ޑޮކްޓަރ ސުނީނާ ރަޝީދު
ކާނިގަސްދޮށުގެ، ގދ.ރަތަފަންދޫ

ޑޮކްޓަރ ސުނީނާ ރަޝީދަށް ދިވެހި ސަރުކާރުން ހަނދާނީ ފިލައެއް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ޕީ.އެޗް.ޑީ.އަށް ފުރަތަމަ ހުޅުވައިލި ފުރުޞަތުގައި އެކޯހުގައި ބައިވެރިވެވަޑައިގެން، ރާއްޖޭގައި ފުރަތަމަ ޕީ.އެޗް.ޑީ ހާސިލު ކުރެއްވުމުގެ ޝަރަފު ހޯއްދަވާފައިވާތީ، އެކަމުގެ އަގު ވަޒަންކުރައްވައި އެކަމުގެ ހަނދާނެއްގެ ގޮތުންނެވެ.

ޑޮކްޓަރ ސުނީނާ ރަޝީދުގެ ޢިލްމީ ތަޙުޤީޤު ބިނާކުރައްވާފައިވަނީ، ދިވެހިރާއްޖޭގެ މުދައްރިސުން ތަމްރީނު ކުރުމުގެ މައިދާނީ ތަމްރީނު މިހާރު ހިންގާގޮތާއި، އެކަމުގައި ދިމާވާ ގޮންޖެހުންތަކާއި، އަދި ކުރިމަގުގައި މިހާރަށްވުރެ ރަނގަޅަށް މި ތަމްރީނު ރާވައި ހިންގިދާނެ ގޮތްތަކުގެ މައްޗަށެވެ.