އަލްއުސްތާޛް ޢަބްދުﷲ ޙަމީދު
ހ.މީނާޒް

ދިވެހި އަދަބީ ޖައްވުގައި ވައިރޯޅި ހިނދި، ދިވެހިބަހަށް އޭގެ ދަތުރު ގެއްލިގެން ދާން އުޅުނު ދުވަސްވަރެއްގައި، މިނިވަން އައްސޭރިއަކަށް ދިވެހިބަސް ގެންދެވޭތޯ މަސައްކަތްޕުޅުކުރެއްވި އެއް ބޭފުޅަކީ، އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ. މިނިވަން އައްސޭރީގެ ނަމުގައި ޖަމްޢިއްޔާއެއް ހައްދަވައިގެން، އަލްއުސްތާޛް ޢަބްދުﷲ ޙަމީދު މަސައްކަތްޕުޅު ކުރައްވާފައިވެއެވެ. ދިވެހީންގެ މާދަރީބަސް ކަމުގައި ހިމެނޭ ދިވެހިބަހާ ދޭތެރޭގައި އެމަނިކުފާނުގެ ހިތްޕުޅުގައި ޚާއްޞަ ކުލުނަކާއި ލޯތްބެއް އެކުލެވިފައިވެއެވެ. ބަހުގެ ހަމަތަކާއި އުސޫލުތަކާ ޚިލާފަށް ލިޔާ މީހުންގެ ލިޔުންތަކާ ދޭތެރޭ ފުންކޮށް ވިސްނާވަޑައިގެން، އެކަންކަން އިޞްލާޙު ކުރެއްވޭތޯ ޙަމީދު މަސައްކަތްޕުޅު ކުރައްވާފައިވެއެވެ. 

ޢަބްދުﷲ ޙަމީދަކީ، ދިވެހިބަހުގެ ބަސްމޮށުންތެރިކަމުގެ ރޮނގުންވެސް މިއަދު އެންމެ ކުރިއަށް ވަޑައިގެން ހުންނެވި ބޭފުޅެއްކަމުގައި ދަންނަވަން ޖެހެއެވެ. އޭނާގެ ވާހަކަފުޅުގެ ޢިބާރާތްތައް ދިވެހިބަހުގެ ހަމައަށް ފެތިފައިވާލެއް ފުރިހަމަކަމުންނާއި، ޢިބާރާތްތަކުގެ ފަށުވިކަމަށް ގިނަބަޔަކު ތަޢުރީފްކުރެއެވެ.