އަލްފާޟިލް މުޙައްމަދު ޒާހިރު ނަޞީރު
މ.ފެންފިޔާޒުގެ

ރާއްޖޭގައި ފުރަތަމަ ޖުމްހޫރިއްޔާތުގެ ދައުރުއްސުރެ ޒާހިރު ނަޞީރަކީ، ކުޅިވަރުގެ ދަނޑުތަކުން ވަރަށްގިނައިން ފެންނަމުންދިޔަ ބޭފުޅެކެވެ. އޭގެފަހުން ކުޅިވަރު މުރުޝިދެއްގެގޮތުގައި ފެންނަށް ފެށިއެވެ. ޒާހިރު ނަޞީރުގެ ހަމަހުރިހާ ވަގުތެއް ހުސްކުރައްވާފައިވަނީ، ކުޅިވަރުގެ ކަންތަކަށެވެ. ޝައުގުވެރިކަމާއި، މުރާލިކަމާއެކު އޭނާ އެމަސައްކަތް ކުރައްވަމުން ގެންދަވަނީ، ކުޅިވަރު ކުޅޭ ޒުވާނުންވެސް ޝައުޤުވެރި ކުރައްވަމުންނެވެ.

ތެދުތެދަށް ދަންނަވާނަމަ، ރާއްޖޭގެ ކުޅިވަރު ތަރައްޤީ ކުރެއްވުމަށް އަމިއްލަ ފަރުދެއްގެގޮތުން އެންމެ ބޮޑު މަސައްކަތެއް ކުރެއްވި ބޭފުޅެއްކަމުގައި މުޙައްމަދު ޒާހިރު ނަޞީރު ނުވެއެއް ނުދާނެއެވެ. ރާއްޖެއަށް އައު ކުޅިވަރުތައް ތަޢާރުފުކޮށްދެއްވުމާއި، ޒަމާނުއްސުރެ ރާއްޖޭގައި ކުޅެވެމުން އައި ބައެއް ކުޅިވަރުތައް އަލުން ދިރުވައި، ޒަމާނާ އެއްގޮތަށް ގަވާއިދުތަކަށް ބަދަލުތައް ގެންނަވަމުން ގެންދެވީ، އޭނާގެ މަސްއޫލުވެރިކަމުގެ ދަށުގައި އެކަމަށް ޚާއްޞަ އެކަޑަމީއެއް، ނިއު ސްޕޯރޓްސް އެކަޑަމީގެ ނަމުގައި އުފައްދަވައިގެންނެވެ.