އަލްފާޟިލް މުޙަންމަދުމަނިކު
ގދ.ފަރެސްމާތޮޑާ/ ބިނާ (މާތޮޑާ އަވަށް)

 މުޙަންމަދުމަނިކަކީ، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއިން މަދުން ނޫނީ ފެނިގެންނުދާފަދަ ހުނަރުވެރި މަސައްކަތެއް ކުރެއްވުމުގެ ރޮނގުން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭނާގެ ޚާއްޞަ މަސައްކަތަކީ، މަސްބާނަން ބޭނުންކުރާ އެކި ސައިޒުގެ ބުޅި ޖެއްސެވުމެވެ. މިގޮތުން، ހަވާއީ ބުޅި، ސަތޯ ބުޅި، ހުވަނި ބުޅި ތައްޔާރު ކުރައްވަމުން ގެންދަވަނީ، އެ ތަކެއްޗާމެދު މަސްވެރިންގެ އިތުބާރާއި، އެ ތަކެތީގެ ފެންވަރާމެދު ސުވާލު ނުއުފެއްދޭ މިންވަރަށެވެ. 

މުޙަންމަދުމަނިކު ބުޅި ޖެއްސެވުމުގެ މަސައްކަތް ފުރަތަމަ ކުރެއްވީ، ދިވެހިން ކުރިންވެސް މިމަސައްކަތް ކުރިގޮތަށް ދަގަނޑު ތަޅައިގެން، ދަގަނޑު ލަންބައިގެން، ފަންވަރު ޖަހައިގެން ގިރުނބައިންނެވެ. މިހާރު ގިރުނބައިން ކުރައްވަނީ، ހަމައެކަނި ފަންވަރު ޖެހުމުގެ މަސައްކަތެވެ. އެހެން މަސައްކަތްތައް ކުރައްވަނީ، ގޭސް އުނދުން ބޭނުންކުރައްވައިގެންނެވެ. އަދި މިހާރު މިމަސައްކަތް ކުރައްވަނީ، އަމިއްލައަށް ތައްގަނޑު ހައްދަވައިގެންނެވެ. އެވްރެޖްކޮށް ދުވާލަކު  ތިންސަތޭކަ ބުޅި، އޭނާ ހައްދަވައެވެ. އެއީ 10 ގަޑިއިރުގެ މަސައްކަތުންނެވެ.

ރާއްޖެއަށް މުޅިން އާ ވައްތަރެއްގެ ދެބާވަތެއްގެ ބުޅިވެސް އޭނާވަނީ އީޖާދު ކުރައްވާފައެވެ. އެއީ، ދޮށިން ބޮޑުކަންނެލި ބާނާ ބުޅިއާއި، ނަނުން ބޮޑުކަންނެލި ބާނާ ބުޅިއެވެ. ބުޅިޖަހާ މެޝިން އަމިއްލައަށް އީޖާދު ކުރައްވައިގެން، އިހުގެ ކާބަފައިން ކުރިގޮތާ މުޅިން ތަފާތުކޮށް، ވަރަށް ސްޕީޑް އަވަސް، ލުއި ގޮތްތައް އީޖާދު ކުރައްވައިގެން، މި މަސައްކަތް އޭނާ ކުރައްވަމުން ގެންދަވައެވެ. އަދި ދަގަނޑު ތަޅައިގެން ބުޅި ތައްޔާރު ކުރެއްވުމުގެ ބަދަލުގައި، އެކި ސައިޒުގެ ފަންވަރު ދަގަނޑާއި، ކޮންކްރީޓް މޮހޮރު ހޯދައި، އެއްފަހަރާ ދެ ބުޅިއާއި ތިން ބުޅި ލަންބާނެ މެޝިނެއްވެސް ތައްޔާރުކުރައްވައި، ތޮރުފުމުގެ ބަދަލުގައި ޕަންޗު ކޮށްގެން ލޯވަޅު އެޅޭފަދަ ވަސީލަތްތައް ބޭނުންކުރައްވަމުން ގެންދަވާކަމީވެސް އޭނާގެ މަސައްކަތް ހަލުއިވެގެންދާ ކަމެކެވެ.

