ޑޮކްޓަރ ޢަބްދުއްރަޙީމް ޙަސަން
ލިލީގެ، ތ.ހިރިލަންދޫ

މި އިނާމު މިއެރުވެނީ ނިއުޒީލެންޑުގެ ވެލިންގޓަންގައި ހުންނަ ވިކްޓޯރިއާ ޔުނިވަރސިޓީ އޮފް ވެލިންގޓަނުން 2016 ވަނަ އަހަރު އެޑިޔުކޭޝަންގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސޮފީ ހާސިލު ކުރައްވާފައިވާތީއާއި، ޕީ.އެޗް.ޑީ.އަށް ކުރެއްވި ދިރާސާތަކުގެ އަލީގައި ލިޔުއްވި ތަފާތު 3 އާޓިކަލް ބައިނަލްއަޤްވާމީ ޖަރނަލްތަކުގައި ޝާއިޢުކޮށްފައިވާތީއެވެ. އަދި އެގޮތަށް ލިޔުއްވި ބައެއް އާޓިކަލްތައް އިންޓަރނޭޝަނަލް ހަތަރު ކޮންފަރެންސަކަށް ހުށަހަޅުއްވައި، އެތަނުން އެއް ހުށަހެޅުއްވުމަށް [ބެސްޓް ޕޭޕަރ އެވޯޑް] ލިބިވަޑައިގެންފައިވާތީއެވެ.

ޑޮކްޓަރ ޢަބްދުއްރަޙީމް ޙަސަން ޕީ.އެޗް.ޑީ ހާސިލު ކުރެއްވުމަށް ކުރެއްވި ދިރާސާއަކީ، އެކަހެރި އަދި ކުދި ރަށްރަށުގައި ކިޔަވައިދިނުމުގެ ދާއިރާގައި މުދައްރިސުން ޝައުޤުވެރިކަމާއެކު ތިބުމަށް ހިތްވަރުލިބި ޝައުޤުވެރިވާ ކަންތައްތައް ދެނެގަތުމަށް ކުރެއްވި ދިރާސާއެކެވެ. ދިވެހިރާއްޖޭގެ ރަށްތައް ފަދަ ކުދި ޖަޒީރާތަކުގައި މުދައްރިސުން ކިޔަވައިދިނުމުގެ ޚިދުމަތުގައި ދެމިތިބުމަށް ޝައުގުވެރިކުރުވިދާނެ ގޮތްތަކަށް މި ދިރާސާގެ ހޯދުންތަކުން މަގުދައްކައިދޭނެ ކަމަށް ބެލެވެއެވެ.

މި ދިރާސާގެ މައްޗަށް ބިނާކުރައްވައި ޑޮކްޓަރ ޢަބްދުއްރަޙީމް ލިޔުއްވި ތީސީސްގައި، ކުދި ރަށްރަށުގައި މުދައްރިސުން ޚިދުމަތުގައި ދެމިތިބުމަށް ހުންނަ ޝައުޤުވެރިކަން ދިރާސާކުރުމަށް ބޭނުންކުރެވިދާނެ އައު އޮނިގަނޑެއް [ދަ ރިޗް ތިއަރީ އޮފް މޯޓިވޭޝަން]ގެ ނަމުގައި ހިމަނުއްވާފައިވެއެވެ. މި ދިރާސާއަށް މަޢުލޫމާތު ހޯއްދަވާފައިވަނީ، ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގެ އެކި ގިންތިތަކުގެ ހިއްސާދާރުންގެ ތެރެއިން ހޮވައިލި ބައިވެރިންގެ ފަރާތުންނެވެ. އަދި ޖަޒީރާ ޤައުމުތަކުގައި ކޮށްފައިވާ މިކަމާ ގުޅުންހުރި އެކިއެކި ދިރާސާތަކުންނެވެ.

ޑޮކްޓަރ ޢަބްދުއްރަޙީމް ޙަސަންގެ އިސްވެ ދެންނެވި އާޓިކަލްތައް ޝާއިޢުކޮށްފައިވަނީ، އިންޓަރނޭޝަނަލް ޖަރނަލް އޮފް ސޯޝަލް ސައިންސް އެންޑް ހިއުމޭނިޓީއާއި، ޖަރނަލް އޮފް ސޯޝަލް ސައިންސްގައެވެ. އެހެން ބައެއް އާޓިކަލްތައް ނިއުޒީލޭންޑާއި، ބްރުނާއީއާއި، ސައުތު ކޮރެއާއާއި، ސްރީލަންކާގައި ބާއްވާފައިވާ އިންޓަރނޭޝަލް ބައެއް ކޮންފަރެންސްތަކަށްވެސް ހުށަހެޅުއްވިއެވެ. ބްރުނާއީ ދާރުއްސަލާމްގައި އޮތް، އިންޓަރނޭޝަނަލް ކޮންފަރެންސަކަށް ޑޮކްޓަރ ޢަބްދުއްރަޙީމް ޙަސަން ހުށަހެޅުއްވި ދިރާސާ ކަރުދާހަށް ވަނީ [ބެސްޓް ޕޭޕަރ އެވޯޑް] ލިބިވަޑައިގެންފައެވެ.

ޑޮކްޓަރ ޢަބްދުއްރަޙީމް ޙަސަން ޕީ.އެޗް.ޑީ ހާސިލު ކުރައްވައި، 2016 ވަނަ އަހަރުގެ ޑިސެމްބަރ މަހު ރާއްޖެ ވަޑައިގެން އަދާކުރައްވަމުން ގެންދަވަނީ، ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމެވެ.