އަލްއުސްތާޛު އިބްރާހީމް ޝިހާބު
މ.ބަގީޗާގެ

 

އަލްއުސްތާޛު އިބްރާހީމް ޝިހާބު އަދަބީގޮތުން ލިޔުއްވާފައިވާ މަޒްމޫނުތަކަކީ، ޢިބްރަތްތެރި، ފަށުވި ޢިބާރާތްތަކަކުން ލިޔުއްވާފައިވާ މަޒްމޫނުތަކެއް ކަމުގައި ދަންނަވަންޖެހެއެވެ. ބަހުގެ ހަމަތަކާއި އުސޫލްތައް ހިފަހައްޓަވާފައިވެއެވެ. އެހިނދަކަށް ބޭނުންފުޅު ކޮންމެ މައުޟޫޢަކީ، ފަސޭހަކަމާއެކު އެމަނިކުފާނުގެ ގަލަން ހިނގާ މައުޟޫޢެއް ކަމުގައި އޮންނަނީ ވެފައެވެ.

އަލްއުސްތާޛު އިބްރާހީމް ޝިހާބަކީ، މޮޅު ޝާޢިރެއްވެސްމެއެވެ. ރާއްޖޭގައި ފާހަގަކުރެވޭ ޅެންވެރިންގެ ދުވަސް ފާހަގަކުރެވެމުން އަންނަނީ، އެމަނިކުފާނުގެ ނަންފުޅަށް ނިސްބަތްކޮށެވެ. އަލްއުސްތާޛު އިބްރާހީމް ޝިހާބު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވިދުވަހާ ދިމާވާގޮތަށް، ކޮންމެ ޖެނުއަރީ މަހެއްގެ ފަނަރަވަނަ ދުވަހުއެވެ. ޅެންވެރިކަމުގެ ދުނިޔޭގައި އެމަނިކުފާނު މަޝްހޫރު ވެވަޑައިގެންފައިވަނީ "ގުލްފާމް" ގެ ނަމުންނެވެ.

ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ބަލާއިރު އެއީ ޤައުމުގެ "ދޫ" ކަމުގައި ބުނެވިދާނެއެވެ. އެހާވެސް ފަސޭހަފުޅުކަމާއެކު ފަށުވި ޢިބާރާތުން މީހުންގެ ސަމާލުކަން އަތުލައްވަމުން ތަޤްރީރުތައް ދެއްވާފައިވެއެވެ.