މުޙަންމަދުމަނިކަކީ ބުޅި ޖެއްސެވުމުގެ މަސައްކަތުގައި އެންމެ ދެކުނުގެ 4 އަތޮޅަށް ވަރަށް މަޝްހޫރު ބޭފުޅެކެވެ. މިދެންނެވި 4 އަތޮޅުގެ ގިނަ މަސްވެރިން ބޭނުންކުރަމުން ގެންދަނީ، މުޙަންމަދުމަނިކު ޖައްސަވާ އެކި ވައްތަރުގެ ބުޅިއެވެ. އޭނާ ބުޅި ޖައްސަވަމުން ގެންދަވަނީ، މަސްވެރިން ބޭނުންވާގޮތަށް، އެމީހުންނަށް ކަމުދާގޮތަށެވެ. މަހަކު ހަތަރުހާހަށްވުރެ ގިނަ އަދަދެއްގެ ބުޅި ވިކެމުންދާކަން އެއީ، އޭނާގެ މި އުފެއްދެވުމަށް މަސްވެރިންގެ އިތުބާރު އޮތްކަމުގެ ވަރަށް ފުރިހަމަ ދަލީލެކެވެ. މިހާރުވެސް ކޮންމެ ދުވަހަކު ހެނދުނުން ފެށިގެން ހަވީރު ވަންދެން އެ މަސައްކަތް މެދުނުކެނޑި ކުރައްވަމުން ގެންދަވާކަމީ، މުޙަންމަދުމަނިކުގެ ހިތްޕުޅުގައި މިކަމަށް އޮންނަ ޝައުޤުވެރިކަން ހާމަކޮށްދޭ ކަމެެކެވެ.

ބުޅި ޖެއްސެވުމުގެ މަސައްކަތުގެ އިތުރުން، މަސްދޯނިފަހަރުގައި މަސްވެރިން ބޭނުންކުރާ އެންމެ ކުޑަ ނަގިލިން ފެށިގެން އެންމެ ބޮޑެތި ނަގިއްޔާ ހަމައަށް މުޙަންމަދުމަނިކު ނަގިލިވެސް ހައްދަވަމުން ގެންދަވައެވެ. މީގެއިތުރުން، އެން އުކާ ވައްޓާއި، މަސް ހިފާ ދަލުގެ ބަރިވެސް ހައްދަވައެވެ. މީގެތެރެއިން ބައެއް މަސައްކަތްތަކަކީ، އެއްވެސް އަގަކާނުލައި ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތަކެކެވެ. ތަކެތި ގެނައުމުން، ހިލޭ ކޮށްދޭ މަސައްކަތްތައް ކޮށްނުދެއްވާ އެންމެ ދުވަހެއްވެސް ނުދެއެވެ.

މުޙަންމަދުމަނިކުގެ މި ޚިދުމަތުގެ އަގު ވަޒަން ކުރައްވައި، މަސްވެރިކަމަށް ޚިދުމަތް ކުރެއްވުމުގެ ރޮނގުން 1990 ވަނަ އަހަރު ސަރުކާރުންވަނީ، ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ދެއްވާފައެވެ. އިނާމު ލިބިވަޑައިގެންނެވި ފަހުން މިވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައިވެސް މެދުނުކެނޑި އޭނާ ގެންދެވީ މަސައްކަތް ކުރައްވަމުންނެވެ. އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކުރެވޭ ކަމަކީ، އޭނާއަކީ ޚާއްޞަ އެހީއަށް ބޭނުންވާ ބޭފުޅަކަށްވީނަމަވެސް، މި މަސައްކަތުގައި ޙަރަކާތްތެރިކަމާއެކު ދެމިހުންނެވިކަމެވެ. މިއީ ރާއްޖޭގައި ތިއްބެވި، ޚާއްޞަ އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް އޭނާ ދެއްވާ، ވަރަށް ރަނގަޅު މެސެޖެކެވެ.

މުޙަންމަދުމަނިކުގެ މި މަސައްކަތަށް އޭނާއަށް އެންމެ ބޮޑަށް އެހީތެރިވެދެއްވާ ބޭފުޅަކީ، އޭނާގެ ލޮބުވެތި އަނބިކަނބަލުންނެވެ. ޒުވާން ކުދިންނަށް މުޙަންމަދުމަނިކު މި މަސައްކަތް ދަސްކޮށްދެއްވާފައި ވެއެވެ. އަދި  މިހާރުވެސް ބައެއް ޒުވާނުން މި މަސައްކަތުގައި މުޙަންމަދު މަނިކަށް އެހީތެރިވެދެމުން ގެންދެއެވެ.