އަލްފާޟިލް ޢަލީ ޙުސައިން
ހ. ސީސައިޑް

ހެންވޭރު ސީސައިޑް ޢަލީ ޙުސައިން ނުވަތަ މަޝްހޫރު އިތާމުތްގޭ ޢަލީ ޙުސައިނަކީ، މިހާރު ދުނިޔޭގައި ތިއްބެވި ދިވެހި ބޭސްވެރިންގެ ތެރެއިން ވަރަށް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭނާ ދިވެހިބޭސްވެރިކަން އެންމެ ފުރަތަމަ ދަސްކުރެއްވީ، އޭނާގެ ލޮބުވެތި ބައްޕަ އައްޑޫ ޙުސައިން މަނިކުފާނުގެ އަރިހުންނެވެ. މަރްޙޫމް އައްޑޫ ޙުސައިން މަނިކުފާނަކީ، އެޒަމާނުގައި މަޝްހޫރު ދިވެހި ބޭސްވެރިއެކެވެ. ބައްޕަގެ އަރިހުން ޢަލީ ޙުސައިން ދަރިވަރުވެވަޑައިގަތީ، ކުޑައިރުއްސުރެ މިކަމަށް އޮތް ޝައުޤުވެެރިކަމެއްގެ ބޮޑުކަމުންނެވެ. 

ޢަލީ ޙުސައިނަކީ، އޭނާގެ މަސައްކަތުގައި ހީވާގިކަމާއި މުރާލިކަމާއެކު ކުރިއަށް ވަޑައިގެންނެވި ބޭފުޅެކެވެ. ދިވެހިބޭސްވެރިކަމުގެ ތެރެއަށް އޭނާ ވެދެވަޑައިގަތީ، ޢުމުރުން އެންމެ 16 އަހަރުގައެވެ. ދިވެހިބޭސްކުރުމުގެ ހުއްދަ، ވުޒާރަތުއްޞިއްޙާއިން ޢަލީ ޙުސައިނަށް ދެއްވާފައިވަނީ، ހިޖުރައިން 1374 ވަނަ އަހަރުއެވެ.

ވިލާތުބޭސް ރާއްޖެއަށް ބޮޑަށް ތަޢާރުފުވުމުގެ ކުރިން، ޢަލީ ޙުސައިން ވަނީ ރާއްޖޭގެ ސަތޭކަ ފަސްދޮޅަހަށްވުރެ ގިނަ ރަށްރަށަށް ދަތުރުކުރައްވައި، އެ ރަށްރަށުގައި އޭރު ތިއްބެވި ދިވެހި ބޭސްވެރިންނަށް، ދިވެހިބޭހާބެހޭ މަޢުލޫމާތު ދެއްވައި، ބޭސް ހަދާނެ ގޮތާއި، ތަރަޙަތައް އޮޅުންފިލުއްވައިދެއްވާފައެވެ. ދަތުރުފަތުރުގެ ކަންތައްތައް ވަރަށް ދަތިކޮށް އޮތް ދުވަސްވަރެއްގައި، ރިޔަލު ދޯނީގައި މި ދެންނެވި ރަށްރަށަށް ދަތުރު ކުރެއްވިކަން އެއީ، ޢަލީ ޙުސައިންގެ ހިތްޕުޅުގައި ދިވެހި ބޭހަށް އޮތް ޝައުޤުވެރިކަމުގެ ބޮޑުކަމެވެ.

ދިވެހިބޭސްވެރިކަން އިތުރަށް ތަރައްޤީ ކުރެއްވުމަށްވެސް ޢަލީ ޙުސައިން ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މިގޮތުން ދިވެހިރާއްޖޭގައި ލިބެން ހުންނަ ބާވަތްބާވަތުގެ ފަތްޕިލާވެއްޔާއި، ގަސްގަހާގެއްސާއި، މަސްމަހާމެހި ބޭނުންކުރައްވައިގެން، އެކިބާވަތުގެ ބޭސްތައް އޭނާވަނީ ހައްދަވާފައެވެ. އަދި ދިވެހިބޭހަށް ބޭނުންކުރާ ފަތްޕިލާވެލީގެ ގަސްތައް، އަމިއްލަފުޅަށް އިންދަވައި ހައްދަވާފައިވެއެވެ. ރާއްޖެއިން ލިބެން ހުންނަ ފަތްޕިލާވެލީގެ ބާވަތްތަކާއި، ގަސްގަހާގެއްސާއި، މަސްމަހާމެހި ބޭނުންކުރައްވައިގެން، މިޒަމާނުގެ ޓެކްނޯލޮޖީގެ އެހީއާއެކު، ގިނަގުނަ ތަދުތަކަށް ތަފާތު ބާވަތުގެ އޮއިންޓްމަންޓް ނުވަތަ އުނގުޅާ ބޭސް ތައްޔާރުކުރައްވައި، ޓޮނިކްފަދަ ބޭސްތައް އުފައްދަވާފައިވެއެވެ.

