަންމަދު ވަޙީދުއްދީނަކީ، މުޅި ރާއްޖެއަށް އެބޭފުޅެއްގެ ޚިދުމަތް ވަރަށް ފުޅާ ދާއިރާއެއްގައި ދެއްވާފައިވާ ބޭފުޅެކެވެ. އެކި ފަރާތްތަކުން ހުޅުވާ އެކި ފަންޑުތަކަށާއި، އެކި ފަރާތްތަކުން ހިންގަވާ އެކި މަސައްކަތްތަކަށް ވަޙީދުއްދީން ވަނީ ދީލަތި އެހީތައް ވެދެއްވާފައެވެ.  

އިޖްތިމާޢީ ދާއިރާއިން އޭނާ ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ ތެރޭގައި، ސްކޫލްތައް އިމާރާތް ކުރުމަށާއި، އެތަންތަން ހިންގުމަށް ބޭނުންވާ ތަކެތި ހޯއްދަވައިދެއްވުމާއި، މާލެއާއި އަތޮޅުތަކުގެ ޒުވާނުންގެ މުނިފޫހިފިލުވުމަށާއި، ކުޅިވަރު ކުޅުމަށާއި، ކަސްރަތު ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯއްދަވައިދެއްވައި، އެކަންކަން ދެމެހެއްޓުމަށް އެހީތެރިވެދެއްވުން ހިމެނެއެވެ. އަދި އަތޮޅުތަކުގެ ރަށްރަށަށް ދިމާވާ ޤުދްރަތީ ކާރިސާތަކުން ލިބޭ ގެއްލުމުން ސަލާމަތްވުމަށް ބޭނުންވާ ސާމާނު ފޯރުވައިދެއްވުމުގެ އިތުރުން، ރަށްރަށުގެ އިންޖީނުގެތަކަށް ބޭނުންވާ އިންޖީނާއި، އެހެނިހެން ތަކެތި ހަދިޔާކުރެއްވުންވެސް ހިމެނެއެވެ. 

ވަޙީދުއްދީނުގެ އިޖްތިމާޢީ ޚިދުމަތުގެ ތެރެއިން ފާހަގަކޮށްލެވޭ އަނެއްކަމަކީ، ދިވެހި ޒުވާނުންނަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން އެކި ދާއިރާތަކުން މަތީ ތަޢުލީމް ޙާޞިލުކޮށްދިނުމުގެ ފުރްޞަތު، އޭނާގެ އަމިއްލަފުޅު ޚަރަދުގައި ހޯއްދަވައިދެއްވުމާއި، ރާއްޖެއިން ބޭރުގައި ތަޢުލީމް ޙާޞިލު ކުރަމުންދާ ދަރިވަރުންނަށް، އެކިގޮތްގޮތުން އެހީތެރިކަން ފޯރުވައިދެއްވުމެވެ.

ރާއްޖޭގައި އުފެދިފައިވާ ބައެއް ޖަމްޢިއްޔާ ޖަމާޢަތްތައް ވުޖޫދަށް އައުމުގައި، ވަޙީދުއްދީން އަދާކުރައްވާފައިވާ ދައުރު ވަރަށްބޮޑެވެ. މިގޮތުން، ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ބާނީއަކީ އަދި އެ ޖަމްޢިއްޔާގެ ޗެއަރމަނަކީވެސް، ވަޙީދުއްދީނެވެ. ބޮޑީ ބިލްޑިންގ ފެޑެރޭޝަންގެ ބާނީ އަދި ޗެއަރމަނަކީވެސް، ވަޙީދުއްދީނެވެ. ހަމައެހެންމެ، މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަންގެ ޕްރެޒިޑެންޓް އަދި ބާނީއަކީވެސް، ވަޙީދުއްދީނެވެ.

           ވަޙީދުއްދީނުގެ ދީލަތި އެހީފުޅު ލިބިގެން ހިނގަމުންދާ ޖަމްޢިއްޔާ، ޖަމާޢަތްތައްވެސް މަދެއް ނޫނެވެ. މީގެތެރޭގައި، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކާއި، ދިވެހިންގެ ކުރިއެރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކަށް އެހީވެދެއްވުމުގެގޮތުން، މި ޖަމްޢިއްޔާތައް ހިންގާނެ އޮފީސް ޢިމާރާތް ދެއްވައި އަދި ހިންގުމަށް ބޭނުންވާނެ ތަކެތި ދެއްވައި، އެ ޖަމްޢިއްޔާތައް ދެމެހެއްޓެވުމަށްޓަކައި ގިނަގުނަ ހޭދަތައް ކުރައްވަމުން ގެންދަވާކަންވެސް ފާހަގަކުރެވެއެވެ. މީގެއިތުރުން، މާލެއަތޮޅު ހުރާގެ ތަރައްޤީއަށް ވަޙީދުއްދީން ވެދެއްވާފައިވާ ތަފާތު އެހީފުޅުތައްވެސް، ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެއެވެ.

           ވަޙީދުއްދީނަކީ، ރާއްޖޭގެ ކުޅިވަރު ދިރުވައި ތަރައްޤީ ކުރެއްވުމަށްވެސް ވަރަށްބޮޑު އެހީފުޅުތަކެއް ވެދެއްވާފައިވާ ބޭފުޅެކެވެ. އިޖްތިމާޢީ ޚިދުމަތަކީ، ވަޙީދުއްދީނުގެ ލެޔާ ގުޅިފައިވާ ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވާއިރު، އޭނާގެ އުންމީދަކީ، އިޖްތިމާޢީ ޚިދުމަތުގެ ދާއިރާއަށް ވީހާވެސް ގިނަ ޒުވާނުން ނުކުމެ، މި ދާއިރާއަށް ތަފާތު އެހީތައްވެދީ، އެފަދަ ޒުވާނުން މި ރޮނގުން ޤައުމީ އިނާމު ޙާޞިލު ކުރަމުންދާތަން ދެކިވަޑައިގަތުމެވެ.