އަލްފާޟިލް މުޙައްމަދު ނިޒާރު އިބްރާހީމް
މަދުގަސްދޮށުގެ / ޅ.ނައިފަރު

މާލޭގައި ހުންނަވައިގެން ލައިބްރަރީއެއް އުފައްދައި ހިންގުމުގެ ޚިޔާލު ކުރެއްވުމަށްފަހު   1973ން 1980އާ ދެމެދު، ތަފާތު ފޮތްތައް އެއްކުރައްވަމުން ގެންދެވިއެވެ. މުޙައްމަދު ނިޒާރަކީ، ފޮތް ކިޔުއްވުމަށް ވަރަށް ޝައުޤު ހުންނަ ބޭކަލެކެވެ. މާލޭގައި ހުންނަވައިގެން "ނައިފަރު ޕަބްލިކް ލައިބްރަރީ" 7 މާރިޗު 1980ގައި ރަޖިސްޓަރީ ކުރެއްވިއެވެ. މަސްއޫލުވެރިޔަކީވެސް، މުޙައްމަދު ނިޒާރެވެ. އެތަން ހިންގެވުމާބެހޭ ހުރިހާ ޚަރަދެއް ކުރެއްވީވެސް އޭނާ އަމިއްލައަށެވެ. ލައިބްރަރީ ހިންގުމުގައި، ނައިފަރު ތަންހަޅިގޭ މުޙައްމަދު މޫސާފުޅާއި، ނަރުގިސްވާދީ ރިޟްޥާން ޢަލީއާ ދެކުދިންގެ އެހީއާއި މަދަދުވެސް ލިބިލައްވާފައިވެއެވެ. ފުރަތަމަ، ލައިބްރަރީ ހިންގަން ފެށިއިރު އެތާނގައި ހުރީ، ތަފާތު 600 ފޮތެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން 3500 އަށްވުރެ ގިނަ އަދަދެއްގެ ފޮތް އެއްކުރެއްވިއެވެ. އޭގެ ތެރޭގައި ހަތަރުބައި ކޮށްފައި ތިންބައި އެއީ، ދިވެހި ފޮތެވެ. ދެން ހުރީ، ޢަރަބި، އުރުދޫ، އިނގިރޭސި ފޮތެވެ. 

އަލްފާޟިލް މުޙައްމަދު ނިޒާރު އިބްރާހީމް ފުރަތަމަ ލައިބްރަރީ ހިންގަވަން ފެށްޓެވިއިރު، ލައިބްރަރީ ހިންގުމުގެ މަޢުލޫމާތެއް ނެތްނަމަވެސް ފަހުން އެމަޢުލޫމާތު އޭނާ ހޯއްދެވިއެވެ.