ތަފާތު އެތައް ބަލިތަކަކަށް ޢަލީ ޙުސައިން ވަނީ ފަރުވާދެއްވާފައެވެ. ރުއްގަލު ބޭސް، ރާއްޖެބަލީގެ ބޭސް، ވިހައިގެ ބޭސް، ގަނޑުގެ ބޭސް، ކިހުނު ބޭސް، ދުވަނީގެ ބޭސް، ފުރަގަސްފަރާތު ބަލީގެ ބޭސް، ކަނޑިފާރު ބޭސް، ކަރުގެ ބޭސް، އަދި މިނޫންވެސް އެކި ބަލިބައްޔަށް ބޭނުންވާ ބޭސްތައް އޭނާ ވަނީ ހައްދަވާފައެވެ. އަދި މިފަދަ ބަލިތަކަށް ބޭސް ހެއްދެވުމަށް ބޭނުންވާ ތަކެތި ލިބިވަޑައިނުގަންނަވާ ވަގުތެއްގައި، ލިބެން ހުންނަ އެކިބާވަތްތައް ބޭނުންކުރައްވައިގެން، ޒަމާނަށް އަންނަ ބަދަލުތަކާއެކު، އާ އީޖާދުތަކާއި އާ ދިރާސާތައް، ޢަލީ ޙުސައިން ވަނީ ކުރައްވާފައެވެ. 

އައްޑުއަތޮޅުން އިނގިރޭސިން ފޭބުމާއެކު، ޞިއްޙީ އެއްވެސް ފަރުވާއެއް، އެތަނުގައި ލިބެން ނެތް ދުވަސްވަރެއްގައި، މަރަދޫގައި ކްލިނިކެއް ހުޅުއްވައި، އެތަނުގައި ދިވެހިބޭސް ކޮށްދެއްވާފައިވެއެވެ. އަދި ޑޮކްޓަރެއްގެ ޚިދުމަތްވެސް އެ ކްލިނިކުން ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާފައިވެއެވެ.

ޢަލީ ޙުސައިނަކީ، 1981 ވަނަ އަހަރު އުފެދުނު ދިވެހި ބޭސްވެރިންގެ ޖަމްޢިއްޔާގެ އެއް ބާނީއެވެ. އެފަދަ ޖަމްޢިއްޔާއެއް އުފެއްދެވުމުގެ ޝައުޤުވެރިކަން އޭނާގެ ހިތްޕުޅުގައި އުފެދުނީ، އެތަކެއް އަހަރުއްސުރެ ދިވެހިން، އެކި ކެމިކަލްތައް ބޭނުންނުކޮށް ކުރަމުންދިޔަ ޤުދްރަތީ ޠަބަޢީ ބޭސްވެރިކަން ކުރިއަށް ގެންދެވުމަށްޓަކައެވެ. އަދި ދިވެހި ބޭސްވެރިކަމުގެ ސަނަދު ދޫކުރައްވާ އިމްތިޙާނު ކޮމިޓީގެ މެންބަރުކަންވެސް އޭނާ ވަނީ ކުރައްވާފައެވެ.

ޢަލީ ޙުސައިނަށް ވަނީ ދިވެހި ބޭސްވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، 1987 ވަނަ އަހަރު ލިބިވަޑައިގެންފައެވެ. ދިވެހި ބޭސްވެރިކަމާއި މުޖްތަމަޢާ ގުޅޭގޮތަށް ލިޔުއްވާފައިވާ ޢިބްރަތްތެރި ފަންސާހަށްވުރެ ގިނަ މަޒުމޫނު ހިމެނިފައިވާ ފޮތެއް ޝާއިޢުކުރެއްވުމުގެ މަސައްކަތް އޭނާ ގެންދަވަނީ ކުރައްވަމުންނެވެ.

"އެލިސަން މެޑިކަލް ކްލިނިކް"ގެ ނަމުގައި 1999 ވަނަ އަހަރު ހުޅުއްވި ކްލިނިކް، މި އަހަރު ބަންދުކުރެއްވި ނަމަވެސް، ބޭސްކުރަން ޢަލީ ޙުސައިން އަރިހަށް އަންނަ މީހުންނަށް މިހާރުވެސް ބޭސްފަރުވާ ކޮށްދެއްވަމުން ގެންދަވައެވެ.